ސްކޫލް ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އާންމުން ނިކުމެ އަޑުއުފުލަނީ-- ފޮޓޯ: ފެށުން

މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 29 މައްސަލައެއް

މިދިޔަ ނޮވެމްބަރު މަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 29 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފި އެވެ.

ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅިފައިވާ މިފަދަ މައްސަލަތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ނޮވެންބަރު މަހުގައި 184 މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. އޭގެ ތެރެއިން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 84 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 29 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 21 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 17 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 06 މައްސަލައެއް، އެހެން ކުދިންގެ ފަރާތުން ގަނާލިބުން އަދި ފުރައްސާރައިގެ ޝިކާރައްކަށްވުމުގެ 05 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވެއެވެ. މީގެ އިތުރުން ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 04 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 02 މައްސަލަ ހުށަހެޅިފައިވާކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން އާއިލީ މައްސަލަތަކުގެ 26 މައްސަލައަކާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 23 މައްސަލައަކާއި ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 17 މައްސަލައަކާއި، ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ ފަސް މައްސަލައެއްގެ އިތުރަށް ޤާނޫނާއި ގަވައިދާ ހިލާފުވުމުގެ ފަސް މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 208 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ