ރައީސް ޔާމީން ޖޫރިމަނާ ނުދައްކަވާ މައްސަލަ ސިވިލް ކޯޓުގައި ފަށަނީ

މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު، ޖޫރިމަނާގެ ގޮތުގައި ދައުލަތަށްދައްކަން ކަނޑައެޅި 5,000,000 ޔޫއެސް ޑޮލަރު ކްރިމިނަލް ކޯޓުގެ ދައްކާފައިނުވާތީ ސިވިލް ކޯޓަށް ހުށަހަޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ފަށަން ތާވަލުކޮށްފިއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވީ، އެ އޮފީހުން ސިވިލް ކޯޓަށް ހުށަހެޅި މި މައްސަލައިގެ އަޑު އެހުން ފަށަން ތާވަލުކޮށްފައިވަނީ 06 އޮކްޓޯބަރ 2021 ވަނަ ދުވަހުގެ 11:20 އަށް ކަމަށެވެ.

ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.

ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ކަނޑައެޅި 5,000,000 ޔޫއެސް ޑޮލަރު މިރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ހުކުމް ކުރާތާ މަދުވެގެން ހަ މަސް ތެރޭގައެވެ. ނަމަވެސް އޭގެ ފަހުން މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް މީރާއިން ރައީސް ޔާމީނަށް އެންގި ނަމަވެސް އަދިވެސް ފައިސާ ދައްކަވައިފައެއް ނުވެއެވެ.

އޭގެ ފަހުން ޙުކުމުގެ އެ ބައި ތަންފީޛުކުރުމަށް ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ 24 އޮގަސްޓް 2021 ގައެވެ.

މި މައްސަލައިގައި ޔާމީންގެ ވަކީލުން ވަނީ އެ މައްސަލަ އިސްތިއުނާފްކޮށް ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް، ދަށު ކޯޓުގެ ހުކުމުގެ ޖޫރިމަނާއާއި ގުޅޭ ބައި ތަންފީޒުކުރުމަށް ދައުލަތުން މަސައްކަތް ކުރުމަކީ ޔާމީނަށް ގާނޫނު އަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑަގަންނަވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމުގައި ވަކީލުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ