ފޮޓޯ: ނިޝާން އަލީ/މިހާރު

މޫސުން ގޯސްވެ މެދުރާއްޖެ ތެރެއަށް އޮރެންޖް އެލާޓް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން، މެދުރާއްޖޭގެ އަތޮޅުތަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ދ. އަތޮޅަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފައެވެ. އޮރެންޖް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 12:30 އާއި ހަމައަށެވެ.

އޮރެންޖް އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައްވެސް ގަަދަ ވާނެކަމަށް މެޓް އޮފީހުން ލަފާކުރެވެއެވެ.

މެޓް އޮފީހުން ރޭ ބުނީ، އުތުރާއި މެދުއަތޮޅުތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލަށް ވައިޖެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ދެކުނު އަތޮޅުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ. ހާއްސަކޮށް މާލޭގެ ބުރިޖުން ދަތުރުކުރައްވާ ފަރާތްތަކާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުން ވަރަށް މުހިއްމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ