ފޮޓޯ: އަވަސް

ދިދަ ހޫރުވި މައްސަލައިގައި ޔާމީނަށް ކަރެކްޝަނުން ނަސޭހަތް ދީފި

އިދިކޮޅު ކޯލިޝަން ޕާޓީ، ޕީޕީއެމް/ޕީއެންސީން "އިންސާފު ހޯދަން" ނަމުގައި މި މަހުގެ 10 ވަނަ ދުވަހު ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން، ގޭގައި ހުންނަވާ ދިވެހި ގައުމީ ދިދަ އާއި ޕީޕީއެމް ދިދަ ހޫރުވި މައްސަލައިގައި އެކަން ތަކުރާރުނުކުރުމަށް އަންގާ، އެމަނިކުފާނަށް ނަސޭހަތް ދިނުމަށް ފަހު މައްސަލަ ކަރެކްޝަނުން ނިންމާލައިފިއެވެ.

މިވަގުތު ގޭބަންދުގައި ހުންނެވި، ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް އިހުތިޖާޖުގެ ބައިވެރިން އެދުވަހު ވަޑައިގަންނެވުމުން، ޔާމީން ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުޑަދޮރަކުން ބޭރު ބަލަން ހުންނަވާ ދިވެހި ދިދައަކާއި ޕީޕީއެމް ދިދައެއް ވިއްސުވާލާ ސަޕޯޓަރުންނާއެކު ހިތްވަރުދީފައެވެ.

މި މައްސަލައިގައި ކޮމިޝަނާ ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ރައީސް ޔާމީން ގޭބަންދުގެ އުސޫލުތަކާ ހިލާފުވެފައިވާކަމަށެވެ. އަދި އުސޫލާ ހިލާފުވެވަޑައިގެންފައިވާތީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީނާ މެދު ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ދީދީ ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުން ދައްކަވަނީ ޞައްޙަ ވާހަކަތަކެއް ނޫންކަމަށެވެ. އަދި ރައީސް ޔާމީން ގޭބަންދުގައި ބެހެއްޓި ޝަރުޠުތަކަށް ފުރިހަމައަށް ތަބާވާ ކަމަށެވެ. މީގެ އިތުރުން ކަރެކްޝަންސްގެ ވެރިން ސިޔާސީ ނުފޫޒުގައި ޖެހިގެން ހަގީގަތް އޮޅޭގޮތަށް ދައްކާ ވާހަކަތައް ކުއްވެރި ކުރާ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

މަނީ ލޯންޑްރިން ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. ޔާމީން ގޭ ބަންދަށް ބަދަލުކުރެއްވީ މާފުށީ ޖަލުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.

ރައީސް ޔާމީންގެ ޖަލު ހުކުމާއި ގުޅިގެން ސްޕްރީމް ކޯޓުގައި ކުރިއަށްދާ އިސްތިއުނާފުގެ އަޑުއެހުން މިއަދުވެސް ކުރިއަށް އެބަދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ