ޖަންނަތު

ޖަންނަތު (24)

(ތޭވިސް ވަނަ އަދަދާއި ގުޅޭ)

ޑޮކްޓަރު ދެއްކި ވާހަކަތަކާމެދު އަރުޝަމް ވަރަށް ވިސްނިއެވެ. ނަމަވެސް ވިސްނާ ވިސްނާވެސް ޖަންނަތު ޑިޕްރެޝަންއަށް ދާންވީ އެއްވެސް ސަބަބެއް އަރުޝަމްއަކަށް ނޭނގުނެވެ. ޑޮކްޓަރު ބުނިފަދައިން މާޙައުލު ކުޑަކޮށް ބަދަލުކޮށްލަން އަރުޝަމް ނިންމީ ޖަންނަތު ކައިރީގައިވެސް އެހުމަށްފަހުގައެވެ. ކުޑަ ދުވަސްކޮޅަކަށް އަރުޝަމްގެ ރައްޓެއްސެއްގެ ރަށަކަށް ދާން ހަމަޖެއްސީ ޖަންނަތަށް ހަމަޖެހުމެއް ހޯދައިދިނުމުގެ މަޤުސަދުގައެވެ. ދެމީހުން ދަތުރަށް ތައްޔާރުވާންފެށީ އެ ދަތުރަކީ އެދެމީހުންގެ ޙަޔާތަށް ކިހާ ބޮޑު ތޫފާނެއް އަންނަން އޮތް ދަތުރެއްކަން ރޭކާވެސްނުލާ ތިބި ޙާލުގައެވެ.

ގަޑިއެއްހާއިރުގެ ދަތުރަކަށްފަހު އަރުޝަމްގެ ރައްޓެހި ދާއިންގެ ރަށަށް ދެވުނުއިރު ހުރީ ދުވަހުގެ އިރު އޮއްސެން ވަރަށް ކައިރިވެފައެވެ. ދާއިންއަކީ މީހުންނާ ވަރަށް ގުޅޭ ސަކަ މިޒާޖެއްގެ މީހެކެވެ. އުމުރުގެ ގޮތުން އަރުޝަމްއާ ހަމަ އެއްވަރެވެ. އެރަށަކީ އާބާދީ ކުޑަ ނަމަވެސް ޤުދުރަތީގޮތުން ވަރަށް މުއްސަނދި ރަށެކެވެ. އެރަށުގެ ފަސްގަނޑުގައި ހަމަ ފައި ބީހުމާއެކު ޖަންނަތު ހަނދާންވީ އޭނާގެ އުފަން ރަށެވެ. ޖަންނަތުގެ އުފަން ރަށަކީވެސް ޤުދުރަތުގެ ރީތިކަން އެންމެ ފުރިހަމައަށް ލިބިފައިވާ ރަށްތަކުގެ ތެރެއިން ރަށެކެވެ.

"އެހާ ކުއްލިއަކަށް އަންނަން ރޭވީމަ ޗުއްޓީއެއްވެސް ލިބޭގޮތެއް ނުވި. ވަރަށް ފަހުން އަހަރެން ޗުއްޓީ ނިންމާފަ މި ނުކުތީ. އެކަމަކު އަރުޝަމް ބޭނުންވާ ކަންކަން އަހަރެން ހަމަޖައްސައިދޭނަން. ކިހާ ދުވަހަކަށްތަ ތި އައީ؟" ފޮށިތައް ކުޑަ ލޮރީއަކަށް އަރުވަމުން ދާއިން ވާހަކަ ދެއްކިއެވެ.

"ދާއިން ޗުއްޓީ ނުނެގިޔަސް ރަނގަޅުވާނެ. ދެ ހަފްތާގެ ޗުއްޓީއެއް ނަގައިގެން މިއައީ ހަމަ ދެމީހުން ބޯ ހަމަޖައްސާލަން ދޯ." ޖަންނަތުގެ އަތުގައި ހިފާލަމުން އަރުޝަމް ޖަންނަތަށް ދޯ ދިނެވެ. އެވަގުތު ޖަންނަތު ގަދަކަމުން ހިނިތުންވެލިއެވެ.

ޖަންނަތުމެން ތިމުބަށް ދާއިން ހޯދާފަ ހުރީ އޭނާގެ ރައްޓެއްސެއްގެ ގެޔެކެވެ. އެގެއަކީ އެރަށުގައި ފަހުން އާބާދުވި ހިސާބުން ލިބުނު ބިމެއްގައި ޒަމާނީ ގޮތަކަށް ހަދާފައި ހުރި ބޮޑު ގެޔެކެވެ. އެގޭ މީހުން ތިބެނީ ދަރިންނަށް ކިޔަވައިދޭން މާލޭގައެވެ. އެހެންނަމަވެސް ކޮންމެ ސްކޫލް ބަންދެއްގައި އެމީހުން އަންނާތީ ގޭތެރޭގައި ބޭނުންކުރާ ހުރިހާ ސާމާނެއް ހަމައަށް ހޯދާފައި ހުއްޓެވެ. އެ ގެ ހުންނަ ހިސާބުގައި އަދި އެހާ ގިނަ މީހުން ނޫޅޭތީ މަގުތައްވެސް ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. އެއީ ޖަންނަތު ބޭނުންވި ގޮތެވެ. ނަމަވެސް އެރަށަށް އާދެވުމަކުން އޭނާއަށް ލިބެންވާ ފުރިހަމަ ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އޭނާގެ ހުރިހާ ނުތަނަވަސްކަމެއް ގުޅިފައި އޮތީ އެހެން ކަމަކާވިއްޔާއެވެ.

"މިތާ ކައިރީގަ އޮންނާނެ ވަރަށް ރީތި ކުޑަ ރަށެއް. ފަސްވަރަކަށް މިނެޓުން ދެވޭނެ. ފީނާލަން ވަރަށް ފައްކާ ހިސާބެއް އޮންނާނެ އެތާ. އެކަމަކު ވަރަށް އޮއި ގަދަވާނެ އެހިސާބު. އަރުޝަމް ދާން ބޭނުންވީމަ ބުނޭ. އަހަރެން ދަތުރު ހަމަޖައްސާނަން. މަށަށް ދެވޭނީ އެކަމަކު ހަފްތާ ބަންދުގަ." ގޭތެރެއަށް ފޮށިތައް ވައްދަން އެހީތެރިވަމުން ދާއިން ވާހަކަ ކުރިއަށްގެންދިޔައެވެ.

"އަހަރެން މިހާރު މޫދަށް ނޭރޭތާ ވަރަށް ދުވަސް ވެއްޖެ. އަކުނިވަޔަށް ދަމާތީ އެރޭ ހިތް ނުވަނީ ހަމަ. އެކަމަކު މިފަހަރު ބޭނުން ތި ތަންތަން ބަލާލަން." ވަރަށް ފޯރީގައި އަރުޝަމް ބުންޏެވެ.

"މިއޮތީ އަހަރެންގެ ބޮޑުބޭބެގެ ސައިކަލު ތަޅުދަނޑި. މިގޭ ދޮރުމަތީގަ ހުންނާނެ ސައިކަލު. އަރުޝަމް މިކޮޅުގަ ހުންނަހާ ދުވަހަކު އޭތި ބޭނުންކުރެވޭނެ. ކާން ދާންވީމަ އަހަންނަށް ގުޅާ އިނގޭ. ކެފޭތަކާ ރެސްޓޯރެންޓްތައް ހުންނަ ތަންތަން އަހަރެން މިރޭ ދައްކާލާނަން. އޭރުން އަހަރެން އޮފީހުގަ ހުއްޓަސް ނޫނީ ބިޒީ ގަޑިޔެއް ވިޔަސް އެކަނި ދާން އެނގޭނެއެއްނު ދޯ." ގޭތެރޭގެ ތަންތަން ދައްކާ ހެދުމަށްފަހު ގެއިން ނުކުންނަމުން ދާއިން ބުންޏެވެ.

ޖަންނަތު ބޭނުންވީ ގެނައި އެއްޗެހިތައް ހަމައަކަށް އަޅުވާލުމަށްފަހު ފެންވަރާލައިގެން ކުޑަކޮށް ނިދާލާށެވެ. ދަތުރު ވަރުބަލިވެފައި ހުރުމުން އަރުޝަމްވެސް ފެންވަރާލައިގެން އައިސް ނިދީއެވެ. ނިދާފައި ތިއްބާ ދެމީހުންނަށް ހޭލެވުނީ އަރުޝަމްގެ ފޯނަށް ދާއިން ގުޅަން ފެށުމުންނެވެ.

"ކީއްތަ ތިކުރަނީ؟ ބަނޑުހައިވެސް ނުވަނީތަ؟" އަރުޝަމް ފޯނު ނެގުމާއެކު ދާއިން ވާހަކަ ދައްކަންފެށިއެވެ.

"ދަތުރު ވަރުބަލު ފިލުވާލަން ޖައްސާލީ. ހިނގާ ދެން ކާން ދާން." ބަނޑުހައި ހޫނުކަން އިޙުސާސްވުމުން އަރުޝަމް އަވަހަށް ބުންޏެވެ. އަރުޝަމް ފޯނުން ވާހަކަ ދައްކަން އޮއްވާ ޖަންނަތު ގޮސް ފާޚާނާއަށް ވަނެވެ.

ދެމީހުން ތައްޔާރުވެލައިގެން ނުކުތްއިރު އެގޭ ގޯތިތެރޭގައި ހުރި އުނދޯއްޔެއްގައި ދާއިން އެމީހުންގެ އިންތިޒާރުގައި އިނެވެ.

"މިރޭ ކެއުން އޮތީ އަހަރެމެން ގެއިން އިނގޭ. ވައިފް އެބަހުރި ވަރަށް ގަދައަށް ކައްކާފަ." އަރުޝަމްމެން ފެނުމާއެކު ހިނިތުންވެލަމުން ދާއިން ތެދުވިއެވެ.

"ކޮންމެ ފަހަރަކު ތިހެން ނުހަދައްޗޭ. ވައިފްއަށް އުނދަގޫ ކުރާކަށް ނުވާނެއެއްނު." ސަމާސާ ރާގަކަށް އަރުޝަމް ބުންޏެވެ.

"އާނ. ނުވެސް އުޅެން އަބަދު އަހަރެމެން ގެއިން ކާންދޭކަށް. ކައި ނިންމައިގެން ގޮސް ތަންތަން ދައްކާލާނަން. ހެހެހެހެ." ދާއިންވެސް އަރުޝަމްގެ ސަމާސާގައި ބައިވެރިވެލިއެވެ.

އެހުރިހާ އިރަކު ޖަންނަތު ހުރީ އަނގައިން ބަހެއްވެސް ބުނެނުލައެވެ. މާޙައުލު ބަދަލުވިޔަސް އޭނާއަށް އަދިވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ނޭނގޭ ނުތަނަވަސްކަމެއް އޭނާއަށް އުނދަގޫކުރަމުން ދަނީއެވެ.

ދާއިންގެ ގެއިން ޖަންނަތުމެންނަށް މަރުޙަބާކީ ދާއިންގެ އަންހެނުން ސާރާއާއި، ތިން އަހަރުގެ ފިރިހެން ދަރިފުޅު ދީމް އަދި މަންމަ އަފީފާއެވެ. އެމީހުން ވަރަށް ފުރިހަމައަށް އެދެމަފިރިންނަށް މެހެމާންދާރީ އަދާކުރިއެވެ. އެ ޢާއިލާއާ ބައްދަލުވުމުން ޖަންނަތު ހަނދާންވީ އޭނާގެ ކުޑަކުޑަ ޢާއިލާ މަތިންނެވެ. އެގޭތެރެއިން ފެނުނު އުފާވެރި މާޙައުލުން ޖަންނަތުގެ ލޯ ފެންކަޅިވާގޮތްވިއެވެ. ދައްތަގެ ދަރިފުޅު މިރާން މިހާރު ހުންނާނީ ބޮޑުވެފައެވެ. ނަމަވެސް އެކުއްޖާ ނުފެންނަތާވެސް މިހާރު ވަރަށް ދުވަސްވެއްޖެއެވެ. މިހާރު މިރާންއަށް ޖަންނަތު އެނގޭނެބާއޭ އޭނާގެ ހިތަށް އެރިއެވެ. އެހެން ހިތަށް އެރުމާއެކު ޖަންނަތަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. އޭނާއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފްސެވެ. މަންމައަށް އަރުޝަމްގެ މިޒާޖު އެނގިގެން ޖަންނަތަށް ވިސްނައިދޭން ކިހާ މަސައްކަތެއްކުރިހެއްޔެވެ؟ ނަމަވެސް އެވާހަކަތަކަށް ބީރު ކަންފަތެއްދީފައި އަރުޝަމްއާ ގުޅެން ނިންމީ ހަމަ އޭނާއެވެ. އެހެންކަމުން މިއަދު ޖެހިފައިވާ ޙާލުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީވެސް ޚުދު އޭނާއެވެ.

ކައި ނިމުމުން އެންމެން ނުކުތީ ސިޓިންގ ރޫމަށެވެ. އެމީހުން ނުކުތުމާއެކު އެތަނުގައި ހުރި ކުޅޭ އެއްޗެހިތައް ނަގަނަގާފައި ކުޑަކުޑަ ދީން ދައްކަންފެށިއެވެ. ދުވަސްގަނޑަކަށްފަހު އެވަގުތު ޖަންނަތުގެ ތުންފަތުން ދެއްކުންތެރިކަމެއްނުވާ ހިނިތުންވުމެއް ފާޅުވެގެންދިޔައެވެ.

"ޖަންނަތު ކަމަކާ ދެރަވެފަތަ؟" ދީމް އުޅޭ ގޮތް ބަލަން ޖަންނަތު ގެއްލިފައި އިންދާ ސިއްސައިގެން ދިޔައީ ސާރާގެ އަޑަށެވެ. އޭރު އަރުޝަމްއާއި ދާއިން ތިބީ ތަންކޮޅެއް ދުރުގައި އޮލަ ވާހަކައަކަށް ގެއްލިފައެވެ. އެހެންކަމުން އެއަޑު އަރުޝަމްއަށް އިވިދާނެތީ ޖަންނަތު އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ.

ދުވަސްތައް ކުރިއަށް ދިޔައީ ވަރަށް އަވަހަށެވެ. ކިތަންމެ މަސައްކަތްކުރި ނަމަވެސް ޖަންނަތުގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ތަނަކަށް ދިޔަޔަސް އޭނާ އިންނަނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެކަމާ ބެހޭގޮތުން އަރުޝަމްގެ އިތުރުން ދާއިންވެސް ސުވާލުކޮށްފިއެވެ. ނަމަވެސް ގަދަކަމުން ހިނިތުންވެލާފައި ކަމެއްނުވާކަމުގައި ބުނެ ޖަންނަތު ހަމަޖައްސާލަނީއެވެ. އެއީ ޑިޕްރެޝަންގެ ސަބަބުން ވާގޮތެއްކަމަށް ނިންމާ އަރުޝަމް ބަލަނީ ޖަންނަތު އުފާވާ ކަހަލަ ކަންކަން ކޮށްދެވޭތޯއެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން ޖަންނަތަށް ހަމަޖެހުމެއް ނުލިބެއެވެ.

ފަޅު ރަށަށް ދަތުރު ދާން ނިންމީ ހޮނިހިރު ދުވަހެއްގައެވެ. އޭރު ޖަންނަތުމެން އެރަށުން ފުރަން ބާކީ އޮތީ ދެދުވަހެވެ. ދީމް ކުޑަކޮށް ބަލިވެ އުޅޭތީ ސާރާއަށް ދެވޭގޮތެއް ނުވިއެވެ. އެހެންކަމުން އެރަށަށް ގޮސްފައި ފީނާލުމަށްފަހު މެންދުރު ކައިގެން އަންނަ ގޮތަށް ތައްޔާރުވެގެން ކުޑަ ޑިންގީއެއްގައި ޖަންނަތު، އަރުޝަމް އަދި ދާއިން ފުރީ އެދުވަހުގެ ހެނދުނު ނުވައެއް ޖެހިފަހުންނެވެ. ފަސްވަރަކަށް މިނެޓް ވީއިރު އެމީހުންނަށް އެރަށަށް ދެވިއްޖެއެވެ. އެއީ ވަރަށް ކުޑަކުޑަ ރަށެކެވެ. ނަމަވެސް މޫދުގެ އެތެރެ ސާފުވެފައި ގޮނޑުދޮށުގެ ހުދު ފަސްގަނޑު ބޮޑުކަމުން ޖަންނަތު ހުރީ އާޝޯޚުވެފައެވެ. ވަގުތުން އޭނާ ފޭބިގޮތަށް ފޮޓޯ ނަގަންފެށިއެވެ. އެ މަންޒަރުތައް ފެނުމުން އޭނާ ކުޑަ ހިނދުކޮޅަކަށް ނަމަވެސް އަމިއްލަ ދިރިއުޅުމުގެ ޙާލަތު ހަނދާން ނެތުނެވެ.

ގެނައި ކާ ތަކެއްޗާއި ފީނަން ބޭނުންކުރާ ސާމާނު ޑިންގީއިން ބާލަން އުޅެނިކޮށް ދާއިންއަށް ފޯނެއް އަޔެވެ. ދީމް މާ ގިނައިން ހޮޑުލާތީ ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ސާރާ ބުނުމާއެކު ދާއިން ބޭނުންވީ ވީހާވެސް އަވަހަކަށް އެތަނަށް ދާށެވެ. އެކަން އެނގުމާއެކު އަރުޝަމްވެސް ބޭނުންވީ ދާއިންއާއެކު ދާށެވެ.

"އެއީ މާ ބޮޑު ކަމެއް ނޫނޭ. ދީމްއަށް ކިރިޔާ ރޯގާ ޖެހިލާއިރަށް ހޮޑުލާނެ. އަހަރެން ގޮސްލާފަ ތިމީހުން މޫދަށް އެރި ނިމޭހާއިރުކޮށްލާފަ ބަލާ އަންނާނަން. ދެން މާލެ ފުރަންވާއިރަށް މިރަށަކަށް ނާދެވޭނެއެއްނު. އެހެންވީމަ އާދެވުނު ފަހަރު ޖެހޭނެ މޫދަށް އެރިލަން." ދާއިން ވަގުތުން ދެކޮޅުހެދިއެވެ. އެންމެ ފަހުން އަރުޝަމްއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

ދާއިން ދިއުމާއެކު އެއްޗެހިތައް ހަމަޖައްސާލާފައި އަރުޝަމް މޫދަށް އެރުނެވެ. ޖަންނަތު ބޭނުންވީ ފުރަން ކައިރިކޮށްލާފައި މޫދަށް އެރިލާށެވެ. ފަތަން އެނގުނު ނަމަވެސް އޭނާއަށް އެހާ ދުރަށް ދާކަށް ނުކެރެއެވެ. އެހެންކަމުން ފީނަން ދިޔައީ އަރުޝަމް އެކަންޏެވެ.

އަރުޝަމް މޫދަށް އެރުމާއެކު ހިޔާ އޮތް ގަހެއްގެ ދަށުގައި ޖަންނަތު އޮށޯވެލިއެވެ. އުޑުމަތި ސާފު އަދި ގަދައަށް އަވިދޭ ދުވަހެއް ނަމަވެސް އަރާމު ވަރަކަށް ވައިޖެހެމުންދިޔައެވެ. އޮށޯވެ ހަމަޖެހިލުމަށްފަހު ޖަންނަތު ލޯމަރާލީ ސިކުނޑިއަށް އަރާމެއް ލިބޭތޯއެވެ. ނަމަވެސް އެހެން އޭނާއަށް އޮވެވުނީ ކުޑަ އިރުކޮޅަކުއެވެ. ކުއްލިއަކަށް ސިއްސައިގެންދިޔައީ މީހެއްގެ ބާރު ހަޅޭކުގެ އަޑަށެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ