ރައީސް ޔާމީންގެ ވައުދެއް: ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދޭނަން

ޕީޕީއެމްގެ ސަރުކާރެއްގައި ށ. ކޮމަންޑޫއާއި ކައިރީގައި އޮންނަ ށ. ށ.ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަދި ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމު ވައުދުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ރައްޔިތުން މަޖިލިސްގެ ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ލޯންޗުކުރަން އިއްޔެ ހަވީރު ކޮމަންޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޮމަންޑޫ ކައިރީ އޮތް ދިގުވެލިދޫ އަކީ ޕީޕީއެމްގެ ސަރުކާރެއްގައި ކޮމަންޑޫ ރައްޔިތުންނާއި މާލެއާ އަދި އެހެން ރަށްރަށާ ގާތްކޮށްދޭނެ ވައިގެ ބަނދަރެއް އޮންނާނެ ރަށެއް ކަމަށެވެ. އަދި ޕީޕީއެމްގެ ދެން އުފެދޭ ސަރުކާރެއްގައި ދިގުވެލިދޫގައި އެއާޕޯޓެއް ތަރައްގީއަށް ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން ކޮމަންޑޫ ދާއިރާގެ ރައްޔިތުން މިކަން ހާސިލުކުރުމަށް ފުރަތަމަ އަޅަން ޖެހޭ ފިޔަވަޅަކީ ކޮއެ ދާއިރާގެ ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީ އާދަމް އިންތިހާބު ކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެއަށްފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމްގެ ރިޔާސަތެއް ގެންނަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ކޮމަންޑުއަށް އެންމެ ބޮޑަށް ބޭނުންވާކަމަކީ ބޯހިޔާވަހިކަން ކަމަށާއި, ބޯހިޔާވަހިކަމުގެ މައްސަލަކަމަށާއި، އެމަނިކުފާނުގެ ވެރިކަމެއްގައި އެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ހަަމައެހެންމެ އެ ސަރަހައްދަކީ މަސްވެރި ސަރަހައްދަކަށްވާތީ ށ.ކީކިމިނީ މަސް ފެކްޓަރީ ފައިދާ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ލިބޭ ގޮތަށް ޕީޕީއެމްގެ ސަރުކާރެއްގައި މަސައްކަތްކުރައްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގައި ކޮމަންޑޫ ދާއިރާއަށް 500 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ވަނީ ގެނެސްދީފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހު ފަހެއްގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ