ކޮވިޑް 19 އާއި ގުޅިގެން ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރަށް ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލުކުރުމަށް އާސަންދައިން ނިންމައިފިއެވެ.
އާސަންދައިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑް-19 އާއި ގުޅިގެން ޤައުމު ފުރަބަންދުކޮށް، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދުމުގައި ޢާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، އެކުންފުނިން ދީފައިވާ އިރުޝާދުތަކަށް ބަދަލުގެންނަށް ނިންމައިފައިވާ ކަމަށެވެ.
އެގޮތުން، އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ބޭސް ދޫކުރާނީ އެންމެ ފަހަރަކުއެވެ. ދެވަނަ ފަހަރަށް ބޭސް ނެގޭނީ އަނެއްކާވެސް ޑޮކްޓަރު އާ ބޭސްސިޓީއެއް ލިޔެދެއްވެމުން ކަމަށް އާސަންދައިން ބުނެއެވެ.
މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން، 1 ޖެނުއަރީ 2020 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް 28 ދުވަސް ވުމަށް ފަހުވެސް މަންމަގެ އައިޑީކާޑުން ޚިދުމަތް ދެމުން ގެންދިޔަ ނަމަވެސް، ނޮވެމްބަރު މަހުގެ 1 އިން ފެށިގެން، ކުރިންވެސް އޮތް އުސޫލާ އެއްގޮތަށް، ކުއްޖާއަށް 28 ދުވަސް ވުމަށް ފަހު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ލިބޭނީ ކުއްޖާއަށް ވަކި އައިޑީ ކާޑެއް ހައްދައިގެން ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އަދި މިވަގުތު އައިޑީކާޑު، ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސުގެ އަސްލު، ކޮޕީ އަދި ފޮޓޯއަށް އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިން ނަމަވެސް އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ޚިދުމަތް ދިނުންކަމުގައި ވާތީ، ހުރިހާ ފަރާތްތަކުންވެސް އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް އާސަންދައިން ވަނީ އެދިފައެވެ.



