ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (33)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ތިރީސްދެވަނަ އަދަދާއި ގުޅޭ

މާހާ އާއި އީވާންއާ ދެމެދު ގާތް ގުޅުމެއް އުފެދިގެން އައީ އެދުވަހުއެވެ. އެންމެނަށް އެކަން ސިއްރުކުރެވިފައި ވިއަސް މައިރާއަށް އެކަން ފާހަގަނުވެ ނުދިޔައެވެ. ނަމަވެސް އޭނާ ސުވާލުކުރުމުން މާހާ ދެކޮޅު ހެދީ އެއީ އީވާން ބޭނުންވާގޮތް ކަމަށް ވުމުންނެވެ. އަދި އެގުޅުން މީހުނަށް އަންގަން އަވަސް ކަމުގައި ޚުދު އޭނާވެސް ގަބޫލުކުރެއެވެ. ފާއިތުވެދާންފެށި ދުވަސްތަކާއެކު އެދެމެދުގައިވި ގުޅުން އިތުރަށް ވަރުގަފަވެފައިވިއެވެ. ގާތްގޯޅިކޮށް އުޅެން އީވާން ނޭދޭތީ އެކަން ސިކުނޑީގައި މާހާ ބަހައްޓައެވެ. އަތު ހިފައިލުން ފިޔަވައި އިތުރު ގާތްކަމަކަށް އީވާންގެ ފުށުން އޭނާ ނޭދެއެވެ. އެފަދައިން ގާތްވެލަން އުޅުނަސް ވަގުތުން އީވާން މަނާކުރަނީ އެކަހަލަ ގުޅުމެއް ބޭނުންވަނީ ކައިވެންޏަށް ފަހު ކަމުގައި ބުނަމުންނެވެ. އީވާންގެ ކޮންމެ ވާހަކައެއް މާހާ ގަބޫލުކުރީ ނުހަނު ފަސޭހައިންނެވެ. އެހައި ދުވަހު ހިތު އަޅައިގެން އުޅުނު ލޯބި ކާމިޔާބުވުމުން އެލޯބި އަތުން ބީވެދާނެފަދަ ކަމެއް ކުރުމަށް އޭނާވީ ޖެހިލުންވެފައެވެ. އީވާން ރުއްސައިގެން ހުރިހައިކަމެއް ކުރުމަށް މާހާ ހުރީ ބޭނުންވެފައެވެ. ލޯބިން އީވާން ބުނެލާ ބަސްތަކާއި އޭނާއަށް ބަލައިލާ ގޮތް މާހާގެ ހިތުން ފިލައިގެން ނުދެއެވެ. އެކަނިވެއްޖެނަމަ މޮޔައަކު ފަދައިން ކުރެވޭ ހަމައެކަނި ޚިޔާލަކީ އެއީއެވެ. އެންމެ ފަހުން އޭނާގެ ހުވަފެން ތަކުގައިވެސް ހަގީގީކުލަ ޖެހުނީއެވެ. ދޭތެރަކުން ކައިވެނީގެ ވާހަކަ އީވާން ދައްކާތީ އެގުޅުމަކީ އޭނާއަށް ކިހައި ސީރިއަސް ގުޅުމެއްކަން މާހާއަށް އިހުސާސު ކުރެވެއެވެ. އަމިއްލައަށް ފެނިގެން އެންމެ ފުރަތަ އެވާހަކަތައް ދެއްކީވެސް ޚުދު އީވާން ވިއްޔާއެވެ. އުފަލުންގޮސް ފޮޅިފައި މާހާ ހުންނަނީ އެދުވަހެއްގެ އިންތިޒާރުގައެވެ. އީވާންގެ އިޝާރާތަކަށް ކެތްތެރިކަމެއްނެތި އިންތިޒާރުކޮށްގެނެވެ. އޭނާގެ ކޮންމެ އެދުމެއް ނުހަނު ފަސޭހައިން އީވާން ފުއްދައިދެއެވެ. ކޮލެޖުން ބޭރުގައި އެތައްފަހަރަކު އޭނާއާ ބައްދަލުކޮށް ހަދައެވެ. އީކް އަށް މިއިން އެއްވެސް ކަމެއް އެނގޭބާއޭ މާހާގެ ހިތަށް އަރައެވެ. އެނގޭ ދުވަހަކުން އޭނާ އުފުލި ހިތާމަ އީކްވެސް އުފުލާނެކަން ވިސްނި މާހާއަށް ލިބެނީ ބަޔާންކުރަންދަތި އުފަލެކެވެ. އެހިތުގައި އީކްގެ މައްޗަށް ހަސަދަ އުފެދިފައިވީ މިންވަރު އެކަމުން އެކަނި ވެސް އަންގައިދެއެވެ.

އީވާނަށް އެހައި ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބު ނޭނގުނަސް އެބަދަލާއި މެދުގައި މާހާ ހުރީ ރުހިގެންނެވެ. ކުއްލިއަކަށް އޭނާއާ މެދު އެހައި ގާތްކޮށް ކަންތައް ކުރަން ފެށުމުން ފުރަތަމަ ސުވާލު އުފެދުނަސް އެއިން ކޮންމެ ސުވާލަކަށް އީވާން ވަނީ އޭނާ ހިތްހަމަޖެހޭފަދަ ޖަވާބުތަކެއް ދީފައެވެ. އެހައި އަވަހަށް އީވާންގެ މައްޗަށް އިތުބާރު އުފެދުނީވެސް އެހެންވެއެވެ. އީވާން ނުފެނި އެންމެ ދުވަހެއް ހޭދަކުރުންވެސް މިހާރު އޭނާއަށްވަނީ ދަތިކަމަކަށް ވެފައެވެ.

ކޮފީ ޝޮޕެއްގެ މޭޒު ދޮށުގައި އިން އީވާން މާހާއަށް ބަލައިލީ ފުން ނަޒަރަކުންނެވެ. އެބެލުމުން ލަދުގަނެފައި އަވަސް އަވަހަށް މާހާ އިސްޖަހައިލިއެވެ. އީވާންގެ ދެލޮލުގައި އެވަނީ ކޮންފަދަ ދަމާ ބާރެއް ހެއްޔެވެ؟ ހިނދުކޮޅެއްގެ ތެރޭގައި ދުނިޔަވީ ހުރިހައި ކަމެއްގެ މަތިން ހަނދާންނެތޭހައި ވެއެވެ.

"މިއުޅެނީ ކުޑަ ދުވަސްކޮޅަކަށް ރާއްޖެ ގޮސްލަން ކަމަށް.." މާހާއަށް ބަލަން އިނދެ އީވާން ބުނެލިއެވެ.

"އެކީއްކުރަން.." ސުވާލު އުފެދިފައި އިނދެ މާހާ އަވަސް އަވަހަށް އަހައިލިއެވެ.

"އީކްގެ ބައްޕަ ބޭނުންވެގެން.. އޭނާ ބޭނުންވޭ ދެތިން ދުވަހަށް ނަމަވެސް ރާއްޖެ ގޮސްލަން.. އެހެންވެ މިއަންނަ ބްރޭކްގަ އާއިލާ އެންމެން އެކުގަ ދާން ކަމަށް.. ބައްޕަ އެދުނީމަ އަހަންނަށް ދެކޮޅު ހަދާކަށް ނުކެރުނު.. އެކަމަކު ލޯބި ނުފެނި އެހައި ދުވަހަށްވެސް ކެތްކުރުމަކީ ހާދަ ދަތިކަމެކޭ.. އަޅެ ބުނެބަލަ.. މާހާއަށް ކެތްވާނެތަ؟" ލޯބިވެތި ބެލުމެއް މާހާއަށް ހަދިޔާކޮށްލަމުން އީވާން ބުނެލީ މޮޅިވެރި ރާގަކަށެވެ.

"އަހަންނަށްވެސް ކެތެއްނުވާނެ.. އެހެންނޫނަސް އަހަރެން ބޭނުމެއްނޫން އީކްއާ އެކު އީވާން ފޮނުވާކަށް.." ތުންފަތަށް ވައްތަރެއް ޖައްސައިލަމުން މާހާ ބުންޏެވެ. ހިނިއައި ނަމަވެސް އެކަން ނުދައްކައިވޭތޯ އީވާން މަސައްކަތް ކުރިއެވެ.

"އެކަމަކު ކީއްކުރާނީ.. އަހަންނަށް މަޖުބޫރު.."

"އެހެންވީއިރު އަހަރެން... އަހަރެންވެސް ގޮވައިގެން ދޭ.. ޕްލީޒް.. އަހަރެން މިހުރީ އީވާންއާއެކު ދާން ތައްޔާރަށް.." ކެތްތެރިކަން ކޮޅުންލައިފައިވާ މީހަކު ފަދައިން މާހާ އާދޭސްކޮށްލިއެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު އީވާންއަށް ހިނިތުންވެވުނެވެ.

"އަސްލުވެސް އަހަރެން އެދެފިނަމަ އަހަންނާއެކު ދާނަންތަ؟" ޔަގީންކޮށްލަން ބޭނުންވެފައި އިނދެ އީވާން އަހައިލިއެވެ. ވަގުތުން އަވަސް އަވަހަށް މާހާ ބޯޖަހައިލީ އޭނާގެ ވާހަކަތައް ގަބޫލުކުރާށޭ ބުނެލާފަދަ ގޮތަކަށެވެ. މޭޒުމަތީގައި އޮތް މާހާގެ އަތުގައި ހިފައި ފިތައިލުމާއެކު އީވާން ހިނިތުންވެލިއެވެ. މާހާގެ ޓިކެޓާއި ރާއްޖޭގައި ހުރެވޭނެ ހުރިހައި އިންތިޒާމެއް ހަމަޖައްސާނީ އޭނާ ކަމުގައި އީވާން ބުނެލިއެވެ. ހިތަށް ލިބުނު އުފަލުގައި އީވާންއަށް ބަލަން އިނދެ މޮޔައަކު ފަދައިން ހީނގަންނަމުން މާހާ ބޯޖަހައިލީ އެންމެ ރަނގަޅުކަމުގައި ބުނަމުންނެވެ.

* * * * *

ފާއިތުވެދާ ކޮންމެ ދުވަހަކާއެކު ހައިތަމްގެ ހަށިގަނޑު އައީ ބަލިކަށިވަމުންނެވެ. ކެއުން ބުއިމާއި ދުރުވެ އޭނާގެ ކުރިން ހުރި ވަރުގަދަ ހަށިގަނޑުވަނީ މުޅިން އަނަރޫފަ ވެފައެވެ. މޫނުމަތީގެ ދިރުން ގެއްލި ދެލޯހުރީ ވަޅުވަދެފައެވެ. އަރާމުކުރިނަމަވެސް ނުފިލާ ވަރުބަލިކަމެއްގެ އަސަރު އެމޫނުން ފައުޅުވާން ހުރެއެވެ. އުމުރަށް ދެލޯ މަރައިލުމުގެ ކުރިން ލޯބިވާ އަނބިމީހާ އާއި މައިންބަފައިންގެ މަހާނައަށް ޒިޔާރާތް ކޮށްލުމަށް އޭނާ ބޭނުންވީ އިންތިހާއަށެވެ. ރާއްޖެއަށް ދިއުމަށް އެދި ނާއިފްގެ ގާތުގައި އެވާހަކަ ދެއްކުނީ އެހެންވެއެވެ. ޑޮކްޓަރުންގެ އިރުޝާދާއެކު ހައިތަމް ގޮވައިގެން ތިންވަރަކަށް ދުވަހަކަށް ރާއްޖެ ދިއުމަށް އޭނާ ނިންމިއެވެ. އެއީ އެއެކުވެރިޔާ އޭނާގެ ފަރާތުން އެދޭނެ އެންމެ ފަހު އެދުން ކަމުގައިވެސް ވެދާނެއެވެ. ކޮންމެފަދަ ހާލަކުންވެސް އެކަން ފުރިހަމަކޮށްދެން ނާއިފް ބޭނުންވިއެވެ.

ފްލައިޓްގައި އިންއިރު ހައިތަމްގެ ދެލޯ އަމާޒުވެފައިވީ ކުޑަދޮރުގެ ބޭރުން ފެންނަމުންދިޔަ ގުދުރަތީ ހިތްގައިމު ކަމަށެވެ. ފަނޑު ހިނިތުންވުމެއް ތުންފަތުގައި ވީއިރު، އެދެލޮލުން ނޭނގޭ ރިހުމެއް ފައުޅުވާން ހުއްޓެވެ. އިރުއިރުކޮޅުން އެއްފަރާތުގައި އިން އީކްއާއި އީވާންގެ މޫނަށް އޭނާގެ ނަޒަރު ހުއްޓެއެވެ. ލޯބިވާ ދަރިފުޅާމެދު އޭނާއަށް ވިސްނެމުންދިޔައީ އިންތިހާއަށެވެ. އެނބުރި ނިއުޒިލޭންޑަށް ދެވިދާނެ ކަމާމެދު އޭނާއަށް ޝައްކެވެ. ކޮންމެ ހިނދަކުވެސް ފަހުނޭވާ ދޫކޮށްލަން ޖެހިދާނެހެން އޭނާއަށް ހީވަނީއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ހައިތަމް ދެލޯމަރައިލިއެވެ. އެހިނދު ލޮލުގެ ކަނުން ކަރުނައިގެ ތިއްކެތް ފައިބައިގެން އައެވެ.

ފްލައިޓްގައި އިން މާހާގެ ނަޒަރު ވަށައިގެން ހިންގައިލީ އީވާން ފެނޭތޯއެވެ. މައިންބަފައިން ގާތުގައި ދޮގުހެދުމަށްފަހު އޭނާ އައީ އީވާންއަށްޓަކައެވެ. އެނބުރި ދިއުމުގެ ކުރިން އެގުޅުން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން އޭނާ އިނީ ނިންމައިގެންނެވެ. ރާއްޖެގޮސް ހަމަޖެހިލުމަށްފަހު އީވާންއާ އެވާހަކަދެއްކުމަށް ހިތާހިތުން އަމިއްލަ ނަފުސަށް ވައުދުވަމުން މާހާ ހިނިތުންވެލިއެވެ.

* * * * *

ގެއަށްގޮސް ހަމަޖެހިލެވުމާއެކު ފެންވަރައި ތާޒާ ވެލައިގެން އީވާންއާއި އީކް ކޮޓަރިން ނުކުތެވެ. އެމީހުނަށް ރާއްޖެ އާދެވުނީ ހެނދުނުގެ ވަގުތެއްގައެވެ. ކުޑަކޮށް އަރާމުކޮށްލުމަށްފަހު ލަސްނުކޮށް ހައިތަމް އެދުނީ އޭނާ ބޭނުންވި ކަންތައް ފުރިހަމަކޮށްދިނުމަށެވެ. ހައިތަމްމެން އަންނަ ޚަބަރާއެކު ހައްވައްތަ ވަނީ މުޅި ގެ އެމީހުންގެ އިސްތިޤްބާލުގައި ނުހަނު ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އީކްއާއި އީވާނަށް އޭނާ ނުހަނު ހޫނު މަރުޙަބާއެއް ކިއެވެ. އެތަނުން ދިޔައިރު އީކް ފެނުނުގޮތާ މިހާރު ތަފާތުކަމުން ހައްވައްތައަށް ފުރަތަމަ ބުނާނެ ބަހެއްވެސް ނުވިސްނުނެވެ. އެހިތާމަތަކުން އަރައިގަނެ އެދަރިފުޅު އައު ޙަޔާތެއް ފެށުމުން އެކަމާ އޭނާ ނުހަނު އުފައުކުރިއެވެ. އީކްއަށްޓަކައި ހެޔޮ ދުޢާ ކުރިއެވެ.

ހައިތަމްގެ ސޫރައަށް ނަޒަރު ހުއްޓުމާއެކު ހައްވައްތަގެ ދެލޮލުން ކަރުނަ ނިރާލީ ހިތަށް ކުރުވި ފުން އަސަރުންނެވެ. އެބަލިމަޑު ކަމުގައި އޭނާ ނިމިދާތަން ބަލަން ކެތްނުވުމުން ހައްވައްތަ އިސްޖަހައިލިއެވެ. އަދި ހައިތަމްއަށް ހިތްވަރާއި ކެތްތެރިކަން މިންވަރުކޮށްދިނުން އެދި ތަކުރާރުކޮށް ދުޢާ ކުރިއެވެ.

މެންދުރު ކެއުމުން އަވަދިވުމުމާއެކު އެންމެން އެކުގައި ސަހަރާއާ ދިމާއަށް ކާރުގައި މިސްރާބުޖެހިއެވެ. ސަހަރާގެ އެއްފަރާތުގައި ކާރު ޕާރކް ކޮށްލުމަށްފަހު ލަސްހިނގުމެއްގައި އެކުގައި އައިސް އެތަނުގެ އެތެރަށް ވަނެވެ. އެއްފަރާތުން ހައިތަމްގެ އަތުގައި ހިފައިގެން އީކް ހުއްޓެވެ. ކުދި ފިޔަވަޅުތަކެއްގައި އައިސް ހައިތަމް ފުރަތަމަ ހުއްޓުނީ އޭނާގެ މައިންބަފައިންގެ މަހާނަ ކައިރީގައެވެ. އެދެމީހުނަށްޓަކައި ހެޔޮ ދުޢާކުރުމުގައި އިރުކޮޅަކު ހުރުމަށްފަހު ދެން އޭނާ މިސްރާބުޖެހީ އާރިއާގެ މަހާނައާ ދިމާއަށެވެ. މަހާނަ ކައިރީގައި ހުއްޓިލުމާއެކު އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހިގަތެވެ. ތަންކޮޅެއް ދުރުގައި އީވާންއާއި ނާއިފް މަޑުކޮށްލައިގެން ތިއްބެވެ. އޭރުވެސް ހައިތަމްގެ އަތުން ދޫކޮށްލުމެއްނެތި އޭނާ ގާތުގައި އީކް ހުއްޓެވެ.

"ރިއާ.. ބަލާބަލަ.. މިއަދު އަހަރެން ރިއާ އަށްވީ ވަޢުދު ފުއްދިއްޖެކަމުގެ އިހުސާސު ކުރެވިއްޖެ.. އަހަރެންމެ މިދެއަތުތެރަށް އަހަރެމެންގެ ކުޑަކުޑަ ދަރިފުޅު ދޫކޮށްލާފަ ރިއާ ވަކިވީ އެކަމަށް އަހަރެން ކުޑަކޮށްވެސް ތައްޔާރު ނުވަނީސް.. އެކަމަކު.. އެދަރިފުޅަށްޓަކާ.. ރިއާ އަށްޓަކާ.. އަހަރެން ހިތްވަރުކުރިން.. އަހަރެމެންގެ ލޯބިވާ ދަރިފުޅަށް ހެޔޮ ތަރުބިއްޔަތެއްދީ ރަނގަޅު ގޮތުގައި ބޮޑުކުރިން.. މިއަދު އައު ޙަޔާތެއް ފަށައިގެން އަހަރެމެންގެ އީކް އުޅެނީ ނުހަނު އުފަލުން.. އެތައް ދުވަހަކަށްފަހު އެމޫނުން ހިތްހަމަޖެހުމާ އުފައުވެރިކަން ފައުޅުވެލައިފި.. މިއަދު ދެލޯ މަރައިލާން ޖެހުނަސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް.. އެދަރިފުޅުވީ ހެޔޮލަފާ ބައެއްގެ އަތްމަތީކަން ޔަޤީން.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެން ރިއާ އާ ބައްދަލުކުރާނަން.. އެދުވަހު ވަޢުދުވީ ފަދައިން ޖަންނަތުގަވެސް އަހަރެން ވާނީ ﷲ ގެ އިރާދުޅާއެކު ރިއާގެ މީހަކަށް.. އަހަރެމެންގެ ލޯބީގެ ދާސްތާން އައު ފެށުމަކުން ފަށަން ނުހަނު ބޭނުން... ދެން ދުވަހަކު ވަކިވުމެއް ނުވާ ގޮތަށް.. ރިއާ.. އަހަރެން.. ވަރަށް ލޯބިވޭ.. ވަރަށް ބޮޑަށް ލޯބިވޭ.." ހައިތަމްގެ ވާހަކަތައްވީ ދުނިޔެއަށް ސިއްރުވެފައެވެ. އަމިއްލަ ނަފުސާ އޭނާ ދައްކަމުންދިޔަ ވާހަކަތަކުން އެދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އީކްގެ އަތަށް ފިތައިލަމުން ދާން ހިނގާށޭ ހައިތަމް ބުނެލިއެވެ. ބޯޖަހައިލުމާއެކު ބައްޕަގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތިކިތައް އީކް ފުހެލީ ނުހަނު ލޯބިންނެވެ. ހައިތަމްވެސް އޭނާއާ މެދު ކަންތައް ކުރި ފަދައިންނެވެ. އީކް ގަޔާ ކައިރިކޮށްލުމާއެކު އާރިއާގެ މަހާނައަށް ފުރަގަސްދެމުން ހައިތަމް ކުރިއަށް ހިނގައިގަތެވެ. މިއިން ދުވަހަކު ނުކުރެވޭފަދަ ފިނިކަމެއް އޭނާގެ ހިތާއި ރޫޙަށް ވެރިވެފައިވިއެވެ. ހިތްހަމަޖެހިފައި ހުރެ ލުއި ހިނިތުންވުމެއް ކުރިމަތީގައި ހުއްޓި ތިބި ނާއިފާއި އީވާންއަށް އޭނާ ހަދިޔާކޮށްލިއެވެ.

* * * * *

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ގޭތެރެއަށް ވެރިވެފައިވީ ފަޅުކަމެވެ. އެއްވެސް ދިރޭ އެއްޗެއްގެ ނިޝާނެއް މުޅި ގޭތެރެއިންވެސް ފައުޅުވާކަށް ނެތެވެ. އެއްފަރާރުގައި ހުރި ކޮޓަރީގެ ދޮރު ހުޅުވައިލަމުން އީވާން ނުކުތެވެ. ޖީބުގައި އޮތް ފޯނު ނަގަމުން މާހާއަށް އޭނާ ގުޅައިލިއެވެ. އަދި އެގެއަށް އޭނާއާ ބައްދަލުކުރުމަށް އައުމަށް އެދުނެވެ. ގޭގައި އެއްވެސް މީހަކު ނެތްކަމުގައި އީވާން ބުނެލީ މަސްތީ ރާގަކަށެވެ. ދެކޮޅު ހެދި ނަމަވެސް އީވާން އާދޭސްކުރަން ފެށުމުން އެންމެ ފަހުން މާހާ ހަތިޔާރު ބެހެއްޓިއެވެ. މުހިންމު ވާހަކައެއް ދައްކަން ބޭނުންވާ ކަމުގައި އީވާން ބުނެލިއެވެ. އެއާއެކު އިރުކޮޅަކުން އެބަދަން ކަމުގައި މާހާ ބުންޏެވެ.

މާހާގެ އިންތިޒާރުގައި ގޭގެ ދަނގަޑު ގޭޓު ކުރިމަތީގައި އީވާން ހުއްޓެވެ. ގޭ ދޮރުމައްޗަށް މަޑުކޮށްލި ޓެކްސީއިން މާހާ ފޭބުމާއެކު އޭނާއަށް އީވާން އަތްދިއްކޮށްލިއެވެ. ހިނިއައިސްފައި އެއަތުގައި ހިފަމުން އެތެރަށް ވަންނަން މާހާ ހިނގައިގަތެވެ.

"ޔަޤީންތަ އެކަކުވެސް ނާނާނެކަން.." އީވާންއާ އިތުރަށް ގާތްވެލަމުން މާހާ އަހައިލިއެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އީވާން ޔަޤީންކަން ދިނެވެ. ހުރިހައި އެންމެންވީ ބޭރަށް ގޮސްކަމާއި ބަލިވިކަމުގެ ބަހަނާ ދައްކައިފައި އޭނާ ގޭގައި މަޑުކުރީ ކަމުގައި އީވާން ބުނެދިނެވެ. މާހާގެ ސޫރަ ނުފެނި މާގިނައިރުވުމުން ވަރަށް ހަނދާންވި ކަމުގައި އީވާން ބުނެލީ ލޯބިން ފުރިގެންވި ގޮތަކަށެވެ. ތުއިވެލަމުން އީވާންގެ އަތަށް މާހާ ބާރުކޮށްލިއެވެ.

ބޮޑުކޮޓަރީގެ ސޯފާގައި މާހާ ބޭނދުމަށްފަހު އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް އީވާން އިނށީނެވެ. އެކި ވާހަކަތަކުގައި މަޝްއޫލުވެ އިރުކޮޅެއް ހޭދަވެގެން ދިޔައެވެ. އީވާންގެ ކޮނޑުގައި މަޑުމަޑުން ބޯއަޅައިލުމާއެކު އޭނާ ދައްކަން ބޭނުންވީ ކޮންވާހަކައެއްތޯ މާހާ އެއްސެވެ.

"އަހަރެން އެކި ގޮތްގޮތަށް މިކަމާމެދު ވިސްނައިފިން.. މާހާ ދޫކޮށްލާކަށް ކުޑަކޮށްވެސް އަހަރެންގެ ހިތެއް ނޭދޭ... އެކަމަކު.."

"އެކަމަކު ކިހިނެއްވީ؟ އީވާން ތިއުޅެނީ އަހަންނާ ވަކިވަންތަ؟" ދެލޯބޮޑުކޮށްލަމުން ހަށިގަނޑު ސީދާ ކޮށްލުމަށްފަހު މާހާ އަހައިލިއެވެ. އޭރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އީވާން ދީފާނެ ޖަވާބަކާއި މެދުގައި އޭނާ އިނީ ނުހަނު ކަންބޮޑުވެފައެވެ.

"އީކް އެއީ އަހަރެންގެ ބައްޕަގެ އެންމެ ގާތް އެކުވެރިޔާގެ ދަރި.. ހައިތަމް އަންކަލް އެދަނީ ބޮޑު ބައްޔަކާ ހަނގުރާމަ ކުރަމުން.. އަހަރެން.. އީކް ވަރިކުރަން ބޭނުންވިއަސް މިދަނޑިވަޅުގަ އެފަދަ ކަމެއް ކުރާކަށް ނުކެރޭނެ.." މަޑުމޮޅި ގޮތަކަށް އީވާން ބުންޏެވެ.

"އެކަމަކު މިހާރު މާހާއާ ދުރުގަ ހުރުމަކީވެސް އަހަންނަށް ކެތްވާވަރުގެ ކަމެއްނޫން.. ބައެއްފަހަރު ހިތަށް އަރާ އީކްއާ ކައިވެނިކުރުމުގެ ކުރިން މާހާދެކެ ލޯބި ވެވުނު ނަމައޭ.. ނޫނީ... މިނޫން އެހެން ގޮތަކަށް އަހަރެންގެ ހަޔާތުން އީކް ބޭރުކޮށްލެވޭނެ ނަމައޭ.. އެއްވެސް ކަމަކާ ވިސްނާ ހާސްވާކަށް އަހަރެން ބޭނުމެއްނުވޭ.. މިއަށްވުރެ ފަސޭހައިން މިކަން ނިންމައިލެވޭނެ ނަމައޭ އަބަދު ހިތަށް އަރަނީ.." މާހާގެ އަތުގެ އިނގިލިތަކާ ކުޅެލަމުން އެދެލޮލަށް އީވާން ބަލައިލިއެވެ. ގޮތްހުސްވެފައިވީ މިންވަރު އީވާންގެ މޫނުމަތިން ހާމަވާން ހުއްޓެވެ. ނިތަށް ރޫއަރުވައިލުމާއެކު މާހާ އިސްޖަހައިލީއެވެ. ކޮންމެވެސް ކަމަކާ އޭނާ ވިސްނުން ހިންގާ ކަހަލައެވެ.

"އެބައޮތް ގޮތެއް.. އެކަމަކު އީވާންއަށް އެކަމާ ރުހެން ކެރޭނެބާއޭ އަހަރެންގެ ހިތަށް އަރަނީ.." ޖެހިލުންވެފައި އިނދެ އީވާންއާ ހަތަރުކަޅި ހަމަކޮށްލަމުން މާހާ ބުނެލިއެވެ.

"ޓެލް މީ.. މާހާއަށްޓަކާ ކޮންމެފަދަ ޤުރުބާނީއެއްވެސް އަހަރެން ވެދާނަން.. އެކަމަކު މާހާ ގެއްލޭކަށް އަހަރެން ނޭދެން.." މާހާގެ އަތްތިލައަށް އީވާން ފިތައިލީ ނުހަނު ލޯބިންނެވެ. ފަނޑު ގޮތަކަށް ހިނިތުންވެލުމާއެކު ސިކުނޑީގައިވި ޚީޔާލާ ދޭތެރޭ އޭނާ ވިސްނައިލިއެވެ.

"އީކް.. އީކް މަރައިލާން ވީނު.." ތުންފަތުގައި ދަތް އަޅައިލަމުން މާހާ ބުންޏެވެ.

"ވަޓް.." ދެލޯ ބޮޑުކޮށްލުމާއެކު އީވާންއަށް ބުނެވުނެވެ.

"އެއްވެސް މީހަކަށް ޝައްކުނުވާނެފަދަ ގޮތަކަށް... ވީ ވިލް މޭކް އިޓް ލުކް ލައިކް އެން އެކްސިޑެންޓް.. އޭރަށް ތިހުރިހައި ކަމަކާ ވިސްނާކަށް އީވާން ނުޖެހޭނެ.. އަހަރެމެންގެ ގުޅުމަށް އެއްވެސް ހުރަހެއް ނޯންނާނެ.." މޮޔައަކު ފަދައިން އީވާންގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން މާހާ ބުނެލިއެވެ. އީކްއަށް ދެރައެއް ދެވޭނެ ފުރުސަތަކަށް ބަލަބަލައި އޭނާ ހުންނަތާ ލައްކަ ދުވަސް ވެއްޖެއެވެ. އަދިވެސް ހިތްހަމަޖެހޭފަދަ ބަދަލެއް އީކްގެ ފުށުން އޭނާއަށް ނުހިފެއެވެ. އޭނާ ހުރީ އީކްގެ ފުރާނައަށް ފެންބޮވައިގަނެފައެވެ. އެކަން ކާމިޔާބު ކުރެވިގެން ނޫނީ އޭނާ އަށް އެއްވެސް ހަމަޖެހުމެއް ނެތެވެ.

"އެކަމަކު.. އަހަރެން.. އަހަރެންނަކަށް ނޭނގެ ތިފަދަ ކަންތައް ކުރާކަށް.. ދުވަހަކުވެސް ތިފަދަ އެއްވެސް އަމަލެއް އަހަރެން ނުހިންގަން.. ދެން ކިހިނެއް؟"

"ހަމަޖެހިބަލަ.. ހުރިހައި ކަމެއް ރާވައި އިންތިޒާމު ކުރާނީ އަހަރެން.. އީވާން އަހަރެން ބުނާގޮތަށް ކަންތައް ކުރީމަ ނިމުނީ.."

"މާހާއަށް ކިހިނެއް އެކަހަލަ ކަންކަން ރާވައި ހަމަޖައްސަން އެނގެނީ..؟" ގަބޫލުނުކުރާފަދަ ގޮތަކަށް އީވާން އަހައިލިއެވެ. އެއާއެކު ވިހަ ހިނިތުންވުމެއް މާހާގެ ތުންފަތުގައި ކުޅެލިއެވެ.

"ބިކޮޒް.. ވަންސް އައި ޑިޑް އިޓް.. އައި އެމް އަ މާރސްޓާ މައިންޑް.." ބޮޑާ ރާގަކަށް މާހާ ބުނެލިއިރު އޭނާއަށް ދެއްކެމުންދިޔަ ވާހަކަތައްވެސް އިހުސާސު ނުކުރެވޭ ފަދައެވެ. އެއަށްވުރެ އޭނާގެ މައްޗަށް އީވާންގެ އިތުބާރު ވަރުގަދަކުރަން އޭނާ އިނީ ބޭނުންވެފައެވެ.

"ކާކު.. މިބުނީ.. މާހާ ރާވައިގެން ކާކުގެ ފުރާނައެއް ދުއްވައިލީ؟" ސިއްރު ސިއްރުން އީވާން އަހައިލިއެވެ.

"މާކިން.." ވާހަކަ ނުދައްކާނެހެން ހީވި އިރުކޮޅަކަށްފަހު މާހާ ވެސް ބުނެލީ އެހައި މަޑުންނެވެ. ނިތްއަރުވައިލަމުން އީވާން ހިނިގަނޑެއް ޖަހައިލީ ގަބޫލުނުކުރާފަދަ ގޮތަކަށެވެ.

"މާހާ ހީކުރީ ތިހެން ބުނީމަ އަހަރެން ގަބޫލުކުރާނެ ކަމަށްތަ؟ އެންމެނަށްވެސް އެނގޭ އެއީ އެކްސިޑެންޓަކުން ހިނގި އަލިފާނުގެ ހާދިސާއެއްކަން.. އެއްވެސް މީހަކު ތިފަދަ އެއްވެސް ވާހައެއް ނުވެސް ދައްކާ.." ހުނުން މައިތިރިކުރަމުން އީވާން ބުނެލިއެވެ.

"ނޫން.. މިއީ ހަގީގަތަކީ.. އެއީ އަހަރެން ރާވައިގެން މީހަކު ލައްވައި ކުރުވި ކަމެއް.. މާކިންގެ މަރަކީ އެކްސިޑެންޓެއް ނޫން.. އެއީ ގަސްދުގަ އޭނާއަށް ދިން ހަމަލާއެއް.." އަޑަށް ބާރުލަމުން މާހާ ބުނެލީ ނުރުހިފައެވެ. އީވާން އޭނާއަށް މަލާމާތްކޮށް ހޭން ފެށުމުން މާހާ ހިތްހަމަނުޖެހޭގޮތްވިއެވެ.

"ކީއްވެތޯ އަހަންނަށް އަހައިލެވިދާނެތަ؟" ގޮނޑީގައި ހަމަޖެހިލަމުން ހިނިއައިސްފައި އީވާން އަހައިލިއެވެ.

"އަހަރެން ބޭނުންވީ އީކްއަށް ދެރަދޭން.. މާކިންއަކީ އަހަރެން އެންމެ ފުރަތަމަ ލޯބިވި މީހާ.. އެކަމަކު އަހަރެންގެ އަތުން އޭނާ ފޭރި ގަތީ އީކް.. އަހަންނަށް އެލޯބި ނުލިބުނު އިރު އީކްއަށް ލިބެން އަހަރެންނަށް ރުހެވޭނީ ކިހިނެއް؟ ރާހިލްގެ އެހީ ހޯދަން އަހަންނަށް ޖެހުނީ އެހެންވެ.. ރާހިލްއަކީ އަހަންނާ ހެދި މޮޔަވެފަ ހުންނަ މީހެއް.. އަހަރެން ބުނި ކޮންމެ ކަމެއް ކޮށްދޭނެކަމުގެ ޔަގީންކަން އަހަންނަށް އޮވޭ.. އޭރު އޭނާ މަސައްކަތްކުރަމުންދިޔައީ މާކިންގެ އެސިސްޓެންޓްއެއް ގޮތަށް.. އެންމެ ފުރަތަމަ އަހަންނާ ރާހިލް ބައްދަލުވީ ނިއުޒިލޭންޑް އިން.. ވިޔަފާރި ދަތުރަކު ގޮސް ހުއްޓަ.. އެކުވެރިވެ ދެކެވުނު ވާހަކަތަކުން އަހަންނަށް ރާހިލްގެ މަސައްކަތާ ބެހޭގޮތުން އެނގުނީ.. އަހަންނަށް އެންމެ ފުރަތަމަ ރާހިލް ލޯބިހުށައެޅި ދުވަހުން ފެށިގެން އަހަރެން މަސައްކަތްކުރީ އޭނާ އަހަރެންދެކެ ވާ ލޯބީގެ ނާޖާއިޒް ފައިދާ ނަގަން.. އަހަރެންގެ ހިތަށް ލިބުނު ޒަޚަމްގެ ބަދަލުހިފަން.. ފުރަތަމަ ދެކޮޅު ހެދިއަސް ފަހުން އޭނާ އެއްބަސްވި.. ބަދަލުގަ އަހަރެން އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ވާގޮތަށް.. އެދުވަސް އެއީ އެ ހޮޓެލްގަ ވަރަށް މުހިންމު ބައްދަލުވުމެއް އޮތް ދުވަހެއް.. ކުރީބައިގަ އެ ބައްދަލުވުމަށް ބޭނުންވާ ފައިލެއް ހޯދަން އޭނާ އެދުނީ ރާހިލް ގާތުން.. މާކުރިންވެސް އެދުވަހު އެކަން ކުރުމަށް އަހަރެން އޮންނާނީ ޕްލޭންކޮށްފަ.. އޮފީހުގެ އައިޓީގަ މަސައްކަތްކުރާ ދެތިން މީހުންގެ އެހީވެސް އަހަންނަށް ލިބުން އެއީ އެމަސައްކަތް އިތުރަށް ފަސޭހަވިކަމެއް.. ކުޑަ ފައިސާކޮޅަކަށް އެމީހުންތިބީ ހުރިހައި ކަމެއް ކޮށްދެން ނިންމައިގެން.. އޭގެ ކުރީރޭ އެމުޅި ފަންގިފިލައިގެ ސީސީ ޓީވީ ތައް ހަލާކުކޮށްލީ އެމީހުން ގުޅިގެން.. އަހަރެން ކިޔައިދިން ގޮތަށް.. ދެން ކުރަން ހުރި ކަންކަމުގެ އިންތިޒާމުވެސް ހަމަޖެއްސީ އަހަރެންގެ އިރުޝާދުގެ ދަށުން.. ޖެހިގެން އައި ދުވަހު ބައްދަލުވުމަށް ވަގުތު ކުޑަތަންވެފަ އޮއްވަ ރާހިލް ގޮސް މާކިން ގާތު ބުނީ ފަސްވަނަ ފަންގިފިލައިގަ ހުރި ސްޓޯރޫމަށް އެއްޗެއް ހޯދަން ވަނުމަށްފަހު އޭނާއަށް ނުކުމެވުނީ ހަނދާންނެތި އަތުގަ އޮތް ފައިލް އެތަނުގަ ބާއްވާފަކަމަށް.. އެކަމަކު ހަނދާންވެގެން ދިޔައިރު ފެންނަން ނެތް ކަމަށް.. އެފައިލް ހޯދަން ރާހިލްއާއެކު މާކިންވެސް އެތަނަށް ދާން ޖެހުނީ އެހެންވެ.. އޭރު ދެންތިބި މީހުންގެ ތެރެއިން އެކަކު ހުރީ ރެޑީވެގެން.. މާކިން ސްޓޯ ރޫމަށް ވަނުމާއެކު އިރުކޮޅެއްފަހުން މުޅިތަނުން ކަރަންޓް ދުއްވައިލީ.. އެވަގުތު އެބައަންނަން ކަމުގައި ބުނަމުން ރާހިލް އެތަނުން ނުކުތީ ވީކީއްތޯ ބަލައިލަންށޭ ބުނެ.. އޭރުވެސް ފޯނުން އަލިކޮށްގެން މާކިން މަސައްކަތްކުރީ އެފައިލް ފެނޭތޯ.... އެހޮޓެލްއިން އަހަރެމެންނާ ބައިވެރިވި މީހެއް ޕެޓްރޯލް ފުޅިއަކާއެކު އެތަނަށް ވަނީ އެވަގުތު.. މޫނުނިވާކޮށްފަ ހުރީމަ އެއީ ކާކުކަން މާކިންއަކަށް ނޭނގޭނެ.. ހަހަ.. އެމީހުނަށް ނޭނގި ސްޓޯ ރޫމްގެ އެކި ތަންތަނަށް ހުންނާނީ ޕެޓްރޯލް ހަންވައްދާފަ.. މާކިންގެ ކުރިމައްޗަށް އެފުޅީގައި ހުރި ޕެޓްރޯލް ތައް ވަރައިލުމަށްފަހު އޭނާ ރޮއެކޮށްލީ އެވަގުތު... އެމީހެއްގެ ކިބައިން ސަލާމަތްވާން މާކިން މަސައްކަތްކުރި.. އެކަމަކު.. ހީ ވޯސް ޓޫ އަންލަކީ.. އެމުޅި ތަން ގޮވީ އެދެމީހުންގެ ހަށިގަނޑާއެކު.. އެންޑް ނޮން އޮފް ދެމް މޭޑް އިޓް.. އެމީހާވެސް ތަންކޮޅެއް މޮޔައީ.. އޭނަ ހީކުރީ އޭނާއަށް ސަލާމަތްވެވިދާނެކަމަށް... ބަޓް.. ޕުއަރ ގާއި.." ޗުސް ތަޅައިލުމާއެކު ގޮނޑިއަށް ހަށިގަނޑު ދޫކޮށްލަމުން ނުލަފާގޮތަކަށް ހިނިއައިސްފައި މާހާ އިނެވެ. އެވާހަކަތައް އަޑުއަހަންއިން އީވާންގެ ދެބުމަ ގޮށްޖެހުނެވެ. އެއްފަރާތުގައި ހުރި ކޮޓަރިން އަތްތިލަބަޑި ޖަހަމުން އީކް ނުކުތީ އެވަގުތުއެވެ. އީކް ފެނުމާއެކު މާހާއަށް އިންތަނުން ފުންމައިގެން ތެދުވެވުނީ ލިބުނު ސިހުކަމުންނެވެ. ދެލޯބޮޑުވެފައި އެއްފަހަރު އީކްގެ މޫނަށް އަދި އަނެއްފަހަރު އީވާންގެ މޫނަށް އޭނާ ބަލައިލިއެވެ.

"އައި މަސްޓް ސޭ.. އިޓް ވޯޒް އަ ގްރޭޓް ޕްލޭން.. އެކަމަކު.. ތިހުރިހައި ކަމެއްގެ އަގު މާހާ އަދާކުރަންޖެހޭ ވަގުތު ޖެހިއްޖެ.." މާހާގެ ކުރިމަތީގައި ހުއްޓި ހަށަން ބަނދެލަމުން އީކް ބުނެލީ ދަތްކުނޑިވިކައިލަމުންނެވެ.

(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
5111

ހިޔާލު

  1. F

    Koba 35

  2. ގާލް

    ވާ … ވަރަށް ސަޅި އިނގޭ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް