އެންމެ އިސްކަމެއް ދޭންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަމަށް: ރައީސް ނަޝީދު

އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ރާއްޖޭގެ ނޫސްވެރިންގެ މިނިވަންކަމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައިވާ ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް އޮތް މާއްދާއާއި ގުޅިގެން މީޑިއާ ކައުންސިލާއި އާއި ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރެއުމާއި ގުޅިގެން އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ވިދާޅުވީ، މި ބިލުގައި އެ މާއްދާ ހިމަނައިފައިވަނީ އޮސްޓްރޭލިއާގައި އަމަލުކުރާ އުސޫލުގެ މައްޗަށް ބިނާކޮށްކަމަށެވެ. ނަމަވެސް އެ މާއްދާ އިސްލާހް ކުރެވިދާނެ ކަމަށް ބަންޑާރަ ނައިބު ދެކެވަޑައިގަންނަވާކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަން ކަމަކީ އަބަދުވެސް ފުރަތަމަ އިސްކަން ދޭން ޖެހޭ ކަންކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ބިލާއި ގުޅިގެން މީޑިއާ ކައުންސިލުންނާއި، މީޑިއާތަކުން އަދި ފަސް ޖަމިއްޔާއަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާން ނެރުއްވާފައެވެ.

151 މާއްދާއެއް ހިމަނާފައިވާ ހެއްކާބެހޭ ބިލުގެ 16 ވަނަ ބާބުގައި އެ ގާނޫނުން އިމްތިޔާޒް ލިބިގެންވާ މުއާމަލާތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، 136 ވަނަ މާއްދާގެ (ހ)ގައި ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން މީހާ އަކީ ކާކުކަން އަންގައިދޭން ނުވަތަ އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތުގައި ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

136 ވަނަ މާއްދާގެ (ހ) އެހެން އޮތް ނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ ކަމަށް (ށ) ގައި ބުނެފައިވެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލުގައި ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް، ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ