ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ- ޓްރެއިލާ

"ލޯބި" އެކި މީހުން މާނަކުރަނީ އެކި ގޮތަށެވެ. އެއްބަޔަކަށް އެއީ ތިމާ ލޯބިވާމީހުން ހާސިލްކުރުން ކަމުގައި ވެދެއެވެ. ކޮންމެފަދަ ހާލަކުން ނަމަވީހެވެ. ކޮންމެފަދަ ދަރަޖައަކަށް ތިމާގެ ނަފުސުގެ އަގުވައްޓާލަން ޖެހުނަސް އެއްވެސް ފަރުވާލެއް ނެތިއެވެ. އެފަދަމީހުން ގަބޫލުކުރާގޮތުގައި ތިމާގެ ހިތުގައި އަނެކާއަށްޓަކައި ލޯބިއުފެދުނަތީ އަނެކާގެ ހިތުގައި ތިމާއަށްޓަކައިވެސް ހަމައެފަދަ ފުން ޖަޒުބާތެއް "ކޮންމެހެންވެސް" އުފެދެން ޖެހޭނެއެވެ. އެފަދައިން ކަންތައްނުވެއްޖެނަމަ މަޖުބޫރުންވިއަސް ތިމާއަށް ތިމާގެ ލޯބި ލިބެންޖެހޭނެއެވެ. އެލޯބި ތިމާއަށް ހާސިލްނުވެއްޖެނަމަ އިތުރު އެހެން މީހަކަށްވެސް އެލޯބި ލިބުމުގެ ހައްޤެއްނެތެވެ. އެހެނަސް.... ސުވާލަތީ މިފަދަ ގޮތަކަށް މަޖުބޫރުން ހާސިލްކުރާ ލޯބީގެ ފޮނިރަހަ އަރުތެރޭގައި ލައިފާނެހެއްޔެވެ؟ ނުވަތަ އަރުގައި ލެވިދަނީ ހިތާމައާއި، ހިތްދަތިކަމާއި، މާޔޫސްކަމުގެ ހިތިރަހަ ހެއްޔެވެ؟

 

އަނެއްބަޔަކު ލޯބި މާނަކުރަނީ "ޤުރުބާނީ"އަށެވެ. ލޯބީގެ ދެވަނަ ނަމަކަށް "ޤުރުބާނީ" ކިޔެނީ އެއްވެސް ސަބަބެއްނެތި ނޫންކަން މިފަދަ މީހުން ސާބިތުކޮށްދެއެވެ. އަމިއްލަ އުފަލަށްވުރެ ތިމާ ލޯބިވާމީހާގެ އުފާތައް އިސްކުރަމުންނެވެ. ހިތުގެ ހަމަޖެހުމާއި އެހިތުގައި ވިންދުޖަހަމުންދާ އިޚްލާސްތެރި ތެދުވެރި ލޯބި އަނެކާއަށްޓަކައި ޤުރުބާންކުރަމުންނެވެ. ލޯބިވާމީހާއަށްޓަކައި ކޮންމެފަދަ ހިތާމައަކާއި ހިތްދަތިކަމެއްވެސް އެއްވެސް ޝަކުވާއެއްނެތި ބަރުދާސްތުކުރަމުންނެވެ. އާޚިރުގައި ތިމާވީ ލޯބީގެ ފޮނިމީރުކަން އިހުސާސުކުރެވޭނެކަމަށް އުއްމީދުކުރަމުންނެވެ. ހަޤީޤީ ތެދުވެރި ލޯތްބަކީ މިއީހެއްޔެވެ؟

 

*****

 

އީކްއަކީ ހައިތަމްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ޅައުމުރުގައި ކުރެވުނު ކައިވެނީގެ ފޮނިމީރުކަން އަރުގައި ނުލަނީސް ދިމާވާ ހާދިސާއެއްގައި އީކްގެ ފިރިމީހާ ނިޔައުވެދަނީ އެފަދަކަމަކަށް އެޅަހިތް ތައްޔާރުވެސް ނުވެހުއްޓައެވެ. ހިތާމައިގެ ފުން ކަނޑަކަށް އެމައުސޫމު އަންހެންކުއްޖާ ޣަރަޤުކޮށްލަމުންނެވެ. ކުއްލިއަކަށް މިދިމާވިކަމެއްގެ ސަބަބުން އީކްގެ ސިކުނޑިއަށްލިބޭ ޝޮކުގައި އޭނާގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހިދަނީ ދިރިއުޅުމަށްޓަކައި ދެކުނު ހުރިހައި ހުވަފެނެއް ވިއްސިވިހާލިކޮށްލައިފައެވެ. އެމޫނުމަތީގައި ރަސްކަންކުރަމުންދިޔަ މައުސޫމު ރީތި ހިނިތުންވުން ނެތިކޮށްލަމުންނެވެ. އަތުގައި މުދަލާއި ފައިސާ ހުރިނަމަވެސް އީކްގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ހުއްޓުވުމުގައި ހައިތަމް ނުކުޅެދެއެވެ. އީކްގެ މިހިތާމަތަކަށް ދުވަހަކުވެސް ނިމުމެއް އަތުވެދާނެ ހެއްޔެވެ؟ އެރީތި ދެލޮލުން ކަރުނައިގެ އަސަރު ފުހެވި ގެއްލިފައިވި އުފައުވެރިކަން އަނބުރައި އަތުވެދާނެބާއެވެ؟ ދުނިޔެ މިމައުސޫމު އަންހެންކުއްޖާއަށް ކުރިމަތިކުރުވި އިމްތިހާނުގައި އޭނާ ފާސްވާނެހެއްޔެވެ؟ ދުވަހެއްގެ ކޮޅުންވެސް އެހިތުގައި އެހެން ލޯތްބެއްގެ ވިންދުޖަހައިފާނެބާއެވެ؟

 

އީވާންއަކީ ހައިތަމްގެ އެންމެ ގާތްއެކުވެރިޔާ ނާއިފްގެ ދެލޮލުގެ ނޫރެވެ. އެހިތުގެ ހަމަޖެހުމެވެ. އީވާންގެ ޒުވާންވަމުންއައި ހިތުގައި ލޯބީގެ ކުލަޖެހިދަނީ ހީވެސްނުކޮށްހުއްޓައެވެ. އެހިތުގައި ލޯބީގެ ފޮނިފޮނި ޖަޒުބާތުތައް އުފެދިދަނީ ހަމަ އެންމެ އަންހެންކުއްޖަކަށްޓަކައެވެ. ދިރިއުޅުމުގައި ދެވަނަ ފަހަރަށް އެފަދަ ވަރުގަދަ އިޝްޤީ އިހުސާސުތަކެއް އެހެން އިންސާނަކަށްޓަކައި އުފެދިދާނެ ކަމާއިމެދު އީވާނަށް ޝައްކެވެ. ލިބެމުންދިޔަ ލޯބީގެ އެކި ހުށައެޅުންތަކަށްވެސް ފުރަގަސްދެނީ އެހިތްއެދޭ ހަމައެކަނި ލޯތްބަކީ "އީކް"ކަމަށް ވީމައެވެ. އެހެނަސް..... އީވާންގެ އެހުރިހައި އުއްމީދެއް ވިއްސިވިހާލިވެގެންދަނީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ލޯތްބަށްޓަކައި އަމިއްލަ އުފާތައް ޤުރުބާންކުރަން ޖެހިދަނީ ހިތްދަތިވެ ފިސްފިސްވާހާލުއެވެ. ހިތްމަތީގައި އަތްއަޅަމުން އޭނާ ހިނިތުންވީ ލޯބިވާއަށްޓަކައެވެ. ކައިރިންބަލައިފި މީހަކަށް އެދެލޮލުން އީކްއަށްޓަކައިވި ފުން ލޯބި ފެންނާނެކަން ގައިމެވެ. ދަރިފުޅުގެ މިޤުރުބާނީދެކެން ދުރުގައިހުރުންނޫންގޮތެއް ނާއިފަކަށް ނެތެވެ. އީވާންގެ އަލަތު ލޯބި އޭނާއަށް ކާމިޔާބުވެދާނެ ހެއްޔެވެ؟ ކަރުނަތައް ދިރުވައިލަމުން ވީއެޤުރުބާނީގައި އެއްވެސް އަގެއް ހުރެދާނެހެއްޔެވެ؟ އާޚިރުގައި ވިޤުރުބާނީއާއި، ކުރި ދިގު އިންތިޒާރު ނިމިދާނީ ކިހިނަކުންބާވައެވެ؟ ދުވަހެއްގެ ކޮޅުންވެސް އީކްގެ ހިތުގައި "އީވާން"ގެ ނަން ފެވިދާނެހެއްޔެވެ؟ އެސޫރަދެކެ ލޯބިވެވިދާނެހެއްޔެވެ؟

 

މިހުރިހައި ސުވާލުތަކެއްގެ ޖަވާބާއި އަދިވެސް ފޮރުވިފައިވި އެތައް ހަޤީޤަތަކާއެކު ކިޔުންތެރިންނާއި ހަމައަށް އަންނަނީ އަސަރުން ފުރިފައިވި ލޯބީގެ ވާހަކަ...

"ވާލޯބި ދެންނޭނގޭހޭ....."

މިލިޔުން ކިޔާލުމުން
31
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ