ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ދިން ނޯޓިސް ޖެންޑާ މިނިސްޓްރީން ބާތިލުކޮށްފި އެވެ.
މި މުވައްޒަފުންތައް ވަޒީފާއިން ވަކިކުރަން ނޯޓިސް ދީފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ މުވައްޒަފުން ވަކިކުރަން ނިންމީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި ތިބި ގިނަ ކުދިންތަކެއް ރަށްރަށުގައި ގާއިމްކޮށްފައިވާ އަމާން ވެށިތަކަށް ބަދަލުކުރުމުން، މުވައްޒަފުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުމަކަށް އައުމުންނެވެ.
އެއާއެކު، އެހެން ވަޒީފާތަކަށް ބަދަލުވާން ފުރުސަތު ދިނުމަށްފަހު، ބާކީ ތިބި 21 މީހުންނަށް ނޯޓިސްދީ ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނެވެ.
މި މައްސަލައިގައި ޖެންޑާ މިނިސްޓްރީއިން ބުނަނީ ވަކިކުރަން ނިންމި މުވައްޒަފުންނަށް އެ ފަރާތްތަކަށް ދޭން ޖެހޭ ހުރިހާ ފުުރުސަތުތައްވެސް ދިން ކަމަށެވެ. އަދި މި ނިންމުން ނިންމައިފައި ވަނީ ކުޑަކުދިންގެ ހިޔާ ހުސްކުރަން ނިންމުމާ ގުޅިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގޮތުން މިނިސްޓްރީން ބުނީ، ހިޔާގެ 71 މުވައްޒަފުންގެ ތެރެއިން 43 މުވައްޒަފެއްގެ ވަޒީފާ މިނިސްޓްރީގެ އެކި ތަންތަނަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ހަތް މުވައްޒަފުން އަމިއްލައަށް ކެނޑިގެން ގޮސްފައިވާއިރު، ދެން ތިއްބެވި 21 މުވައްޒަފުން ކަނޑާލާަން ނިންމީ ސިވިލްސާވިސް ކޮމިޝަނުން އެބޭފުުޅުން ބަލަން ޖެހޭ ބެލުންތައް ބެލުމަށްފަހު އެވެ.
ނަމަވެސް އެކަމުގެ ކަންބޮޑުވުންތައް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅުމުން، އެ ކޮމިޝަނުން ވަނީ މުވައްޒަފުން ވަކިކުރުމުގެ ނޯޓިސް ބާތިލްކުރަން ޖެންޑާ މިނިސްޓްރީއަށް އަންގައިފައެވެ.
މި ފަހަކުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓާ ހިޔާގައި އެކި މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އެތާގައި އަލިފާނުގެ ތިން ހާދިސާ ހިނގައިފައިވާއިރު، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންގެ އަހްލާޤީ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެހެންވެ، ގިނަ ބަޔަކު ވަނީ ޖެންޑާ މިނިސްޓްރީގެ އިސްވެރިންނަށް ފާޑުކިޔުންތައް އަމާޒުކޮށް، މަގުމަތީގައި މުޒާހަރާތައްވެސް ކޮށްފަ އެވެ.




