އެއްފަސްކުރުމުގެ ސިޔާސަތުގެ އަދިވެސް ކުރިއަށްގެންދެވެން އޮތީ މާލެ ސަރަހައްދުގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މާލެ އެއްފަސްކުރުމުގެ ސިޔާސަތަކީ އެމަނިކުފާނު ވަރަށް ބޮޑަށް ގެންގުޅުއްވި ވިސްނުންފުޅެކެވެ. އެކަމާއި ގުޅޭގޮތުން ރޭ 3 އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ސުވާލުކުރުމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އަދިވެސް ގަބޫލުފުޅުކުރައްވަނީ އެއްފަސްކުރުމުގެ ސިޔާސަތުގެ ހަބަކަށް ވާނީ މާލެ ސަރަހައްދު ކަމަށާއި، އެނޫން ސަރަހައްދެއްގައި މި ސިޔާސަތު ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ޔާމިން ވިދާޅުވިގޮތުގައި ވެރިކަމުގެ އިތުރު ދައުރެއް ފުރިހަމަކުރަން ފުރުސަތު ލިބިއްޖެނަމަ، އެއްފަސްކުރުމުގެ ސިޔާސަތު މާލެ ފިޔަވާ ކުޅުދުއްފުށި ނުވަތަ އައްޑޫ ފަދަ ސަރަހައްދުތަކުގައި ކުރިއަށްގެންދެވިދާނެތޯ ބެލުމަށް ނުވަތަ ދިރާސާ ކުރުމަށް ފައިސާ ހަރަދު ނުކުރައްވާނެ އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ އެއްފަސްކުރުމުގެ ސިޔާސަތުގެ ހަބަކަށް ވާނީ މާލެ ސަރަހައްދޭ، ކުޅުދުއްފުށި، ތިނަދޫ، އައްޑު އަތޮޅު ހިތަދޫ ދެން ހަމަ ވަރަށް ނަންނަން ކީދާނެ، އެކަމަކު އަޅުގަނޑަށް ފުރުސަތު ލިބިއްޖެ ކަމަށް ވަންޏާ ދައުލަތުގެ ފައިސާއެއް ބޭންކެއް ނުކުރާނަން އެ ތަންތަން އެއްފަސް ކުރަން ކުރާ މަސައްކަތް ކާމިޔާބު ކުރެވިދާނެތޯ ބަލާކަށް،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، އެއްފަސްކޮށްގެން މީހުންނަށް ނޫޅެވޭ ވަރަށް މާލެ އާއި މާލެ ސަރަހައްދު އަދި ފުރިގެންދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އެއްފަސްކުރުމުގެ ހައްލަކަށް އަދިވެސް މި ބަލަނީ މާލެ އާއި މާލެ ސަރަހައްދު،" ޔާމީން ވިދާޅުވިއެވެ.



