ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (34)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ތިރީސްތިންވަނަ އަދަދާއި ގުޅޭ

"ކަލޭ... ކަލޭ މިތާ ކީއްކުރަނީ؟ މިހާރު ވާހަކަވެސް ދެއްކެން ފެށީތަ؟" ދެލޯބޮޑުވެފައި ހުރެ މާހާ އަހައިލިއެވެ. މަލާމާތުގެ ހިނިތުންވުމެއް އީކްގެ ތުންފަތުގައި ކުޅެލިއެވެ. "އަހަރެންގެ ކަންތައް އެހައި ވަރަށް ބަލާ މީހަކަށް އެކަން ނޭނގުނީމަ އަޖައިބު ވެއްޖެ.. އީވާންގެ ލޯބީގަ އެހައިވެސް ބޮޑަށް މާހާ ކަނުވީތަ؟" ސީދާ މާހާގެ ދެލޮލަށް ބަލަންހުރެ އީކް އަހައިލިއެވެ.

"އީވާން.. މީ.. މީ ކޮންކަމެއް..؟ އީވާން ބުނި ގޭގަ އެކަކުވެސް ނެތޭ.." ބުނާނެ އެއްޗެއް ނުވިސްނުމުން އެނބުރި އީވާންއަށް މާހާ ބަލައިލީ އެހީއަކަށް އެދޭފަދައިންނެވެ. އޭރު ނިކަން ހިނިއައިސްފައި އެއްފައި މައްޗަށް އަނެއްފައި އަރުވައިލައިގެން އީވާން އިނެވެ. މާހާ ބަލައިލުމާއެކު ނިތްއަރުވައިލީ ކިހިނެއް ވީތޯ އަހައިލާ ކަހަލަ ގޮތަކަށެވެ. އީވާންގެ އެފަރުވާކުޑަ އަމަލުން މާހާގެ ދެބުމަ ގޮށްޖެހުނީ ހިނދުކޮޅެއްގެ ތެރޭގައެވެ. ފާއިތުވެދިޔަ ދުވަސްތަކާމެދު ފުންކޮށް އޭނާއަށް ވިސްނުން ހިންގައިލެވުނީ ދެނެވެ. ވިސްނެމުންދިޔަ ވަރަކަށް ނިތަށް ޖަމާވެފައިވި ރޫތައް ފިލަމުންގޮސް މާހާގެ މޫނުމަތިން ހާސްކަން ފައުޅުވެލިއެވެ. ހިންދިރުވައިލަމުން އެއްފަހަރު އީވާންއަށް އަދި އަނެއްފަހަރު އީކްއަށް އޭނާ ބަލައިލިއެވެ.

"މީ.. މީ އީވާންގެ ޕްލޭނެއްތަ؟ އަހަރެންދެކެ ލޯބިވާކަމަށް ކުރީ އެކްޓްއެއް ދޯ.. މީ ހުސް އޮޅުވައިލުމެއްތަ؟" އަޑަށް ބާރުލަމުން އީވާންއާ ކުރިމަތިލައި އޭނާ އަހައިލިއެވެ. މާހާގެ ދެލޮލުން ހާމަވާންހުރި ރުޅިވެރިކަންފެނި އީވާން އިންތަނުން ތެދުވިއެވެ. އަދި އެއްފިޔަވަޅު މާހާއާ ގާތަށް އަޅައިލަމުން ލައިގެންހުރި ޖިންސްގެ ޖީބަށް ދެއަތްތިލަ ކޮށްޕައިލިއެވެ.

"އަހަރެން ހީކުރީ ދުވަހަކުވެސް މާހާއަށް ތިކަން ނުވިސްނޭނެކަމަށް.. ގޭމް ޖައްސަން އެނގެނީ ހަމައެކަނި މާހާއަކަށް ނޫނޭ.. ބައި ދި ވޭ... އަހަރެންގެ އެކްޓިންގް ކިހިނެއް؟ ކަމުދޭތަ؟" ނުލަފާ ހުނުމަކާއެކު އީވާން އަހައިލިއެވެ. ރުޅިއައިސްގެންގޮސް މާހާއަށް ދަތްކުނޑި ވިކައިލެވުނެވެ.

"ހައު ކެން ޔޫ ޑޫ ދިސް ޓް މީ.." ދެލޮލަށް ޖަމާވާން އުޅުނު ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން މާހާ އަހައިލިއެވެ. އަދިވެސް އޭނާގެ ވަށައިގެން ހިނގަމުންދިޔަ ކަންކަން މާހާއަށް ގަބޫލުކުރަން ދަތިވެފައިވީ ފަދައެވެ.

"ޖަސްޓް ލައިކް ދި ވޭ ޔޫ ޑިޑް ދިސް ޓް ހާ.." އީކްއަށް އިޝާރާތް ކޮށްލަމުން ހަމަޖެހިލައިގެން ހުރެ އީވާން ޖަވާބުދިނެވެ. އެއާއެކު މާހާގެ ރުޅި ކޮންޓްރޯލްއިން ނެއްޓިފަދައެވެ.

އީވާންއާ ގާތްވެލަން އޭނާ އުޅުނު ވަގުތު އީކް ނުކުތް ކޮޓަރީ ތެރެއިން އިތުރު ބައެއް ނުކުތްތަންފެނި މާހާ ހުއްޓުންއަރާގޮތް ވިއެވެ. ހައިތަމްއާ ނާއިފްގެ އިތުރުން ދެން ހުރީ އާސިފެވެ. އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް ޕޮލިސް ޔުނީފޯރމްގައި ހުރި މީހާ ފެނި މާހާ ރޫރޫ އަޅައިގަތީ ހިތަށް ވަތް ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެމީހުންގެ ފަހަތުންކަހަލަ ގޮތަކަށް އެތަނަށް ނުކުތް ރާހިލް މާހާގެ ދެލޮލުގައި އަޅައިގަތީ ދެނެވެ. ގަބޫލުނުކުރެވިފައި ފަހަރަކު މީހަކަށް އޭނާ ބަލަމުންދިޔައީ ކުއްލިއަކަށް މިހެން ވާންވީ ސަބަބެއް ނުވިސްނިފައި ހުރެއެވެ. އޭނާއަށް ދާދި ދެންމެއަކު ފައުޅުކުރެވުނު ހަގީގަތްތަކާމެދު ވިސްނައިލެވުނީ އެހިނދުއެވެ. ތުންފިއްތައިލުމާއެކު މާހާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.

"މާހާ ތިވަރުގެ ބޮޑު ދެރައެއް އީކްއަށް ދީފާނެ ކަމަކަށް ބޭބެ ކުޑަކޮށްވެސް ހިއެއް ނުކުރަން.. އެންމެ ފުރަތަމަ މިވާހަކަތައް އީކްއާއި އީވާން ބޭބެއާ ހިއްސާކުރުމުން ގަބޫލުކުރަންވެސް ދަތިވި.. އަދިވެސް.. މިއީ ހަގީގަތެއްކަން ގަބޫލުކުރަން ބޭބެގެ ހިތް އެއްބަހެއްނުވޭ.. އެކަމަކު.. މާހާގެ ދުލުން ހަގީގަތް ހާމަވީމަ.." އެހިސާބަށް ބުނެލަމުން ހުއްޓައިލުމަށްފަހު ހައިތަމް ދެފަރާތަށް ބޯހޫރައިލިއެވެ. ދަރިއަކު ފަދައިން އޭނާ މާހާ ދެކެވެސް ލޯބިވީ އެއީ އީކްގެ އެންމެ ގާތް އެކުވެރިޔާއަށް ވުމުންނެވެ. އެހެނަސް އެލޯބި ފުހެވިދިޔައީ އެހިތި ހަގީގަތް ހާމަވުމުންނެވެ. ދެން އެނަޒަރުން މާހާއާ މެދުގައި ދެކުމަކީ ހައިތަމްއަށް އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ.

"އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ގޮތުގަހުރެ އަހަރެންގެ ބުރަކަށްޓަށް ވަޅިޖަހާފާނެ ކަމަކަށް ކުޑަކޮށްވެސް ހިއެއް ނުކުރަން.. މާހާ އެދުނު ހުރިހައި ކަމެއް އަހަރެން ކޮށްދިނިން.. އެންމެ ފަހަރަކު ނަމަވެސް އަހަރެން ގާތު ބުނެލިނަމަ.. އެނގިހުރެ މާހާގެ ހިތް އަހަރެން ދުވަހަކުވެސް ޒަޚަމްކޮށް ނުލީމުސް.. އަހަރެންގެ ހިތްމަތީ އަތްއަޅާ ބާރުކޮށްފަވިއަސް މާހާގެ ލޯބި މާހާއަށް ދިނީމުސް.. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަން މާހާއަށް ވިސްނުނަމަ.. ތިމާ ލޯބިވާ މީހާ ކޮންމެފަދަ ހާލަކުންވެސް ހާސިލްކުރުމަކީ ލޯތްބެއްނޫން.. އެއީ ފާޑެއްގެ މޮޔަކަމެއް.. ބައެއްފަހަރު އެލޯބި ލިބުމަށްވުރެ ތިމާގެ ހިތް އެދޭ ފަރާތުގެ އުފައުވެރިކަންވެސް އިސްކުރަންޖެހޭ.. ލޯބީގެ ދެވަނަ ނަމަކަށް ޤުރުބާނީ ކިޔެނީ ކޮންމެވެސް ކަމެއްވެގެން.. އެކަމަކު މާހާ.. މާހާ މަސައްކަތްކުރީ އެ މާތް ޖަޒުބާތުގެ ނަމުގަ ހިތުގަ އޮތް ހަސަދަ ފިލުވައިލަން... ތިމާއަށް އެއުފާވެރިކަން ނުލިބުނީމަ އެހެން މީހަކަށްވެސް ހައްގުނޫންކަމުގަ މާހާ ދެކުނީ... އެކުވެރިއެއްގެ ލަގަބުވެސް މާހާއަށް ހައްގުނޫންކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފި.. އަހަންނަށް ދަސްކޮށްދިން ފިލާވަޅަށް ވަރަށް ބޮޑަށް ޝުކުރިއްޔާ..." ފެންކަޅިވެފައި މާހާއަށް ބަލަންހުރެ އީކް ބުނެލިއެވެ. ބުނާނެ އެއްވެސް އެއްޗެއް ނުވިސްނުނު މީހަކު ފަދައިން މާހާ އިސްޖަހައިލީއެވެ. ކުށްވެރިކަމުގެ އިހުސާސް ކުރެވުނަސް އެކަން ދައްކާކަށް އޭނާ ބޭނުމެއްނުވިއެވެ. އަމިއްލަ ކުށް އެހެން މީހުން ކުރިމަތީގައި ގަބޫލުކުރަން އޭނާގެ ޟަމީރު ދެކޮޅުހެދިއެވެ. ހަނުހުރީ އެހެންވެއެވެ. އެއްފަރާތުގައިހުރި ޕޮލިސް އޮފިސަރަށް އީކް ބޯޖަހައިލުމާއެކު އޭނާ މާހާއާ ގާތަށް ޖެހިލިއެވެ. އޭނާގެ އިރުޝާދާއެކު ގޭގެ ބޭރުގައި ތިބި ޕޮލިހުންގެ ޓީމެއް އެތެރަށް ވަނެވެ. އެއްބަޔަކު ރާހިލް ގާތަށް ޖެހިލިއިރު އަންހެން ދެ ފުލުހެއް މާހާގެ ދެފަރާތުގައި ހުއްޓިލިއެވެ. "މާހާއާ އެކު މިކުށުގަ ބައިވެރިވި އެންމެނަށް އޭގެ އަދަބު ލިބޭނެ.. އަލުން މި ކޭސް ހުޅުވައިލާ ތަހުގީގުތައް ކުރިއަށް ގެންދާނަން.." ހައިތަމް ކުރިމަތީގައި ހުއްޓިލަމުން އެތަނުން ފުލުހެއް ބުނެލިއެވެ. އެއްވެސް ހެއްކެތް ނުލިބި، ތަހުގީގަށް ކުރިއެރުމެއް ނުލިބުމުން މަޑުޖެހިފައިވި އެ ކޭސް އަލުން ފަށަން އެމީހުން ނިންމީއެވެ. މާހާގެ އެހީއާއެކު އެ ކޭސްގައި ދެން ބައިވެރިވި އެހެން މީހުން ހޯދުމުގެ މަސައްކަތް ފަށަން ފަސޭހަވެގެން ދާނެއެވެ. ބޯޖަހައިލަމުން ހައިތަމް އިސްޖަހައިލީ މާހާއަށް ބަލަން ބޭނުންނުވެފައި ހުރެއެވެ. އީކް ގޮވައިގެން އޭނާގެ ކޮޓަރިއަށް އެދުވަހު އައުމަށްފަހު އީވާން ވަނީ އެހުރިހައި ވާހަކަތަކެއް އޭނާއާއި ނާއިފާ ހިއްސާކޮށްފައެވެ. ރާއްޖެ އަންނަން އެމީހުން ގަސްދުކުރި ދެވަނަ ސަބަބަކީ އެއީއެވެ. މާހާއަށް އެކުށުގެ ހައްގު އަދަބު ދިނުމަށް އެއިން ކޮންމެ މީހަކުވެސް ވީ ބޭނުންވެފައެވެ.

އެއްފަރާތުގައި ހިމޭންކަމާއެކު މާހާއަށް ބަލަންހުރި ރާހިލްއަށް އޭނާގެ ނަޒަރު ސީދާވެލިއެވެ. ކީއްވެހޭ ބުނެ މާހާ ސުވާލުކޮށްލިއިރު އެއަޑު ތުރުތުރުލަމުން ދިޔައެވެ. "މާހާގެ ޕްލޭންތަކަށް ފިލަމުން މުޅި ހަޔާތް ބިރުވެރިކަމެއްގެ ތެރޭ ހޭދަކޮށްލުމަށްފަހު މިގޮތް މާ ރަނގަޅުކަމުގަ އަހަންނަށް ވިސްނުނީމަ.. ކުރެވުނު ކުށް އިހުސާސުވީމަ.. އެކަމަކު އަހަރެން އެކަނި ދާން ބޭނުންނުވީ.. މިހުރިހައި ކަމެއްގެ އަޑީގައިހުރި މީހަކީ ތީ.. އަހަންނާއެކު މާހާވެސް ޖެހެނީ ފުލުހުންގެ ބެލުމުގެ ދަށަށް ދާން.." މަޑުމަޑުން ރާހިލް ބުނެލިއެވެ. ދެލޯމަރައިލުމާއެކު މާހާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެވަރުގެ ބޮޑު ލަނޑެއް ރާހިލް އޭނާއަށް ދީފާނެ ކަމަކަށް މާހާ ހިއެއްނުކުރެއެވެ. ރާހިލްގެ ދުވަސް ކުރީބައިގައި ދުއްވައިލެވުނު ނަމައޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. ރުޅިވެރިކަން މޫނަށް ވެރިވުމާއެކު މާހާގެ ކަރުބުޑުން ނުރުހުމުގެ އަޑެއް ބޭރުވިއެވެ. އިތުރަށް ބަހެއް ކިއުމެއްނެތި ފުލުހުންނާއެކު ރާހިލް ކުރިއަށް ހިނގައިގަތެވެ. އޭނާ ހުރީ ދެން އެ ކުށުގައި ބައިވެރިވި އެހެން މީހުންގެ މައުލޫމާތުވެސް ތަހުގީގުގައި ހާމަކުރަން ނިންމައިގެނެވެ. ރާހިލްއަށް ބަލަންހުރި މާހާގެ ދެލޮލުން ކަރުނަ ފައިބަންފެށީ ކޮންއިރަކުކަން ޚުދު އޭނާއަށްވެސް ނޭނގެއެވެ. ރޮވެމުންދިޔައިރު އަމިއްލަ މޮޔަކަމާމެދު އޭނާއަށް ހިތާހިތުން ޝަކުވާ ކުރެވެމުން ދިޔައެވެ. އީވާންގެ ބަސްތަކަށް ހެއްލި އެމަޅީގައި އެހައި ފަސޭހައިން ޖެހެވުނަތީ އަމިއްލަ ނަފުސަށް އަޑުލައިގަތެވެ. ލޯތްބަށް އެދެވިފައި ވީލެއް ބޮޑުކަމުން އެއިން އެއްވެސް ކަމަކާމެދު ރަނގަޅަށް އޭނާއަށް ވިސްނައިނުލެވުނީއެވެ. އެނބުރި ދުވަހަކުވެސް ރާއްޖެ ނައުމަށް ނިންމައިގެން ހުއްޓަސް އެ ނިންމުން ބަދަލުކުރުވީ އީވާންއެވެ. މިއަދު އޭނާއަށް މިހައިބޮޑު ދެރައެއް މިލިބުނީ އެހެންވެއެވެ. އީވާނަށް ބަލައިލުމާއެކު ތުންފިއްތައިލަމުން މާހާ ކުރިއަށް ހިނގައިގަތެވެ. އޭނާއަށް މަރުޙަބާކިޔަން ތައްޔާރަށް އޮތް އަނދިރިކަމުގެ ތެރެއަށެވެ. އަމިއްލަ އަތުން ކޮނުނު އަނދަވަޅުތެރަށް ވެއްޓުނީއެވެ. ސަލާމަތްކޮށްދޭނެ އެއްވެސް މީހެއް އަދު އޭނާގެ ގާތުގައި ނެތެވެ. އެކަނިވެރިކަން ހަފަރާތުން ވަށައިލިހިނދު މާހާގެ އަނގައިން ގިސްގެ އަޑު ބޭރުވިއެވެ. އެމަންޒަރުބަލަން އީވާންގެ މޭގައި ލައްވެލައިގެން އީކް ހުއްޓެވެ. ދުނިޔެ ދޫކޮށް ގޮސްފައިވި އޭނާގެ އަލަތު ފިރިމީހާއަށް އިންސާފު ހޯދައިދެވުމުން އެހިތަށްވަނީ ނޭނގޭ ފިނިކަމެއް ވެރިވެފައެވެ. މާކިންގެ ޚިޔާލުތަކާއެކު ފަނޑު ހިނިތުންވުމެއް އީކްގެ ތުންފަތަށް ވެރިވިއެވެ. އިރެއްގައި އެހަނދާންތަކުން ދެލޯ ތެމުނަސް މިއަދު އެއީ އޭނާގެ މޫނަށް ހިނިތުންވުން ގެނުވައިދީ ހިތާއި ރޫޙަށް ހަމަޖެހުން ލިއްބުވައިދޭ ކަމަކަށްވަނީ ވެފައެވެ. މާޒީގެ ހިތިކަން މާޒީއަށް ދޫކޮށްލުމަށްފަހު އެނބުރި ކުރިމަގާއި ކުރިމަތިލުމަށް މުޅި ނަފުސު ތައްޔާރުވެއްޖެ ކަމުގެ އިހުސާސާއެކު އީވާންގެ ވަށައިގެންވި ދެއަތަށް އީކްއަށް ބާރުކޮށްލެވުނެވެ. ލުއިކޮށް އީކްގެ ނިތުގައި ބޮސްދެމުން އީވާން ހިނިތުންވެލިއެވެ.

* * * * *

އެނދުމަތީގައި ފިކުރަކަށް ގެއްލިފައި އިވްލީން އޮތެވެ. ނިތުގައި އަތް ބާއްވައިލައިގެން އޮތްއިރު އެމޫނުމަތިން ފައުޅުވަނީ މާޔޫސްކަމެވެ. ފުންނޭވާއެއް ދޫކޮށްލަމުން ދެލޯމަރައިލި ވަގުތު ކޮޓަރީ ދޮރުގައި ޓަކި ޖަހައިލަމުން އާވްޔާ އެތެރަށް ބޯދިއްކޮށްލިއެވެ. މަންމަގެ ހިނިތުންވެފައިވި މޫނަށް ނަޒަރު ހުއްޓުމާއެކު އޮތްތަނުން ތެދުވެ ހަށިގަނޑު ސީދާކޮށްލަމުން އިވްލީން އިނށީދެލިއެވެ. ލަސްހިނގުމެއްގައި އައިސް އިވްލީން ގާތުގައި އާވްޔާ އިނށީނެވެ. ފުންނަޒަރަކުން ދަރިފުޅުގެ މިލައިފައިވި މޫނަށް އޭނާ ބަލައިލިއެވެ.

"ދަރިފުޅާ ބައްދަލުކުރަން މީހަކު އައިސް އެބަ ހުރި.. ތައްޔާރުވެލައިގެން ތިރިއަށް އަންނަންވީނު.." މޫނުމައްޗަށް ފައިބައިފައިހުރި އިވްލީންގެ އިސްތަށިތައް ރީތިކޮށްލަމުން އޯގާތެރިކަމާއެކު އާވްޔާ ބުނެލިއެވެ. ކާކުހޭ އިވްލީން އަހައިލީ ފޫހި ގޮތަކަށެވެ. އެއްވެސް ކަމެއް ކުރާހިތެއް އޭނާ ނެތެވެ.

"ތިރިއަށް އައީމައެއްނު އެނގޭނީ.. ލަސްނުކޮށް އަވަހަށް އާދެބަލަ.. ވަރަށް ރީތިވެގެން އަންނާނީ އެނގޭ.. ދަރިފުޅު ލާނެ ހެދުމެއް މަންމަ ނަގައިދެންތަ؟"

"ކާކުތަ މަންމާ؟ އަނެއްކާވެސް އަހަރެންގެ ކައިވެނި ކުރުވާނެ މީހަކު ގެނައީތަ؟ ޕްލީޒް މަންމާ.. އަހަރެން އަދި ކައިވެންޏަކަށް ތައްޔާރެއް ނޫނޭ.."

"އެއްފަހަރުވެސް އެމީހަކާ ބައްދަލުކޮށްލަބަލަ.. އޭގެ ފަހުގަ ގޮތެއް ނިންމާ.. ދަރިފުޅުގެ ކޮންމެ ނިންމުމެއް މަންމަމެން ބަލައިގަންނާނަން.." އިވްލީންގެ އަތުގައި ހިފައިލަމުން އާދޭހާއެކު އާވްޔާ އެދުނެވެ.

"މީ އެންމެ ފަހު ފަހަރު.. މިފަހަރު ދަރިފުޅު ނޫނެކޭ ބުނެފިނަމަ ދެން ދަރިފުޅު އަމިއްލައަށް ފެނިގެން ކައިވެނީގެ ވާހަކަ ނުދައްކަނީސް މަންމަ އެއްވެސް އެއްޗެއް ނުކިޔާނަން.. އެންމެ ރަނގަޅެއްނު.." އިވްލީން ޖަވާބެއް ނުދިނުމުން އަނެއްކާވެސް އާވްޔާ ބުނެލިއެވެ. ތުންފިއްތައިލުމާއެކު އޭނާ ބޯޖަހައިލީ އިތުރުގޮތެއް ނެތް މީހަކު ފަދައިންނެވެ. ލޯބިން އިވްލީންގެ ބޮލުގައި ފިރުމައިލަމުން އޭނާ ލާނެ ހެދުމެއް ތައްޔާރުކޮށްދިނުމަށްފަހު އާވްޔާ އެތަނުން ދިޔައެވެ. މަޖުބޫރުވެފައިހުރި މީހަކު ފަދައިން އިވްލީން ތުވާލި ހިފައިގެން ފާޚާނާއަށް ވަނެވެ.

ސިޑިން ފައިބައިގެން އައިއިރު އިވްލީންގެ ނަޒަރު ވީ ސޯފާގައި އޭނާއަށް ފުރަގަސްދީގެން އިން ފިރިހެންކުއްޖާއަށް ހުއްޓިފައެވެ. ދެބުމަގޮށްޖަހައިލަމުން އޭނާ އިސްޖަހައިލިއެވެ. އަދި އެހުރިގޮތަށް އައިސް ސޯފާ ވަށައިލުމަށްފަހު އޭނާގެ މަންމަ ކުރިމައްޗަށް މަޑުކޮށްލިއެވެ. އޭނާއާ ޖެހިގެން އިނށީނުމަށް އާވްޔާ އިޝާރާތްކޮށްލުމުން އެގޮތަށް އިވްލީން ކަންތައް ކުރިއެވެ. އޭރުވެސް އެންމެ ފަހަރަކުވެސް އިސްއުފުލައި އެތަނުގައި އިން މީހަކަށް އިވްލީން ބަލައެއް ނުލައެވެ. އިވްލީން އިނށީނުމާއެކު އޭނާގެ ބުރަކަށީގައި ނުހަނު ލޯބިން އާވްޔާ ފިރުމައިލިއެވެ.

"މީ އަހަރެމެންގެ ދަރިފުޅު.. އަހަރެމެން ދެމަފިރިންގެ ހުރި ހަމައެކަނި ކުއްޖާ.. އިވްލީން.." ހިނިއައިސްފައި އިވްލީނަށް ބަލައިލަމުން އާވްޔާ ބުނެލިއެވެ. އުނގުމަތީގައި ޖޯޑުކޮށްލެވިފައިއޮތް ދެއަތަށް ބަލަން އިވްލީން އިނެވެ.

"ހެލޯ އިވްލީން..." އިވުނު ފިރިހެންވަންތަ ހިތްގައިމު އަޑުން އޭނާއަށް އިސްއުފުލައި ބަލައިލެވުނީ ބޭއިޚުތިޔާރުގައެވެ. އިވުނީ އޭނާއަށް ދުވަހަކުވެސް އޮޅޭނެ އަޑެއް ނޫނެވެ. އެހިތުގެ އެންމެ ހިމަނާރަށް ދަންދެން އެއަޑުން އެކަނިވެސް އަސަރުކުރުވައިފިއެވެ. ހަށިގަނޑުގެ ލޯލިތައް ކޮޅަށް ޖެހިގެން ދިއުމާއެކު ހިތުގެ ވިންދު އަވަސްކުރުވައިފިއެވެ. ކުރިމަތީގައި ހިނިތުންވެފައި އޭނާއަށް ބަލަން އިން ޝަމްއަލްއާ ހަތަރުކަޅި ހަމަވުމާއެކު އިންތަނުން އިވްލީނަށް ތެދުވެވުނީ ކުއްލިއަކަށެވެ.

"ޝަމްއަލް އައިސް އެއިނީ ދަރިފުޅުގެ ކައިވެންޏަށް އެދި.." ގާތުގައި އިން ލޯބިވާ ފިރިމީހާ އަކްރަމްގެ މޫނަށް ބަލައިލުމަށްފަހު ކޮޅަށްހުރި އިވްލީނަށް ބަލައިލަމުން އާވްޔާ ބުންޏެވެ.

"އެކަމަކު.. ޝައްމު.." ބުނާނެ އެއްޗެއް ނުވިސްނިފައި އިވްލީނަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެނެވެ. ޝަމްއަލް ޒާރާއާ ކައިވެނިކޮށްގެން ހުއްޓައި އެދެމެދަށް އޭނާ ވަންނާނީ ކިހިނަކުން ހެއްޔެވެ؟

"ޝަމްއަލް މަންމަމެންނަށް ހުރިހައި ވާހަކައެއް ކިޔައިދީފި... ދަރިފުޅު ލޯބިވާ މީހަކީ އެއީ އެއްނު.. މިހުރިހައި ދުވަހު ކައިވެންޏަށް ދަރިފުޅު ދެކޮޅު ހެދި ސަބަބަކީވެސް އެއީއެއްނު.." ތެދުވެ އިވްލީންގެ އަތުގައި ފިރުމައިލަމުން އާވްޔާ ބުނެލީ ލޯތްބާއެކުއެވެ. ފެންކަޅިވެފައި ޝަމްއަލްގެ މޫނަށް ބަލަހައްޓައިގެން އިވްލީނަށް ހުރެވުނީ ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައެވެ. އަދިވެސް ކުރިމަތީގައި އިނީ ޝަމްއަލްކަން ގަބޫލުކުރަން އޭނާއަށް ދަތިވެފައިވީ ކަހަލައެވެ.

"ކި.. ކިހިނެއް؟ ޒާރާ.." ސިކުނޑީގައި ބުރުޖަހަމުންދިޔަ ބަސްތައް ބޭރުކުރާނެ ގޮތެއް އިވްލީންއަކަށް ނުވިސްނުނެވެ. ތުންފަތް ތުރުތުރު އަޅައިލުމާއެކު އޭނާ އިސްޖަހައިލީއެވެ. އަދި އޭނާގެ ވަށައިގެން ހިނގަމުންދިޔަ ކަންތަކާމެދު ވިސްނައިލިއެވެ. ވާހަކަ ދައްކަން އަނގަ ހުޅުވައިލި ވަގުތު ޝަމްއަލް ތެދުވަމުން އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލިއެވެ. އެދެކުދިންނަށް ފުރުސަތު ދެމުން އާވްޔާއާއި އަކްރަމް ދުރަށް ޖެހިލިއެވެ.

"ޒާރާ ކޮބާ.." ހިންދިރުވައިލަމުން އިވްލީން އަހައިލިއެވެ. "އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އެހެން މީހެއްގެ ދިރިއުޅުން ހަލާކުވާކަށް.. ކިތަންމެ ލޯބިވިއަސް އަހަރެންނަކީ އަމިއްލަ އެދުން އިސްކުރާނެ މީހެއް ނޫން.." ކިރިޔާ ޝަމްއަލްއަށް އަޑުއިވޭވަރަށް އިވްލީން ބުނެލިއެވެ.

"ހާސްނުވޭ.. އަހަންނަށް ލީންގެ ގޮތް އެނގޭ.. ޒާރާ ދޯ.. އައި ޑިވޯރސްޑް ހާ.." ފުންނޭވާއެއް ދޫކޮށްލަމުން ޝަމްއަލް ބުންޏެވެ.

"ވަޓް؟ ކީއްވެ؟ އަހަންނާ ކައިވެނިކުރަންތަ؟ ނޫން.. އަހަރެން.. އަހަރެން ބޭނުމެއްނޫން.."

"ލީން.. ހަމަޖެހިބަލަ.. އަހަރެން ވާހަކަ ދައްކާނެ ފުރުސަތެއް ދީ.. ޕްލީޒް.." ޝަމްއަލްގެ އަޑުގައިވީ އާދޭހެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި އިވްލީން ދުރަށް ނަޒަރު ހުއްޓައިލިއެވެ.

"ޝީ ޗީޓެޑް އޮން މީ ލީން.. ކައިވެނި ކުރިއަސް އަހަރެމެން ދެމެދުގަ އޮތް ގުޅުން އެއްވެސް އިރަކު އެހައި ރަނގަޅެއް ނޫން.. އަހަރެން މަސައްކަތްކުރިން ކައިވެނި ސަލާމަތްކުރަން.. އެކަމަކު ޒާރާ.. ޝީ ވޯޒް ޕްރެގްނެންޓް.. އެހެން މީހެއްގެ.. ދަރިއަކަށް.. އިތުރަށް އަހަންނަށް ކެތްނުވީ ލީން.. އެހެންވެ ވަރި ކުރީ.. އޭގެ ފަހުން މިހާރު އެއް މަސް ފާއިތުވެ ގޮސްފި.. އައި އެމް ސޮރީ.. ލީން އަހަރެން ދެކެ ލޯބިވާވަރު އަހަންނަށް ސިއްރުވެފައެއް ނެތް.. ހުރިހައިކަމެއް އެނގިހުރެ ލީންގެ ލޯތްބަށް އޭރު ފުރަގަސްދެވުނީ.. އެކަމަކު މިއަދު އަހަންނަށް އިހުސާސުވެއްޖެ އޭރު އަހަންނަށް އެހެދުނީ ކިހައި ބޮޑު ގޯހެއްކަން.. ނިންމުނީ މޮޔަ ނިންމުމެއްކަން.. ލީން އަހަރެންދެކެވާ ތެދުވެރި ލޯބި މިއަދު އަހަންނަށް އެނގި އިހުސާސުވެއްޖެ.. ޕްލީޒް.. ދެވަނަ ފަހަރަށް ލީން ގެއްލޭކަށް އަހަރެން ނޭދެން.. އަހަންނަށްވެސް.. ލީން ދެކެ ލޯބިވެވިއްޖެ.. ތި ހިތްހެޔޮކަމާއި އޯގާތެރިކަން މިހިތް ފަތަޙަކޮށްފި.. އައި ރިއަލީ ލަވް ޔޫ.." ފެންކަޅިވެފައި ހުރެ ޝަމްއަލް އެހިތުގެ ހަގީގަތް ހާމަކޮށްލިއެވެ. އޭރު ހުއްޓުމެއްނެތި އިވްލީންގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ޝަމްއަލްގެ ދެލޮލަށް ބަލައިލުމާއެކު ކަރުނައިގެ ތެރެއިން އޭނާއަށް ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. އެހިނިތުންވުން ޝަމްއަލްއަށް ޖަވާބަކަށް ފުދުނެވެ. ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އޭނާވެސް ހިނިތުންވެލިއެވެ.

"އަހަރެން މިއަދު މިތަނަށް މިއައީ ލީންގެ ކައިވެންޏަށް އެދި.. ސޯ ޓެލް މީ.. އިވްލީން ބިންތް އަކްރަމް.. ވިލް ޔޫ މެރީ މީ އެންޑް ބީ މައިން ފޯރ އެވަރ؟" އިވްލީންގެ ކުރިމަތީގައި އެއްކަކޫ މައްޗަށް ތިރިވެލަމުން ލައިގެންހުރި ޖިންސްގެ ޖީބުގައި އޮތް ރަތްކުލައިގެ ކުޑަ މަހުމާ ފޮށި ނަގައި ޝަމްއަލް ހުޅުވައިލިއެވެ. ގަބޫލުކުރަން ދަތިވެފައި ހުރި އިވްލީން ލަސްލަހުން އާވްޔާއާއި އަކްރަމްއަށް ބަލައިލުމުން އެމީހުން އަވަސް އަވަހަށް ބޯޖަހައިލީ އާނބަސް ބުނާށޭ ބުނާފަދަ ގޮތަކަށެވެ. ތުރުތުރުއަޅަމުންދިޔަ ދެއަތްތިލަ އަނގަމަތީގައި އެޅުމާއެކު އިވްލީންއަށް އަވަސް އަވަހަށް ބޯޖަހައިލެވުނެވެ. ހުއްޓުމެއްނެތި އެދެލޮލުން ކަރުނަ ފައިބަމުންދިޔައީ ހިތާއި ނަފުސަށް ލިބުނު އުފަލެއްގެ ސަބަބުންނެވެ.
"ޔެސް.. ޔެސް.. ޔެސް.. އައި ވިލް ޝައްމު.. އައި ވިލް.." ދެއަތް ތިރިކޮށްލުމާއެކު ގިސްލެވިފައިވި އަޑަކުން އިވްލީން ބުނެލިއެވެ. އެއާއެލު އެކުޑަފޮށީގެ އެތެރޭގައި އިން އަނގޮއްޓި ނަގަމުން އިވްލީންގެ ވައަތުގެ ކަށި އިނގިލީގައި ޝަމްއަލް އަޅުވައިލީ ނުހަނު ލޯބިންނެވެ. އަދި ތެދުވަމުން ލޯތްބާއި އޯގާތެރިކަމާއެކު އިވްލީންގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. "މި ދެލޮލުން އެންމެ ކަރުނަތިއްކެތްވެސް ވެއްޓޭތަން ދެކޭކަށް ދެން އަހަރެން ބޭނުމެއްނޫން.. އަހަރެންގެ ލީން ދެން ހުންނަންވާނީ އަބަދުވެސް ހިނިތުންވެލައިގެން.. މިހިތުގެ ހަމަޖެހުމަކީ ލީންގެ އުފައުވެރިކަން.." ހިތްކަތިލާފަދަ ގޮތަކަށް އިވްލީންގެ ދެލޮލަށް ބަލަން ހުރެ ޝަމްއަލް ބުނެލިއެވެ. ލަދުގަތްވަރުން އިވްލީންއަށް އިސްޖަހައިލެވުނެވެ. އެތަންފެނި އާވްޔާގެ އަނގައިން ލާނެތް ހުނުމެއް ބޭރުވިއެވެ. އަނބިމީހާގެ ކޮނޑުގައި ފިރުމައިލަމުން އަކްރަމް ދެފަރާތަށް ބޯހޫރުވައިލިއެވެ.

"އަކްރަމްއަށް ގަބޫލުކުރެވޭތަ؟ އަހަރެމެންގެ ލޯބިވާ ދަރިފުޅުވެސް ކައިވެނިކުރަނީ.. އަހަރެމެންގެ ހުވަފެން ހަގީގަތަކަށް ވަނީ.." އަކްރަމްގެ މޭގައި ލައްވެލަމުން ފެންކަޅިވެފައި ކުރިމަތީގައި ތިބި އިވްލީންއާއި ޝަމްއަލްއަށް ބަލައިލަމުން އާވްޔާ ބުނެލިއެވެ. އެއާއެކު ކުޑަކޮށް ގުދުވެލަމުން އާވްޔާގެ ބޮލުގައި އަކްރަމް ބޮސްދިނެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ނަޒަރު ހިނިތުންވެފައިތިބި އެޒުވާން ޖޯޑުން ނުނެއްޓެއެވެ. ހިތަށް ލިބުނު އުފައުވެރިކަމާއެކު މާތް ރަސްކަލާނގެއަށް އޭނާ ޙަމްދުކޮށްލިއެވެ.

* * * * *

ޕޮލިސް ޖިޕްގެ ފަހަތުން އީކްއާއި އީވާންގެ އިތުރުން ނާއިފާއި ހައިތަމް ކާރުގައި އައެވެ. ޕޮލިސްޓޭޝަން ކުރިމަތީގައި އޭރު އާބިދާ އާއި ލތުފީގެ އިތުރުން މާކިންގެ އާއިލާ ކުދިން މަޑުކޮށްލައިގެން ތިއްބެވެ. ކާރުން ފައިބައިގެން އައިސް ހައިތަމް ހުއްޓުނީ ލުތުފީ ކުރިމަތީއެވެ.

"ހައިތަމް ގުޅާފަ އެވާހަކަތައް ދެއްކުމުންވެސް އަދިވެސް ގަބޫލުކުރަން ދަތިވެފަ އަހަރެން މިހުރީ.. ކުޑަކޮށްވެސް ހިއެއްނުކުރަން އަހަރެންގެ ދަރިފުޅު ނިމިދިޔައީ ބައެއްގެ ނުބައި ރޭވުމުންކަމެއް.." ހައިތަމްއަށް ބަލަންހުރެ ލުތުފީ ބުނެލިއެވެ. ބޯޖަހައިލަމުން ހައިތަމް ހަށިފުރައި ނޭވާއެއް ދޫކޮށްލިއެވެ. ހައިތަމްގެ އަނަރޫފަވެފައިވާ ހަށިގަނޑަށް ބަލައިލިއަސް އެކަމާ ވިއްދައި އެއްޗެއް ބުނާކަށް ލުތުފީއަކަށް ނުކެރުނެވެ. ކުދި ފިޔަވަޅުތަކެއްގައި އީވާންއާ އެކުގައި އައިސް އެތަނަށް ހުއްޓުނު އީކްއަށް އާބިދާ އާއި ލުތުފީގެ ނަޒަރު އަމާޒުވެލިއެވެ. އެދެމަފިރިންނަށް އީކް ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ. ވެދިޔަ ކަންތަކުން ހިސާބަކަށް އަމިއްލަ ނަފުސު އޭނާއަށް ކުށްވެރިކުރެވެމުންދިޔައެވެ.

"މަންމާ.. ބައްޕާ އަޅުގަނޑަށް މަޢާފުކުރޭ.. އަޅުގަނޑު.."

"އެއީ ދަރިފުޅުގެ ސަބަބުން ވީކަމެއް ނޫނެއްނު.. އަމިއްލަ ނަފުސު ކުށްވެރި ނުކުރޭ.. ދަރިފުޅު މަޢާފަށް އެދެން ޖެހޭވަރުގެ އެއްވެސް ކަމެއް ނެތް.. މަންމަގެ ހިތް ދަރިފުޅަށް ހެޔޮ.. ބައެއްގެ ހަސަދަވެރިކަމުގެ މަޅީގައި އަހަރެމެންގެ ދަރިފުޅުޖެހުނީ.. އޭގައި އެއްވެސް މީހަކު ކުރާނެ ކަމެއްނެތް.. މިއިން އެއްވެސް ކަމަކީ އަހަރެމެން ތެރެއިން މީހަކަށް އެނގިގެން ހިނގި ކަމެއްނޫނެއްނު.." ކުރިއަށް ޖެހިލައި އީކްގެ ބޮލުގައި ލޯބިން ފިރުމައިލަމުން އާބިދާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތަކަށް ލުތުފީވެސް ބޯޖަހައިލީ އެކަމާ އެއްބަސް ވުމުގެ ގޮތުންނެވެ.

"ވަރަށް އުފާވެއްޖެ އީކް އާ ޙަޔާތެއް ފެށީމަ.. ހައިތަމްގެ ފުށުން އެޚަބަރު ލިބުނު.. މާކިންވެސް ނޭދޭނެ ދަރިފުޅު އަބަދު ރޮއެ ހިތާމަކޮށް އުމުރު އޭނާގެ ހަނދާނުގަ ހޭދަކުރާކަށް.. މިއަދު މަންމައާއި ބައްޕަ މިތިބީ ނުހަނު އުފަލުން... މިބަނޑުން ނުވިހެޔަސް ތީ ހަމަ މި މަންމަގެ ދަރިއެއްފަދަ.. މަންމަމެން އެދެނީ އަބަދުވެސް ދަރިފުޅު އުފަލުގައި ހުރުން.." އީކްގެ ގައިގައި ކުޑަކޮށް ބައްދައިލަމުން އާބިދާ ބުނެލިއެވެ. އަދި އީކްއާ ދުރުވެލުމަށްފަހު ހިނިތުންވެލަމުން އީވާންގެ އަތުގައި ފިރުމައިލިއެވެ. ހިނިއައިސްފައި އީވާން ބޯޖަހައިލީ ކޮށްލި ސަލާމެއްގެ ގޮތުންނެވެ. ކުރިއަށް ޖެހިލައި އީކްގެ ބޮލުގައި ލުތުފީ ނުހަނު ލޯބިން ފިރުމައިލިއެވެ. އަދި އެދމަފިރިންނަށްޓަކައި ހެޔޮ ދުޢާ ކުރިއެވެ. އިރުކޮޅަކު އެމީހުނާ ވާހަކަދައްކަން ތިބުމަށްފަހު ލުތުފީގެ އާއިލާ ޕޮލިސްޓޭޝަނާ ދިމާއަށް މިސްރާބުޖެހިއެވެ. އެ ކޭސްގެ ހުރިހައިކަމެއް އެންމެ ގާތުން ބަލަން ބޭނުންވެފައި ތިބެއެވެ.

* * * * *

ލިބުނު ޝޮކެއްފަދަ ޚަބާރާއެކު މުފީދާއި ޝިހާމާއަށް ރާއްޖެ އާދެވުނީ ދެދުވަސްވަރު ފަހުންނެވެ. އެންމެ ފުރަމަވެސް އެމީހުން އަވަސްވީ މާހާއާ ބައްދަލުކުރަން ދިއުމަށެވެ. އެތައް އާދޭހަކަށްފަހު އެމީހުންގެ ދަރިފުޅާ ބައްދަލުކުރުމުގެ ހުއްދަ ލިބުނެވެ. ކުޑަ ކޮޓަރިއަކަށް އެމީހުން ވެއްދުމަށްފަހު އެތަނަށް މާހާ ގެނައެވެ. އިސްޖަހައިލައިގެން ހުރިއިރު މާހާގެ ހާލުފެނި ޝީހާމާއަށް ރޮއެގަނެވުނެވެ. އެއްފަރާތުގައި ފުލުހުންގެ އޮފިސަރެއް އިންއިރު މޭޒުގެ އަނެއްފަރާތުގައި މުފީދާއި ޝީހާމާ އިނެވެ. ހުސްކޮށްހުރި ގޮނޑިއަށް އިޝާރާތްކޮށްލުމާއެކު މާހާ އައިސް އެތަނުގައި އިނށީނެވެ.

"އަޅުގަނޑުގެ ދަރިފުޅު އެފަދަ ވިޔާނުދާ އަމަލެއްނުކުރާނެ.." ލަސްނުކޮށް އަވަސް އަވަހަށް މުފީދު ބުނެލިއެވެ.

"ބައްޕާ އަހަރެން ސަލާމަތްކޮށްދީ.." ރޮވިފައި މާހާ އެދުނެވެ. މޭގައި އަތްއަޅައިލުމާއެކު މުފީދަށް ޝީހާމާ ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ. ހަށިފުރައި ނޭވާއެއް ދޫކޮށްލަމުން އެތަނުގައި އިން ފުލުހުންގެ އޮފިސަރު ވާހަކަ ދައްކަން ފެށީ އެވަގުތުއެވެ. އިވެމުންދިޔަ ވާހަކަތަކާއެކު މުފީދަށް ގަބޫލުނުކުރެވިފައި މާހާއަށް ބަލައިލެވުނެވެ. ފުލުހުންގެ އަތުގައި އޮތް ހެކި މުފީދަށް ދެއްކީ އެމީހުންގެ ވާހަކަތަކުގެ ތެދުކަން ހާމަކުރުމުގެ ގޮތުންނެވެ. އީވާން ކުރިމަތީގައި މާކިން މަރައިލަން ހުރިހައިކަމެއް ރޭވީ މާހާ ކަމަށް އަމިއްލައަށް އޭނާ އެއްބަސްވިއިރު އެހުރިހައި ވާހަކައަކާއި މަންޒަރެއްވީ ރެކޯޑު ކުރެވިފައެވެ. އެމީހާ ވާހަކަދައްކައި ނިންމައިލުމާއެކު މާހާގެ ރުއިން ބާރުވެލިއެވެ. މުފީދާއި ޝީހާމާގެ ކިބައިން އޭނާ ހުއްޓުމެއްނެތި އާދޭސްކުރަމުން ދިޔައެވެ. އަނގަމަތީގައި އަތްއަޅައިގެން ގަނޑުވެފައި ޝީހާމާ އިންދައި ކުއްލިއަކަށް ގޮނޑި ދުރައް ޖައްސައިލަމުން މުފީދު އިންތަނުން ތެދުވިއެވެ.

"އެންމެ އަވަހަށް ފުރާ ފްލައިޓަކުން އަހަރެން ބޭނުންވަނީ އެނބުރިދާން.. މިތަނުގަ އަހަރެންނާ ބެހޭ މީހެއްނެތް.. އެހައި ނުބައި ނުލަފާ ދަރިއެއް އަހަރެންގެ ނުހުންނާނެ.. މާހާ ކުރި ކޮންމެ ކުށެއްގެ އަދަބު އޭނާއަށް ލިބެންޖެހޭކަމަށް އަހަރެން ގަބޫލުކުރަނީ.. އެންމެ ހިނދުކޮޅަކުވެސް މިތާ ހުންނާކަށް އަހަރެން ބޭނުމެއްނޫން.. ޝިހާމާ ދާން ބޭނުންނަމަ އަހަންނާއެކު އާދޭ.." ހިތަށް އަސަރުކޮށްފައި ވީލެއްބޮޑުކަމުން މުފީދުގެ ނަފުސަށް ވެރިވެފައިވި ރުޅިވެރިކަން އައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ. އަމިއްލަ ދަރިއެއްކަމަކު މާހާއަށް އެއްވެސް އެހީއެއްވާކަށް އޭނާ ބޭނުމެއްނުވިއެވެ. ހަގީގަތް އެނގި ސާފުވުމަށްފަހު އިންސާފުގެ މަގަށް އޭނާ އިސްކަން ދިނީއެވެ. ގިސްލެވިފައިއިން ޝިހާމާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންދިޔައީ ހަދާނެ ގޮތެއް ނުވިސްނިފައި އިނދެއެވެ. ކިތަންމެ ބުންޏަސް ދަރިއެއް އެހާލަށް ދޫކޮށްލުމަށްފަހު ދިއުމަށް މައި ލަގޮނޑިއަށް ކެތްވާނެ ހެއްޔެވެ؟ އެހެނަސް މިއަދު އޭނާއަށް އެނޫން ގޮތެއް ނެތެވެ. މާހާ އެކުރީ އެހައި ފަސޭހައިން މަޢާފުދެވޭވަރުގެ ކުށެއްނޫނެވެ. އަމިއްލަ އިހުސާސުތަކުގެ މައްޗަށް ބުއްދި އިސްކުރުމަށް އޭނާ މަސައްކަތް ކުރިއެވެ. ދެލޯފުހެލުމާއެކު އިންތަނުން އޭނާ ތެދުވީ މުފީދާ އެކުގައި ދިއުމަށެވެ.

"މަންމާ ޕްލީޒް" ތެޅިގަންނަމުން މާހާ ރޮއެގަތެވެ. ދެލޯމަރައި ތަގުޅިކޮށްލުމާއެކު ޝިހާމާ އިސްޖަހައިލީއެވެ. މާހާއަށް ފުރަގަސްދީގެން ހުރިއިރު އޭނާގެ ހިތް ދިޔައީ ފިސްފިސްވަމުންނެވެ.

"ހިތަށް އަރާ... މާހާ އަށް ތަރުބިއްޔަތު ދިންއިރު.. މަންމައަށް ކޮން ކަމެއްބާއޭ އުނިކުރެވުނީ.. މިއަދު ތިއިން ހާލަތަށް ދިއައީ މާހާ އަމިއްލައަށް.. މަންމަ ނުބުނަންތަ.. ކަމެއް ކުރުމުގެ ކުރިން ފަހުން ނުކުމެދާނެ ނަތީޖާއަކާމެދު އަބަދުވެސް ވިސްނާށޭ.. އެކަމަކު މާހާގެ ކުރިމަތީ މަންމަގެ ބަހުގެ އެއްވެސް އަގެއް ނެތްކަން މިއަދު ސާބިތުކޮށްދީފި.. މަންމައަށް މަޢާފުކުރޭ.. ބޭނުންވިއަސް މިއަދު.. މާހާއަށްޓަކާ ކޮށްދެވޭނެ އެއްވެސް ކަމެއްނެތް.." މުފީދުގެ އަތުގައި ހިފައިލުމާއެކު އަސަރުން ފުރިގެންވީފަދަ ގޮތަކަށް ޝިހާމާ ބުނެލިއެވެ. އިސްޖަހައިލުމާއެކު މާހާގެ ރުއިން ބާރުވެލިއެވެ. ގޮތް ހުސްވެފައިވި މީހަކު ފަދައިން އެދެމީހުން ނުކުމެގެންދިޔަ މަންޒަރުބަލަން މާހާއަށް އިނދެވުނީއެވެ. އޭރު އެމުޅި ކޮޓަރި ގުގުމަމުން ދިޔައީ މާހާގެ ވޭނުން ފުރިފައިވި ރުއިމުގެ އަޑުންނެވެ.

* * * * *

ކުއްލިއަކަށް ބަނޑުގައި މާބޮޑަށް ރިއްސަން ފެށުމުން ހައިތަމް ހޮސްޕިޓަލަށް ގެނެވުނީ އެމަރޖެންސީ ކޮށެވެ. ހޮސްޕިޓަލަށް ގެނެވުނުއިރުވެސް ހައިތަމްގެ ޚަބަރުވަނީ ހުސްވެފައެވެ. އަނގައިގެ އެއްފަރާތުން ލޭފައިބައިފައި ހުރިއިރު އެމޫނުގެ ކުލަ ވަނީ އޮއްސިފައެވެ. ދުއްވާ އެނދެއްގައި ބާއްވައި ހައިތަމްގެ ހަށިގަނޑު ގެންދިޔަ ނަރުހުންނާއި ޑޮކްޓަރުގެ ފަހަތުން އީކްއާއި އީވާންގެ އިތުރުން ނާއިފް ވެސް ދުވަމުން ކަހަލަ ގޮތަކަށް އައެވެ. ރޮވޭވަރުން ބަހެއް ބުނުމަށްވެސް އީކް ހުރީ ނުކުޅެދިފައެވެ. ބައްޕައޮތް ހާލު ފެނުމުން އީކްގެ މުޅި ނަފުސު ވަނީ ހިތާމައިން ފޯވެފައެވެ. އެބައްޕައަށް ހެޔޮ ދުޢާ ކުރަމުންދިޔައިރު ގިސްގެ އަޑު އެތުންފަތް ފޫއަޅުވައިލުމަށްފަހު ނުކުންނަމުން ދިޔައެވެ. އެމަރޖެންސީ ރޫމަށް ހައިތަމް ވެއްދުމާއެކު އެއްފަރާތުގައި އެތިން މީހުން މަޑުކޮށްލިއެވެ. އީވާންގެ މޭގައި މޫނު ފޮރުވައިގެން ހުރިއިރު އީކްއަށް ރުއިން ހުއްޓުންވީ ދަތިކަމަކަށެވެ. އީކްގެ ގައިގައި ފިރުމަމުން ހިތްވަރުކުރުމަށް އީވާން ނަސޭހަތްތެރިވަމުން ދިޔައެވެ.

އިރުކޮޅެއްފަހުން އެމަރޖެންސީ ރޫމްގެ ދޮރުހުޅުވައިލަމުން ޑޮކްޓަރަކު ނުކުތެވެ. އޭނާގެ މޫނު މިލައިފައިވީގޮތުން ލިބެން އުޅެނީ ރަނގަޅު ޚަބަރެއް ނޫންކަން އީވާން ދެނެގަތެވެ. ތުންފަތުގައި ދަތް އަޅައިލުމާއެކު އޭނާއަށް އީކްގެ ގައިގައި ހިފައި ބާރުކޮށްލެވުނެވެ. އީވާންއާ ނާއިފަށް ބަލައިލަމުން އެޑޮކްޓަރު މަޑުމަޑުން ދެފަރާތަށް ބޯހޫރުރައިލިއެވެ. އެކުޑަކުޑަ އަމަލު ވިސްނުނު މީހަކުފަދައިން އީވާން ދެލޯމަރައި ފިއްތައިލިއިރު ނާއިފްއަށް މޫނުގައި އަތް ހިނގައިލަމުން ފަހަތަށް ޖެހިލެވުނެވެ. ނޫނެކޭބުނެ އީކްއަށް ބާރަށް ރޮއެގަނެވުނީއެވެ. އީކްގެ ހަށިގަނޑުގައި ބާރަށް ބައްދައިލިއިރު އީވާންގެ ދެލޮލުންވެސް ކަރުނައިގެ މުތީތައް އޮހިގަތެވެ.

* * * * *

5 އަހަރު ފަސް...

* * * * *

ކްލާސް ރޫމް ތެރޭގައިވީ ކުޑަކުދިންގެ ހުނުމުގެ އަޑާއި ވާހަކަތަކުގެ ފޯރި ހިފައިލައިފައެވެ. އެކުދިން ގާތުގައި އެއް ޓީޗަރަކު ހަރަކާތްތެރިވަމުން ދިޔައިރު ދެން ހުރި ޓީޗަރު އެތެރަށް ވަންނަމުންދިޔަ ކުދިންނަށް މަރުޙަބާ ކިޔަމުންދިޔައެވެ. އިރުކޮޅެއްފަހުން ބެލްއަޅައިލިއަޑާއެކު ކުދިންގެ އަޑުތައް މަޑުވެލިއެވެ. ކުޑަ ބުރެއްހެން ކުދިންތައް ބޭތިއްބުމަށްފަހު އެއް ފަރާތުގައި ދެޓީޗަރުންވެސް އިނށީދެ ހަމަޖެހިލިއެވެ. އަދި ދެމީހުންގެ ކުޑަ ތަޢާރަފެއް ދެމުން ފަހަރަކު ކުއްޖަކު ކޮޅަށް ތެދުވުމަށްފަހު އެކުއްޖެއްގެ ނަން ބުނުމަށް އެދުނެވެ. އަހަރުގެ ފުރަތަމަ ދުވަސްކަމުން ކޮންމެ ކުއްޖެއްގެ މޫނުމަތިންވެސް ފައުޅުވަމުންދިޔައީ ހިނިތުންވުމާއި ހަމަޖެހުމެވެ. އައު ތަނަކަށް އާދެވުމުން ކަންބޮޑުވެ ހާސްވެފައި ތިބީ މަދު ކުއްޖެކެވެ. އެހެން ނަމަވެސް ހަވާލުކުރެވުނު އައު މަސައްކަތާއެކު އެއްކުއްޖަކު އަނެއްކުއްޖަކަށް ބަލައިލަމުން ލާނެތްގޮތަކަށް ހެމުންދިޔައެވެ. މަޑުމަޑުން ކުދިންގެ މެދުގައި ފޯރި ހިފަން ފެށިއެވެ. ފަހަރަކު ކުއްޖަކު ތެދުވެ އަމިއްލަ ނަން ބުނެލަނީ ނިކަން ހިނިއައިސްފައި ހުރެއެވެ. އިނށީން ކުއްޖާއާއި ޖެހިގެން ދެން އިން ކުއްޖާއަށް އެތަނުން އެއް ޓީޗަރު އިޝާރާތް ކޮށްލުމާއެކު ހަތަރު އަހަރުގެ ކުޑަކުޑަ ފިރިހެން ކުއްޖެއް އިންތަނުން ތެދުވިއެވެ. އެމޫނުމަތިން ފައުޅުވާންހުރީ މައުސޫމުކަމާއި އައު ޖޯޝެކެވެ. ފުޅާހިނިތުންވުމެއް މަޑު ރަތްކުލައިގެ ތުންފަތުގައިވީއިރު އެދެލޮލުގައިވީ ތަފާތު ވިދުމެކެވެ.

"ހައިތް ބިން އީވާން.. މަންމި އާއި ބައްޕި ބުނީ އަޅުގަނޑަށް ނަން ދެވުނީ ވަރަށް ޚާއްސަ ފަރާތަކާ ގުޅުވާފައޭ.." ލާނެތްގޮތަކަށް ހީލަމުން ހުރިހައި ކުދިންނަށް ބަލައިލުމަށްފަހު ހައިތް ބުނެލިއެވެ.

"އެހެންތަ.. އެއީ ކޮންފަރާތެއް އަނެއްކާ.." ޝައުގުވެރިކަން ފައުޅުކޮށްލަމުން އެތަނުން ޓީޗަރަކު އެއްސެވެ.

"އަޅުގަނޑުގެ ކާފަ.. ހައިތަމް ހުސެން.." ފަޚުރުވެރި ގޮތަކަށް ހައިތް ބުނެލިއެވެ. އެއަޑުން އެކަނިވެސް އެކަން ހެކިދެއެވެ. އެ ޓީޗަރުގެ މޫނަށް ބަލައިލިއިރު އެކުޑަ މޫނުކޮޅުގައިވީ ލޯބިވެތި ހިނިތުންވުމެކެވެ.

* * * * *

ހައިތަމްގެ ފޮޓޯގަނޑަށް ބަލަންއިން އީކްގެ ތުންފަތުގައިވީ ފަނޑު ހިނިތުންވުމެކެވެ. އެފޮޓޯގަނޑުގައި ލޯބިން ފިރުމައިލަމުން އަލްބަމްގެ ތެރެއަށް ފޮޓޯގަނޑު ލުމަށްފަހު އޭނާ ހިންދެމިލިއެވެ. ހައިތަމް ވަކިވެދިޔަތާ ފަސްއަހަރު ވެފައިވީއިރު އީކް ކުރަމުންދިޔަ ހިތާމަވެސްވީ ލުއިވެފައެވެ. ލޯބިވާ ބައްޕަގެ ހަނދާން އާވާ ކޮންމެ ވަގުތަކު އެބައްޕައަށްޓަކައި އޭނާ ހެޔޮ ދުޢާ ކުރެއެވެ. ޖަންނަތުގައި ބައްޕައާއެކުގައި ލެއްވުމަށް ތަކުރާރުކޮށް އެދެއެވެ. ހައިތަމްގެ ހިނިތުންވެފައިވި މޫނަށް ބަލައިލުމަށްފަހު އެފޮޓޯގައި އޭނާ ލޯބިން ފިރުމައިލިއެވެ. "އައި މިސް ޔޫ އަ ލޮޓް ބައްޕާ.." އީކްގެ ހިތުގައިވިއެވެ. އަލްބަމް ލައްޕައިލުމާއެކު އެގެނެސް މޭގައި އޭނާ ޖައްސައިލިއެވެ. އެވަގުތު ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވަމުން ދުވެފައި އައި ހައިތް، ފަހަތުން އީކްގެ ހަށިގަނޑުގައި އޮޅުލައި ގަންނަމުން މަންމީއޭ ކިޔައި ބާރަށް ގޮވައިލިއެވެ. ހިނިގަނޑު ފަޅައިގެން ދިއުމާއެކު އަލްބަމް ބާއްވަމުން އެނބުރި ޔުނީފޯރމްގައި އިން ހައިތް އުރައިލަމުން އީކް ތެދުވިއެވެ. މާނޭވައި ލެވިފައިހުރެ ހައިތްގެ ދަބަސް ހިފައިގެން ނާއިފް ވަނީ އެވަގުތުއެވެ. ނާއިފް ހުރިގޮތް ފެނުމާއެކު ހައިތްއަށް ބަލައިލަމުން އީކް ދެފަރާތަށް ބޯހޫރައިލިއެވެ. ލެޕްޓޮޕް ދަބަސް ގޮނޑުގައި އަޅުވައިގެންހުރެ އީވާން ވެސް އައިސް ކޮޓަރިއަށްވަނީ އެވަގުތުއެވެ.

"ދަރިފުޅު ގާތު ބުނަމެއްނު ކާފާއާ އެއްވަރަށް އަންނާށޭ.. ބަލާބަލަ ކާފަ ވަރުބަލިވެފަ ހުރިވަރު.." ހައިތަމްގެ ކޮލުގައި ބޮސްދެމުން އީކް ބުނެލިއެވެ. އެއާއެކު ލާނެތް ގޮތަކަށް ހީލަމުން އޭނާ ނާއިފްއަށް ބަލައިލިއެވެ.

"ކާފަ މާ ލަހީ ހިނގާލެއް.."

"ކޮބާ އެންމެ ފަހުން ކުށްވެރިމިވީ ކާފަ އެއްނު.." ހައިތްގެ ދަބަސް އެނދުމަތީގައި ބާއްވަމުން ހިނިއައިސްފައި ނާއިފް ބުނެލިއެވެ. ނާއިފްގެ ކޮނޑުގައި ޖަހައިލަމުން އީވާންވެސް ނާއިފްއާ ދިމާކޮށްލީ ހައިތްއާ ބައިވެރިވަމުންނެވެ. ދެފަރާތަށް ބޯހޫރައިލުމާއެކު އެއްޗެހި ބަދަލުކޮށްގެން އޭނާއާ އެކުގައި ކުޅެން އައުމަށް ހައިތް ގާތުގައި ނާއިފް ބުނެލިއެވެ. ތެޅިގަނެފައި އީކްގެ އަތުތެރެއިން ފައިބާން ހައިތް އުޅުނެވެ. ނިތްއަރުވައިލަމުން ދަރިފުޅުގެ ޔުނީފޯރމް ބަދަލުކޮށްލަމުން އޭނާ ދިއުމަށް އީކް ދޫކޮށްލިއެވެ. ކޮޓަރީގައި އެކަނިވުމާއެކު އީވާން އައިސް އޭނާގެ ލޯބިވާ އަނބިމީހާގެ ހަށިގަނޑުގައި ބައްދައިލައި އެނިތުގައި ބޮސްދިނެވެ. އަޅައިފައިވާ ކަޅުކުލައިގެ ބުރާގެ ތެރެއިން އީކްގެ ދޮން މޫނުކޮޅު ފައުޅުވަމުންދިޔައީ ސާދަވިލޭގޭ ހަނދެއް ފަދައިންނެވެ. އީވާންގެ ގައިގައި ބައްދައިލަމުން އެމޭގައި އީކް ލުއިކޮށް ބޮސްދިނެވެ. އެއާއެކު އީކްގެ ހަށިގަނޑުގައި ހިފާ އެނދުމައްޗަށް އޭނާ ވެއްޓިގަތެވެ. ދެމަފިރިންގެ ހުނުމުގެ އަޑުން ކޮޓަރި ގުގުމައިގެން ދިޔައިރު ދެހިތުގެ ވިންދުވީ އަވަސްވެފައެވެ.

* * * * *

އިވްލީންގެ އިންތިޒާރުގައި ހޮސްޕިޓަލްގެ ޕާރކިން އޭރިއާގައި ޝަމްއަލް ހުއްޓެވެ. އިވްލީންގެ ގާތުން ކައިވެންޏަށް އެދުނުތާ އެއްމަސް ތެރޭގައި އެދެމީހުންގެ ކައިވެނި ވަނީ ކުރެވިފައެވެ. ދުވަސްގަނޑަކަށްފަހު އޭނާއާއި އީވާންގެ ދެމަފިރިންނާ ބައްދަލުކުރުވީ އެހަފުލާގެ ތެރެއިންނެވެ. ހީނަރުވަމުންދިޔަ ގުޅުންތައް ބަދަހިކޮށްލުމަށް ލިބުނު ފުރުސަތެއް ފަދައެވެ. ހައިތަމްގެ ވަކިވުމަށްފަހު ލިބުނު ހިތާމައިން އަރައިގަތުމަށް އީކްއަށް ލިބުނު ހިތްވަރަކަށް އެކައިވެނި ވިއެވެ. އިވްލީންގެ ކައިވެނިކަމުން އެކަމުގައި ފޯރިއަރުވައިފައި އުޅުމަށް އީކް ބޭނުންވީ ހިތަށް ކުރެވެމުންދިޔަ ބޭކާރު ޚިޔާލުތަކުގައި ބެހި ދިއުމަށް ނޭދުމުންނެވެ. ދެވަނަ ފަހަރަށް ނަފުސު އެދަރަޖައަށް ހިތާމައިން ފޯވާން އޭނާ ބޭނުންނުވީއެވެ.

ޚިޔާލުތަކަށް ގެއްލިފައި އޭނާ ހުއްޓެވެ. އެވަގުތު އެތަނަށް އައިސް މަޑުކޮށްލި ކާރަކުން ނުކުތް އަންހެންކުއްޖާގެ ލޮލުގައި ޝަމްއަލް އަޅައިގަތުމާއެކު އެކުއްޖަކު މަޑުމަޑުން އޭނާއަށް ގޮވައިލިއެވެ.

"ޒާރާ.." ހައިރާންވެފައި އޭނާއަށް ބުނެވުނެވެ. ބުރުގާ އަޅައި ފުރިހަމަ ޙިޖާބުން ނިވައިވެގެން ހުރިއިރު އެމޫނުގައިވީ ހިތްހެޔޮކަމެވެ. ހާލު އަހައިލުމާއެކު ޒާރާ އިސްވެ ވާހަކަ ދެއްކިއެވެ. އަދި އޭރުގައި އެދެމެދު ކަންތައްވީގޮތުން އޭނާ ހިތާމަކުރާކަމަށާއި އޭނާއަށް މަޢާފުކޮށްދިނުމަށް އެދުނެވެ. ޒާރާ ބަދަލުވެފައިވި މިންވަރުފެނި ޝަމްއަލް އުފައުވިއެވެ. ބޯޖަހައިލަމުން އޭނާ ހިނިތުންވުމަކުން ފުއްދައިލީއެވެ. ކާރުގެ އަނެއްދޮރު ހުޅުވައިލަމުން ކުޑަ އަންހެންކުއްޖަކު އުރައިލައިގެން ފިރިހެނަކު ފޭބިއެވެ. އެދެމީހުނަށް ބަލައިލުމާއެކު ޒާރާގެ މޫނު އުޖާވެގެންދިޔަތަން އޭނާ ދުއްޓެވެ.

"އަހަރެންގެ ދަރިފުޅާ ފިރިމީހާ.." އެދެމީހުނަށް އިޝާރާތްކޮށްލަމުން ޒާރާ ބުނެލިއެވެ. ޝަމްއަލް އެއީ ކާކުކަން ޒާރާ ބުނެދިނުމާއެކު ކުޑަކޮށް ހިނިތުންވެލަމުން މައިސަން ސަލާމަތް އަތްދިއްކޮށްލިއެވެ. އިރުކޮޅުކު އެތަނުގައި ހުރުމަށްފަހު ދަނީކަމުގައި ބުނެ ހޮސްޕިޓަލަށް ވަނުމަށް އެކުޑަ އާއިލާ ހިނގައިގަތެވެ. ލުއި ހިނިތުންވުމަކާއެކު އެމަންޒަރުބަލަން ޝަމްއަލް ހުއްޓައި އެމީހުނަށް ބަލަމުން އެތަނަށް އައިސް އިވްލީން ހުއްޓިލިއެވެ. "އެއީ ޒާރާ ތަ؟ ހާދަ ތަފާތޭ.." ޝަމްއަލްކުރެ އޭނާ އެއްސެވެ. ބޯޖަހައިލުމާއެކު އެދެމެދުގައި ދެކެވުނު ވާހަކަތައް ޝަމްއަލް ހިއްސާކުރިއެވެ. ކުޑަކޮށް ހިނިތުންވެލަމުން ޝަމްއަލްގެ އަތުގައި އިވްލީން ހިފައިލިއެވެ. އިވްލީންގެ ބޮނޑުވެފައިވި ބަނޑުގައި ނުހަނު ލޯބިން ޝަމްއަލް ފިރުމައިލިއެވެ. އެއާއެކު ދަރިފުޅު ތޮޅިގަތީ ބައްޕަގެ އެބީހުން އިހުސާސުވެގެން ފަދައެވެ. ޝަމްއަލްގެ އަތްމަތީގައި އޭނާގެ އަތްތިލަ އިވްލީން ބާއްވައިލީ ހިނިތުންވަމުންނެވެ. "ތްރީ މަންތްސް ޓް ގޯ.. މިހާރުވެސް ބޭބީ ދެކިލާހިތުން ކެތްނުވޭ.." ލޯބިން އިވްލީންގެ ހަމަހުގެ ބަނޑުގައި ފިރުމަމުން ޝަމްއަލް ބުންޏެވެ. ޑިއުޓީގައި އިވްލީނަށް ލިބިފައިވި ވަރުބަލިކަން ޝަމްއަލްގެ އެކުޑަ ބީހުމުންވެސް ފިލައިދިޔަ ކަހަލައެވެ. ބޯޖަހައިލުމާއެކު ޝަމްއަލްގެ ގައިގައި އޭނާ ބައްދައިލީ ނިކަން ލޯބިންނެވެ.

"އައި ލަވް ޔޫ ޝައްމު.."

"އައި ލަވް ޔޫ މޯ ލީން.. ތޭންކްސް ފޯ ކަމިންގް އިން ޓް މައި ލައިފް..." އިވްލީންގެ ނިތުގައި ބޮސްދެމުން ޝަމްއަލް ބުނެލިއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން އިވްލީންގެ ހިތް ފުރިގެންއައެވެ. އުއްމީދުވެސް ނުކުރާފަދަ އުފައުވެރި ދިރިއުޅުމެއް މިއަދު މާތް ރަސްކަލާނގެ ވަނީ އޭނާއަށް މިންވަރުކޮށްދީފައެވެ. ލޯބިވާ ފިރިމީހާއާއެކު އަލަތު ދަރިފުޅަށް އޭނާ އިންތިޒާރު ކުރަމުންދިޔައިރު އެމުޅި ޙަޔާތްވީ އުފައުވެރިކަމުން ފޮޅިފައެވެ.

* * * * *

ސްކޫލްގެ ކިޔެވުން ފެށުމަށްފަހު ދުވަސްތައް ފާއިތުވާން ފެށީ ނުހަނު އަވަހަށެވެ. ދިރިއުޅުމުގެ ކަންކަމުގައި މަޝްއޫލުވެފައި ވީވަރުން ކަމުގައިވެސް ވެދާނެއެވެ. އަހަރުގެ ފަހުކޮޅަށް ގޮސްފައި ފިނިމޫސުމުގައި ލިބުނު ބަންދުގައި އީވާންގެ ކުޑަ އާއިލާ ވަގުތު ހޭދަކޮށްލުމަށް ފަރުބަދަ މަތީގައިހުރި އެމީހުންގެ ކޮޓޭޖަށް އައެވެ. އާންމު ދިރިއުޅުމުގެ ކަންކަމުން ދުރުވެލައި އާއިލީ ގުޅުން ބަދަހިކޮށްލުމުގެ ނިޔަތުގައެވެ. އެދަތުރުގައި ނާއިފް ބައިވެރިނުވީ އޮފީހުގެ މުހިންމު މީޓިންގް އެއް އޮތުމުންނެވެ. ފަރުބަދަ މަތީގައި ހަދައިފައިހުރި ހިމަ މަގުތަކުން ލައިފައި އައިސް ކާރު ކޮޓޭޖް ކުރިމައްޗަށް މަޑުކޮށްލުމާއެކު ހައިތް ގޮވައިގެން އީކް ފޭބިއެވެ. އީވާން ފައިބައިގެން ގޮސް އެމީހުންގެ ފޮށިތައް ކޮޓޭޖް ތެރަށް ވެއްދިއެވެ. އޭރު ކޮންމެވެސް ވަރަކަށް ގަނޑުފެން ފައިބަމުންދިޔައެވެ. މުޅި އެހިސާބު ހިވަނީ ހުދު ސައިލެއް އޮޅައިލައިގެން އޮތްހެނެވެ.

ކުޑަ ރަޖާގަނޑެއް ހިފައިގެން އައިސް ސްނޯތައް މަތީގައި ފަތުރައިލުމާއެކު އީވާން އިނށީނެވެ. އޭނާއާ ޖެހިގެން ކަހަލަ ގޮތަކަށް އީކް ވެސް އިނށީނެވެ. އޭރު ދުވެދުވެފައި އެތަނުގައި ހައިތް އުޅެއެވެ. އީކްގެ ލޯބިމޫނަށް ބަލައިލަމުން އޭނާއާ ގާތްވެލަން އުޅުނު ވަގުތު މޫނުގައި އައިސް ޖެހުނު ގަނޑުފެނުގެ ކުޑަ ބޯޅައަކުން ސިހިފައި އީވާންއަށް ދުރަށް ޖެހިލެވުނެވެ. ހައިތްގެ ލާނެއް ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުން އީވާން ދެލޯ ހަނިކޮށްލީ ރުޅިއައިކަމަށް ހެދެމުންނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު އިންތަނުން އޭނާ ތެދުވިއެވެ.

"ހައިތް ބިން އީވާން.." އުނުގައި ދެއަތް ވިދެލުމާއެކު އާންމުކޮށް ހައިތްގެ އެފަދަ އަމަލުތަކުން އޭނާއަށް އީކް ގޮވައިލާފަދައިން އީވާން ގޮވައިލިއެވެ. އީވާންގެ އެއަމަލުން އީކްގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. މަޑުމަޑުން ކޮޅަށްހުރި އީވާންގެ ފައިގައި އޭނާ ޖަހައިލިއެވެ. ހައިތްއާ ދިމާކުރަން ހުރުމަށްފަހު އޭނާ އެނބުރިލި ވަގުތު އީކްވެސް ގަނޑުފެނުން ބޯޅައެއް ހެދުމަށްފަހު އީވާންގެ މޫނަށް ޖެހިއެވެ. ދެމައިންގެ ހުނުމުގެ އަޑު މުޅި ހިސާބުގައި ހިފައިލައިފައިވިއެވެ. "ސީރިއަސްލީ އީ.. ހުރެބަލަ.. ދެން ސަލާމަތެއް ނުވާނެ.." އީކްއާ ހައިތްގެ ފަހަތުން ދުއްވައިގަންނަމުން އީވާން ބުނެލީ އިންޒާރެއް ފަދައިންނެވެ.

އެތައް އިރަކު ސަކަރާތްޖެހުމަށްފަހު އިރުއޮއްސުމުން ހައިތް ގޮވައިގެން ދެމަފިރިން ކޮޓޭޖް އަށް ވަނެވެ. ވަރުބަލިވެފައިވި ހައިތްއަށް ކާންދިނުމަށްފަހު އޭނާ ގައިދޮއްވައިލަމުން އެނދުގައި ނިދަން ބޭއްވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަރާމު ނިންޖަކަށް ދަރިފުޅު ގެނބިގެންދިއަތަން ބަލަން އިން އީކްއަށް ހިނިތުންވެވުނެވެ. އެތުއްތު ހަށިގަނޑުގައި ކުއިލްޓް އަޅައިލަމުން އޭނާ މިސްރާބުޖެހީ ކޮޓަރިން ނުކުތުމަށެވެ. އޭރު ސިޓިންގްރޫމްގައި ހުރި ފަޔަރޕްލޭސް ކައިރީގައި ހަރަކާތްތެރިވަމުން އީވާން ދިއައެވެ. ކުރަންހުރި މަސައްކަތް ނިންމައިލުމަށްފަހު ހިންދެމިލަމުން އޭނާ ފަހަތުގައ ހުރި އީކް އަށް ބަލައިލިއެވެ.

އަދި މަޑުމަޑުން އައިސް އީކް ގައިގައި ބައްދައިލުމާއެކު އެތަނުގައިހުރި ސޯފާގައި އިނށީނެވެ. ކުރިމަތީގައިހުރި ބިއްލޫރި ދޮރުތަކުން ގަނޑުފެން ފައިބަމުންދިޔަތަން ފެންނަމުން ދިޔައީ ހުވަފެނީ ގޮތަކަށެވެ. އެމަންޒަރަށް ބަލަންއިން އީކްގެ ދެލޯކުރިމަތީގައި އެންމެ ފުރަތަމަ އެތަނަށް އެދެމަފިރިން ކުރި ދަތުރުގެ ހަނދާންތައް ސިފަވެލިއެވެ. އީކްގެ ގައިން ދޫކޮށްލުމަށްފަހު އޭނާގެ އުނގުގައި ބޯއަޅައިލަމުން ސޯފާގައި އީވާން ހަށިގަނޑު ދަމައިލިއެވެ. އެކަކު އަނެކެއްގެ ދެލޮލަށް ގެއްލިފައި ތިބިއިރު އީކްގެ ހިތުގެ ވިންދު އަވަސްވަމުން އައެވެ.

"ހަނދާންވޭތަ.. އެންމެ ފުރަތަމަ އަހަރެމެން މިތަނަށް އައި ދުވަސްމަތިން.. އެނގޭތަ.. ފުރަތަމަ ފަހަރަށް އީވާންއާ މެދު ތަފާތު ނަޒަރަކުން އަހަންނަށް ދެކެވެންފެށީ އެދުވަހު.. މުޅި ދުނިޔެއަށް ސިއްރުންވިއަސް މިހިތުގަ ތިނަން ފެވިގެންއައީ އެރޭގަ..މިފަދަ ހުވަފެނީ ޗާލު ރެއެއް.. އީވާންގެ ދެލޮލުން އެރޭ ފައުޅުވެލި ލޯބި އަހަރެންގެ ހިތް މޮޔަކުރުވި.. އީވާންއަށްޓަކައި ހިތުގައި އައު ވިންދެއް އުފެއްދި.. ތި ލޯބި އަހަރެންގެ ވީރާނާވަމުންދިޔަ މުޅި ޙަޔާތް ބަދަލުކުރުވީ.. ދިރިއުޅުމުގެ މައިދާނުގަ ދާނެ ދިމާލެއް ނޭނގި ހުއްޓުން އަރައިފައި ހުއްޓައި އަހަރެންނަށް ކުރިއަށް ދާނެ މަގު ކޮށައިދީ ދައްކައިދިނީ.. ދުވަހަކު އަރައިނުގަނެވޭނޭ ހީކުރި ނަމަވެސް އެ ހިތާމަތަކުން އަހަރެން މިންޖުކޮށް އައު ޙަޔާތެއްގެ ފޮނިމީރުކަން އިހުސާސުކޮށްދިން.. ނުވާނޭ ހީކުރެވުނު އެތައްކަމެއް ބަދަލުވެދިޔަ.. މިއަދު އަހަރެން މިއުޅެނީ ހުވަފެނުގައިވެސް އުޅެވިދާނެކަމަށް ހީނުކުރާހައި އުފައުވެރި ދިރިއުޅުމެއް.. ދިރިއުޅުމުގެ ހުރިހައި އިމްތިޙާނަކުން އަހަރެން ފެއިލްވިޔަ ނުދީ މިއަތުގަ ހިފި އަހަރެންގެ ހިތްވަރަކީ ތީ... ދުވަހަކު މީހަކު ދެކެ ލޯބިނުވާ ދަރަޖައަށް މިއަދު އަހަރެން އީވާންދެކެ ލޯބިވޭ.. އަހަނަށްޓަކައި ކޮށްދިން ކޮންމެ ކަމަކަށް ހިތުގެ ފުންމިނުން ޝުކުރުވެރިވަން.. ތިފަދަ އޯގާތެރި ފިރިއެއްގެ ހިމާޔަތް މިންވަރުކޮށްދެއްވީތީ ހެއްދެވި ފަރާތަށް ޙަމްދުކޮށް ޝުކުރުކުރަން... އަހަންނަށް އަލުން ހިނިތުންވާން ދަސްކޮށްދިން މީހަކީ ތީ.. އީވާން އަހަރެންދެކެ ވާ ނިމުމެއްނުވާ ސާފު ތެދުވެރި ލޯބި މިއަދު އަހަންނަށް އެނގި އިހުސާސުވެއްޖެ.. އަހަރެންވެސް އެދަރަޖައަށް އީވާންދެކެ ލޯބިވޭ.. ޖަންނަތުގަވެސް އަހަރެން އެދެނީ އީވާންއާ އެކުގައި ވުމަށް.. ލޯބިވެތި އުފައުވެރި ދިރިއުޅުމެއް.. ދުވަހަކު ނިމުމެއް ނުވާނެ ފަދައިން.. ވަކިވުމެއް ނުވާނެ ފަދައިން.. އަހަރެންގެ ހިތުގެ ދުޢާއަކީ އެއީ.. އައި ލަވް ޔޫ ސޯ މަޗް.." އީވާންގެ ކަނޑެއްފަދަ ފުން ދެލޮލަށް ބަލަން އިނދެ އީކް ބުނެލިއެވެ. އީކްގެ ބަސްތަކުން އީވާންގެ ހިތަށް ކުރުވީ ފޮނި އިހުސާސެކެވެ. ދެލޮލަށް ކަރުނަ ޖަމާވީ ހިތަށް ލިބުނު ބަޔާންކުރަންދަތި އުފަލުންނެވެ. އޮތްތަނުން ތެދުވުމާއެކު އީކްގެ ހިމަހަށިގަނޑު އެދެއަތުގެ ތެރޭގައި ހައްޔަރުކޮށްލީ ނުހަނު ލޯބިންނެވެ. އެކުޑަ މޫނުގެ އެތަން މިތަނުގައި ބޮސްދެމުންދިޔައިރު އީވާންގެ ދުލުން އޮހެމުންދިޔައީ އީކް ދެކެ އޭނާ ވާ ލޯބީގެ ފޮނިފޮނި ބަސްތަކެވެ. އެތައް ފަހަރަކު ލޯބިވާ މިންވަރު ހާމަކޮށްދެމުން ދިޔައެވެ. އަމިއްލަ ލޯބީގެ ދުނިޔެއަކަށް ދެމަފިރިން ގެނބިގެންދިޔައިރު ދެހިތުގައިވެސް ޖަހަމުންދިޔައީ އެއް ވިންދެކެވެ. ކުރަމުންދިޔައީ އެއް އަހުދަކާއި ވަޢުދެކެވެ. އެދެވި ދުޢާކުރެވެމުންދިޔައީ އަބަދަށް ދެދުނިޔޭގައިވެސް އެކުގައި ލެއްވުމެވެ. އޮހެމުންދިޔަ ކުދިކުދި ގަނޑުފެންކޮޅުތައް އެކަމަށް ހެކިވަމުންދިޔައީ ދެމަފިރިންގެ ލޯބީގައި ބައިވެރިވަމުން ކަހަލައެވެ. ދެހިތުގެ ދުޢާގައި ޝާމިލްވަމުންނެވެ. ދެމެދުގައިވި ލޯބި އިތުރަށް ވަރުގަދަ ކުރުވަމުންނެވެ.

* * * * *

ނޭނގޭ ބުނާކަށް... ހިތް އެދި މި ވާވަރު...

ވާލޯބި ދެން ނޭނގޭހޭ...

ބޭނުން މިވާވަރު... ދީވާނަވީމާ...

ސީދާ ލޮލުން ނުފެނޭހޭ...

ބޭނުން އެހާ... ހިތް އިންތިހާ...

* * * * *

=ނިމުނީ=

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
562

ހިޔާލު

 1. ކިއުންތެރިއެއް

  މި ވާހަކައިގެ އިބާރާތްކުރުން ހަމަ ވަރަށް ހިތްގައިމު. ޝުކުރާއި މުބާރިކުބާދީ. ނައުފާގެ އާ ވާހަކަޔަކަށް އިންތިޒާރުކުރަން!

 2. Mishya✨

  މާޝާ ﷲ މ ވާަަހަކަް ވެސް ވަރަށް ރީިތިި ✨
  ކުރިޔަށް އޮތް ތަނުގައި މިކަހަލަ ވާހަކައެއް ކިޔާލަން ލިބޭނެ ކަމަށް އުންމީދު ކުރަން ✨
  ނައު މަތިނ މިޝީީ ވަރަށް މިސް ވާނެ✨

  • މީހެއް

   ޥ ރތ

 3. ކިޔުންތެރިޔެއް

  ވަރަށް ވެސް ފުރިހަމަ. ނައުގެ އެހެން ވާހަކައެއް އަވަސްު މުސްތަޤުބަލެއްގައި ކިޔާލަން ލިބޭނެ ކަމަށް އުންމީދުކުރަން

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް