ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ދަތުރުފުޅުގައި މަޑުއްވަރީއަށްވެސް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މަޑުއްވަރީއަށްވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި މަހުގެ 7 ވަނަ ދުވަހު ށ. އަތޮޅަށާއި، ރ. އަތޮޅަށް ރައީސް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ތާވަލުކުރި ށ. އަތޮޅުގެ ހަތަރު ރަށަށް ރައީސް ވަޑައިގެން އެ އަތޮޅުގެ ދަތުރުފުޅު ރައީސް މިހާރުވަނީ ނިއްމަވާލައްވައިފައެވެ.

ރ. އަތޮޅަށް ދަތުރު ފައްޓަވާ މިހާރު އެ އަތޮޅުގެ ދެ ރަށަކަށް މިހާރު ވަޑައިގަންނަވާފައިވާއިރު، ރ. މަޑުއްވަރީއަކީ ރައީސްގެ ދަތުރުފުޅުތައް ފެއްޓެވިއިރު ވަޑައިގެންނެވުމަށް ޝެޑިއުލްކޮށްފައިވާ ރަށެއް ނޫނެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ރައީސް މަޑުއްވަރީއަށްވެސް ވަޑައިގަންނަވާ ގޮތަށް މިހާރު ހަމަޖެހިފައި ވަނިކޮށެވެ.

ރައީސް ސޯލިހްއާއި އެމަނިކުފާނުގެ އަނބިކަނބަލުން މަޑުއްވަރީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި މިވަނީ، އިއްޔެ އެ ރަށް ކޮވިޑް-19 ގެ މޮނިޓަރިން ހާލަތުން ނެގުމާއެކުއެވެ. އެރަށް މޮނިޓަރިން އަށް ލައިފަައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

ރައީސްއާ އަނބިކަނބަލުން ރ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލާ ސަރުކާރުގެ އިދާރާތަކާއެކު ބައްދަލުކުރައްވާ ގިނަ މަޝްވަރާތަކެއް ދަނީ ކުރައްވަމުންނެވެ.

ށ. އަތޮޅަށް ކުރި ދަތުރުފުޅުގައި ރައީސް ވަނީ އެ އަތޮޅުން ފުނަދޫ އާއި ޅައިމަގާއި ފޯކައިދު އާއި މާއުނގޫދު އަށް ވަޑައިގަންނަވާފައެވެ. އަދި ރ. އަތޮޅުން ރައީސް ވަޑައިގަންނަވަން ޝެޑިއުލް ކޮށްފައި އޮތީ ވާދު އާއި އަލިފުއްޓާއި ރަސްގެތީމާއި އަނގޮޅިތީމަށެވެ. އަދި މަޑުއްވަރީއަށްވެސް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސް މިހާރު ވަނީ ވާދޫ އާއި އަލިފުއްޓަށް ވަޑައިގަންނަވައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ