އަންނަ އޮކްޓޯބަރު މަހުގެ 1 އިން 16 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 13 ވަނަ ސާފް ޗެމްޕިއަން ޝިޕްގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމަށް ކާމިޔާބީއަށް އެދި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން މެސެޖެއް ފޮނުވައިފިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ރައީސް ޔާމީނާއި، އެ ކޯލިޝަންގެ މެންބަރުންގެ ފަރާތުން ޤައުމީ ޓީމަށް ކާމިޔާބީއަށް އެދޭކަމަށެވެ. އަދި މި މުބާރާތް ރާއްޖޭގައި ބޭއްވުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި އިދާރީ މުވައްޒަފުން ގުޅިގެން ވަރަށް ހިކުމަތްތެރިކަމާއި ރޭވުންތެރިކަމާއެކު މަސައްކަތް ކޮށް އެކަން ކާމިޔާބު ކޮށްފައިވާތީ އެކަމުގެ އަގު ވަޒަންކޮށް އެ ބޭފުޅުންނަށް ރައީސް ޔާމީން މަރުހަބާ ދަންނަވާ ކަމަށެވެ.
އެ ބަޔާނުގައި ބުނީ، މިއަހަރު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބޭއްވިގެން ދާއިރު، 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މިމުބާރާތުން ރާއްޖެ ހޯދި ފަދަ ފަޚުރުވެރި ކާމިޔާބީ މިފަހަރުވެސް ހޯދުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ހަމައެއާއެކު ސާފް ޗެމްޕިއަންޝިޕްގެ ތަށި 3 ވަނަ ފަހަރަށް ހޯދުމަށް ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން ނުކުންނަ އިރު، އެ ކާމިޔާބީ ހޯދުމުގައި ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށާއި، އަދި ހިތްހަމަނުޖެހުންތަކާއި، ޚިޔާލު ތަފާތުވުންތައް ހުރިނަމަވެސް، މި 16 ދުވަހަކީ ޤައުމީ ޖޯޝުން ފުރިގެންވާ 16 ދުވަހުގެ ގޮތުގައި ހެދުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުން ހޯދާ ކޮންމެ ކާމިޔާބީއަކީ ފަރުދީ ގޮތުން ތިމާގެވެސް ބައިވެރިވުމާއެކު ލިބިގެން ދާ ކާމިޔާބީއަކަށް ހެދުމަށްޓަކައި އެންމެހައި ރައްޔިތުން ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ޤައުމީ ޖޯޝާއެކު ޓީމަށް ހިތްވަރު ދިނުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް ބަޔާނުގައިވެއެވެ.
" "ތިން ވަނަ ފަހަރު މީ އެފަހަރު" ކަމުގައި ހެދުމަށް އެންމެހާ ދިވެހި ރައްޔިތުން ގުޅިގެން ޤައުމީ ޖޯޝާއި ފޯރީގައި ދިވެހި ޤައުމީ ފުޓުބޯޅަ ޓީމަށް ހިތްވަރު ދިނުމުގައި މިކޯލިޝަންގައި ހިމެނޭ ޕީ.ޕީ.އެމް. އާއި ޕީ.އެން.ސީ އޮތީ ތައްޔާރަށެވެ." އިދިކޮޅުގެ ބަޔާން ނިއްމާލަމުން ބުނެފައިވެއެވެ.