ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (32)

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ތިރީސްއެއްވަނަ އަދަދާއި ގުޅޭ

އީވާންގެ އަތުގައި ހިފައިގެން ހުރެ އީކް މިސްރާބުޖެހީ ކުޑަދޮރާއި ދިމާލުގައި ބަހައްޓައިފައިހުރި މޭޒާ ދިމާއަށެވެ. މޭޒުމަތި ވަނީ ދެމީހުނަށް ކެވޭނެހެން ތައްޔާރުކޮށްފައެވެ. މެދުގައި އުއްބައްތިއެއް ދިއްލައިފައި ހުރިއިރު އޭގެ ހިތްގައިމު އަލި އެހިސާބަށް ފެތުރިފައި ވިއެވެ. އެފަދަ ކަމެއް އީކް ރާވައިފާނެ ކަމަކަށް ކުޑަކޮށްވެސް އީވާން ހިއެއްނުކުރެއެވެ. ހިނިތުންވުން އޭނާގެ ތުންފަތުން ނުފިލައެވެ. ދެލޮލުގައިވީ އާދަޔާ ޚިލާފު ވިދުމެކެވެ. އީކްއަށް ބަލައިލާ ކޮންމެ ފަހަރަކު އެދެލޮލުގެ ވިދުން އިހުނަށްވުރެ އިތުރުވެއެވެ. ހިތުގެ ހިނގުން އަވަސްކުރުވައެވެ. އެފަރިފަރި މަލުގައި ބީހިލުމަށްއެދި ހިތް ތެޅިގަނެއެވެ. އަމިއްލަ ނަފުސުގެ މައްޗަށް ބާރު ފޯރުވުން އޭނާއަށް ދަތިވެފައިވިއެވެ. ކުރިމަތީގައިހުރި ހޫރެއްފަދަ އަންހެންކުއްޖާ ދެއަތުގެ ތެރެއަށް ގެނައުމަށް އެދި އޭނާގެ ކެތްތެރިކަން ކޮޅުންލާގޮތް ވަނީއެވެ. ހިންދިރުވައިލަމުން އީކް އިޝާރާތްކުރި ގޮނޑީގައި އީވާން އިނށީނެވެ. އެންމެ ހިނދުކޮޅަކުވެސް އެއޮމާން މޫނުން އީވާންގެ ނަޒަރު ވަކިނުވެއެވެ. އީކްއަށް ބަލަން އިންއިރު އެދެލޮލުން ދެމުންދިޔަ މެސެޖް އީކްގެ ހިތަށް ފަހުމުވިއެވެ. ނަމަވެސް އޭނާ އިންތިޒާރުކޮށްގެން އިނީ އެކަމަށްވެސް ވަކި ވަގުތެއް އޭނާގެ ހިތުގައި ކަނޑައަޅައިފައި ވުމުންނެވެ.

މޭޒުމަތީގައިހުރީ އީވާންއަށް އެންމެ ކަމުދާ ބާވަތް ތަކެވެ. ހަމަހިމޭންކަންމަތީގައި ތިބެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ދޭތެރަކުން އީކްގެ ލޯބި މޫނަށް އީވާންއަށް ބަލައިލެވެއެވެ. އޭނާއަށް އިހުސާސުކުރެވެމުންދިޔައީ ހުވަފެނެއްގައި އުޅެވެމުންދިޔަ ހެނެވެ. އެހިތުގެ މަލިކާއާއެކު އެފަދަ މަންޒަރުތަކެއް އޭނާ ދުށީ ހުވަފެނުންނެވެ. އެކަން ހަގީގަތަކަށްވެ އޭނާގެ ދެލޯ ކުރިމަތީގައި ހިނގައިފާނެކަމަކަށް ކުޑަކޮށްވެސް އޭނާ އުއްމީދެއް ނުކުރެއެވެ. އެހެނަސް އަހަރެމެން އުއްމީދުވެސް ނުކުރާ ކިތައް ކަންތައް އަހަރެމެންގެ ދިރިއުޅުމުގައި ވޭހެއްޔެވެ. މާތް ރަސްކަލާނގެ ރަޙުމަތްވަންތަކަން ވަނީ އެފަދައިންނެވެ. އެކަލާނގެއަށް ފުރިހަމައަށް އިތުބާރުކޮށްފި އަޅަކަށް މާޔޫސްވުމެއްނެތެވެ.

ވިރެމުންދިޔަ އުއްބައްތީގެ މަޑު އޮރެންޖް އަލި އީކްގެ ކުޑަ މޫނުކޮޅަށް އެޅިފައިވީ ހިތްގައިމު ގޮތަކަށެވެ. އެމޫނުގެ ޗާލުކަން އެތައް ގުނައެއް އިތުރުވެފައިވާ ފަދައެވެ. އިސްޖަހައިލައިގެން އިންއިރު ދިގު ދިގު އެސްފިޔަތަކުން އެދެލޯ ނިވައިކޮށްލައިފައިވި ގޮތުން އީވާންގެ ނޭވާ އަވަސްވާގޮތްވިއެވެ. ކެއުމަށްވުރެ ބޮޑަށް އޭނާގެ ސަމާލުކަންވީ އޭނާގެ ލޯބިވާ އަނބިމީހާއަށެވެ. އޭނާގެ ކަރުހިއްކައިފައިވީ އެހެން ކަމަށް އެދިއެވެ. އެންމެފަހުން ކެތްތެރިކަން ކޮޅުންލާން ފެށުމުން ކުޑަގޮތަކަށް ކައި ނިންމައިލުމަށްފަހު އޭނާ އީކް އަށް ގޮވައިލިއެވެ. އެސްފިޔަތައް ހިއްލައިލަމުން ސީދާ އީވާންގެ މޫނަށް އީކް ބަލައިލިއެވެ. އެދެލޮލުގައިވި ބޭޤަރާރުކަންފެނި އީކްގެ ތުންފަތުގައި ދުވެލީ ލަދުރަކި ހިނިތުންވުމެކެވެ. އިންތަނުން ތެދުވެގެން އައިސް އީކްގެ ކުރިމަތީގައި އީވާން ހުއްޓުނެވެ. އަދި ސިއްރެއްފަދައިން އީކްގެ ނަމުން ގޮވައިލަމުން އޭނާގެ އަތްތިލަ ދިއްކޮށްލިއެވެ. ރަކި ހުނުމަކާއެކު އީވާންގެ އަތުގައި އީކް ހިފައިލިއެވެ. އަދި އިންތަނުން ތެދުވިއެވެ. އީކްގެ އަތުގައި ބޮސްދެމުން އޭނާ ނެގެސް ޑްރެސިންގް ޓޭބަލް ކުރިމަތީގައި ހުރި ގޮނޑީގައި ބެއިނދިއެވެ. އަދި އީކްގެ ފަހަތުގައި ހުރެ ލޯގަނޑުން އެސޫރައަށް އީވާން ބަލައިލިއެވެ. ތަޢުރީފުގެ ބަސްތައް އެދުލުން އޮހިގަތީ ބޭއިޚުތިޔާރުގައެވެ. ލަދުގަތްވަރުން އީކް އިސްޖަހައިލީއެވެ. ލަސްލަހުން އީކްއާ ދިމާއަށް ގުދުވެލުމާއެކު އެއޮމާން ކަނދުރާގައި ލުއިލުއިކޮށް އީވާން ބޮސްދިނެވެ. އެއާއެކު އީކްއަށް ދެލޯމަރައި ފިއްތައިލެވުނީ ބަނޑަށް އެރި ހީއްޔެއްގެ ސަބަބުންނެވެ. އީކްގެ ފަންއިސްތަށިގަނޑުގައި ޖަހައިފައިހުރި ހުޅި ނައްޓައިލުމާއެކު އެއިސްތަށިގަނޑު އީވާން މިނިވަންކޮށްލިއެވެ. އަދި އީކްގެ ކުޑަ ދަތްދޮޅިދަށަށް އަތްލައްވައިލަމުން އޭނާގެ އިސްއުފުލައިލިއެވެ. އެމޫނަށް އިރުކޮޅަކު ބަލަން ހުރެފައި އީކްގެ ނިތުގައި އީވާން ބޮސްދިނެވެ. އީކްގެ ދެއަތް އީވާންގެ ކަނދުރާ ވަށައިލީ އެހިނދުއެވެ. ހިނިތުންވެލަމުން އީކް އަތްދަނޑި މައްޗަށް އުފުލައިލުމަށްފަހު ކުދި ފިޔަވަޅުތަކެއްގައި އީވާން އައިސް އެނދުގައި އީކްގެ ހަށިގަނޑު ބާއްވައިލިއެވެ. އަދި އިތުރަށް އީކްއާ ގާތްވެލިއެވެ. އެވަގުތު ހުޅުވައިފައިހުރި ކުޑަދޮރުތެރެއިން ޖެހިލި ވައިރޯޅިއާއެކު ފަނޑުވަމުންދިޔަ އުއްބައްތީގެ ހުޅުކޮޅުތައް ނިވުނެވެ. އެއަނދިރިކަމުގައި ދެމަފިރިންގެ ހަށިގަނޑު އެކަތިގަނޑަކަށްވެގެންދިޔައީ އެގުޅުން އިތުރު ހަރުފަތަކަށް ގެންދަމުންނެވެ. އެތައް ކުލައަކުން ފަވައިލައި އިތުރަށް ވަރުގަދަ ކޮށްދެމުންނެވެ.

* * * * *

ޖެހިގެންއައި ދުވަހަކީ ކޮލެޖު ބަންދު ދުވަހެއްކަމުން އީވާން ބޭނުންވީ އީކްއާ އެކުގައި ވީހައިވެސް ގިނަވަގުތު ހޭދަކުރާށެވެ. ދެމަފިރިން އެކުގައި ފެންވަރައި ތާޒާވެލުމަށްފަހު މިސްރާބުޖެހީ ހައިތަމްގެ ކޮޓަރިއާ ދިމާއަށެވެ. ކޮޓަރީގެ ދޮރުހުޅުވައިލަމުން އެތެރަށް ވަތްއިރު ވަރުބަލިގޮތަކަށް އެނދުގައި ދެލޯހުޅުވައިލައިގެން ހައިތަމް އޮތެވެ. އޭނާގެ ގާތުގައި ކޮންމެވެސް ވާހަކައެއްގައި ނާއިފް ވެސް އިނެވެ. ކޮޓަރި ތެރެއަށް ވަތް އީވާންއާ އީކްއަށް އެދެމީހުންގެ ލޯ އަމާޒުވެލިއެވެ. އަތުގުޅުވައިލައިގެން ދެމީހުން ތިބިގޮތްފެނި އެގުޅުން ބަދަލުވެއްޖެކަން ހައިތަމްއާ ނާއިފްގެ ތަޖުރިބާކާރު ދެސިކުނޑި ދެނެގަތެވެ. އެކަކު އަނެކަކަށް ބަލައިލަމުން ދެމީހުނަށް ހިނިތުންވުމެއް ބަދަލުކޮށްލެވުނެވެ.

ހައިތަމްއަށް ބަލަން ހުރި އީކްގެ ދެލޯ ފެންކަޅިވީ ދުވަހެއް ދުވަހަކަށް އަނަރޫފަވަމުންދިޔަ އެހަށިގަނޑު ފެނިފައެވެ. އީވާންގެ އަތުން ދޫކޮށްލަމުން ލަސްހިނގުމެއްގައި އޭނާ އައިސް ހައިތަމްގެ އެނދުގެ މަގަތުގައި އިނށީނެވެ. ފުންނަޒަރަކުން ހައިތަމްއަށް ބަލަން އިންއިރު އެދެލޯ އިތުރަށް ފުސްވަމުން ދިޔައެވެ. "ދަރިފުޅާ.." ކުލުނުން ފުރިފައިވި ގޮތަކަށް ހައިތަމް ގޮވައިލިއެވެ.

"ބައްޕާ.." އެތައް ދުވަހަކަށްފަހު އީކްގެ ދުލުން އޭނާއާ މުޚާތަބުކޮށް ގޮވައިލުމުން ހައިތަމްއަށް ހުއްޓުން އަރާގޮތްވިއެވެ. ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައި އޭނާ އީކްގެ މޫނަށް ބަލަން އޮތީ ޤަބޫލުކުރަން ދަތިވީވަރުންނެވެ. ނާއިފްއަށްވެސް ވީ އެފަދަ ގޮތެކެވެ. ސުވާލުގެ ނަޒަރަކުން އީވާންއަށް ނާއިފް ބަލައިލުމުން ހިނިތުންވެލަމުން އޭނާ ބޯޖަހައިލިއެވެ. އެއާއެކު ނާއިފްގެ ތުންފަތްވެސް ދެފަރާތަށް ދެމިލިއެވެ. ހިތާހިތުން މާތް ރަސްކަލާނގެއަށް އޭނާއަށް ޙަމްދުކޮށްލެވުނެވެ.

"ދަ.. ދަރި.. ފުޅު.." އޮތްތަނުން ތެދުވެ އެނދުގެ ފަޑީގައި ލެގިލަމުން ހައިތަމް ގޮވައިލީ އުނދަގުލުންނެވެ. ހައިތަމްއަށް ހަމަޖެހިލުމަށް އީކް އެހީވެދިނެވެ. އަދި ލޯބިން ހައިތަމްގެ އަތުގައި ހިފަމުން އެއަތަށް ބާރުކޮށްލިއެވެ.

"ބައްޕާ.. އަޅުގަނޑު މުޅިން ރަނގަޅުވެއްޖެ.. އަލްޙަމްދުލިﷲ.. އަޅުގަނޑަށް ކުރިއެކޭ އެއްގޮތަށް އެއްވެސް ދަތިކަމެއްނެތި ވާހަކަ ދެއްކޭ.."

"ދަރިފުޅުގެ ތި އަޑު އަހައިލާހިތުން ބައްޕަ ކެތްތެރިކަމެއްނެތި އިންތިޒާރުކުރާތާ ކޮންދުވަހެއް.. ބައްޕަގެ ދެލޮލުގެ ނޫރު ތީ.. މިހިތުގެ ފިނިކަން.. ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުންއެދި ބައްޕަ ހާދަ ދުޢާއެއް ކުރީމޭ.. މިއަދު.. މި ބައްޕަގެ ހުރިހައި އެދުމަކާއި ދުޢާއެއް އިޖާބަވެ ފުރިހަމަވެއްޖެ.. ބައްޕަގެ ދަރިފުޅު ތިފަދައިން ހިނިތުންވެފައި ހުންނަތަން އެންމެ ފަހަރަކު ނަމަވެސް ދެކިލުމަށް ހާދަ އެދެވުނޭ..." އެއްވެސް ހިފެހެއްޓުމެއްނެތި ހައިތަމްގެ ދެލޮލުން ކަރުނަ އޮހިގަތީ ހިތަށް ކުރުވި ފުންއަސަރުންނެވެ. އެހުރިހައި ދުވަހު ހިފަހައްޓައިގެންހުރި ހުރިހައި އިހުސާސެއް ކަރުނައިގެ ސިފައިގައި ބޭރުވީފަދައެވެ. އެހައި ދުވަސްފަހުން އީކްގެ ދުލުން އޭނާއަށް "ބައްޕާ" އޭ ކިޔައި ގޮވައިލިއަޑު އިވުމުން ހައިތަމްގެ ހިތްވަނީ އުފަލުން ފުރިފައެވެ. ލޯބިވާ ދަރިފުޅުގެ އަޑު އަހައިލުމުގެ ފުރުސަތު މާތް ﷲ އޭނާއަށް ތަނަވަސްކޮށްދެއްވި ކަމަށްޓަކައި އޭނާ ޝުކުރުވެރިވިއެވެ. އޭނާއަށްވުރެ ނަސީބުގަދަ އެހެން ފަރާތެއް ނެތްކަމުގައި އެހިނދުކޮޅު އޭނާއަށް ހީވިއެވެ. ލިބިފައިވި ހުރިހައި ނުތަނަވަސް ކަމަކާއި ހިތާމައެއް ހިތުން ފިލައި ގޮސްފިއެވެ. އޭނާގެ ހާލާއިމެދުވެސް އެހިތުގައި އެއްވެސް ޝަކުވާއެއް ނެތެވެ. އެއަށްވުރެ މާތް ރަސްކަލާނގެ އޭނާއަށް ދެއްވި ނިޢުމަތްތަކުގެ އަގު މަތިވެރިވެގެންވެއެވެ. ދެލޯމަރައިލުމުގެ ކުރިން އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އުފަލުގައި އުޅޭތަން ދުށުމުގެ ނަސީބު ލިބުމުން އޭނާ އަށް ލިބިފައިވީ ބަޔާންކުރަންދަތި ހިތްހަމަޖެހުމެކެވެ.

އީކްގެ ދެއަތުގައި ހިފައިގެނެސް އޭނާގެ މެޔާލައި ބޮނޑިކޮށްލެވުނެވެ. ހައިތަމްގެ ބަލިކަށިވަމުން އައި ހަށިގަނޑުގައި އީކް ދެއަތް ވަށައިލިއެވެ. އެއާއެކު ހުއްޓުމެއްނެތި ދެބަފައިންނަށް ރޮއެގަނެވުނެވެ. އުފައުވެރިކަމުގެ ކަރުނަ ދެލޮލުން ފައިބަމުންދިޔައިރު އީވާންއާއި ނާއިފްގެ ދެލޯވެސްވަނީ ފެންކަޅިވެފައެވެ. އެތައް ދުވަހެއްގެ އުއްމީދުތައް މިއަދު ފުރިހަމަ ވެއްޖެއެވެ.

އީކްގެ ބުރަކަށީގައި ފިރުމައިލަމުން އީވާންގެ މޫނަށް ހައިތަމް ނަޒަރު ހުއްޓައިލިއެވެ. އެބެލުމުގައިވީ ޝުކުރުވެރިކަމެވެ. އޭނާގެ ދަރިފުޅު އަނބުރައި ކުރީގެ އެއުފައުވެރި ކުއްޖާއަށް ހެދުމުގައި އެންމެ އިސްރޯލެއް އަދާކުރީ އީވާންކަން އޭނާ ހަނދާން ނައްތައެއްނުލައެވެ. ހައިތަމްގެ ދެލޮލުން ފައުޅުވަމުންދިޔަ އިހުސާސުތައް ވިސްނުނު މީހަކުފަދައިން ހިނިތުންވެލަމުން އީވާން ބޯޖަހައިލިއެވެ.

* * * * *

ކްލާސްރޫމް ތެރޭގައި ހަރަކާތްތެރިވަމުންދިޔައިރު، އިރުއިރުކޮޅުން އީވާންގެ ނަޒަރު މާހާއާ ދިމާއަށް ދަތުރުކޮށްލައެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެލާ ކޮންމެ ވަގުތަކު އީވާން ހަދިޔާކޮށްލާ ހިނިތުންވުންފެނި މާހާގެ ހިތުގައި ފޮނިފޮނި ރާގެއް ކުޅެލިއެވެ. އަނެއްކާ އެއީ އޭނާގެ މަގުސަދު ހާސިލްވުމަށް ލިބެމުންދިޔަ ފެހި ސިގްނަލެއް ބާއެވެ. އީވާންގެ ނަޒަރުތަކުގައި އެހެންނާ ނުހުންނަ ތަފާތު ކަމެއް ހުންނަހެންވެސް މާހާއަށް ހީވެއެވެ. ކާމިޔާބީގެ ފޮނިމީރުކަން އޭނާގެ މުޅި ނަފުސާއި ރޫހަށް ލިބެމުންދިޔައެވެ. ކްލާސް ނިމޭނެ ވަގުތެއްގެ އިންތިޒާރުގައި އޭނާ އިނީ އީވާންގެ ފަރާތުން އިތުރު ސިގްނަލެއް ލިބޭނެކަމަށް އުއްމީދުކޮށްގެންނެވެ. ކަންތައް ވީވެސް މާހާ ބޭނުންވެފައި އިންފަދައިންނެވެ. ބެލްޖެހުމާއެކު މާހާ ގާތުގައި މަޑުކޮށްލުމަށް އީވާން އެދުނެވެ. ފާޑަކަށް އެދެމީހުނަށް ބަލައިލަމުން އެތަނުން ނުކުންނަން މައިރާ މިސްރާބުޖެހިއެވެ. އަދިވެސް އޭނާ ހުރީ މާހާ ދެކެ ނުރުހިފައިކަން އޭނާ ބަލައިލިގޮތުން އެނގެއެވެ. ނަމަވެސް އެއިން ކަމަކަށް މާހާގެ އެއްވެސް ސަމާލުކަމެއް ނެތެވެ. އޭނާގެ ހުރިހައި ޝައުޤެއް ހުއްޓިފައިވީ ކުރިމަތީގައި ހިނިއައިސްފައި ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތް ޖަހައިލައިގެން ހުރި އީވާން އަށެވެ.

ދެމީހުން އެކަނިވުމާއެކު މާހާއާ ދިމާއަށް އީވާން ފިޔަވަޅެއް އަޅައިލިއެވެ. އަދި މާހާ ކުރިމަތީގައި ހުއްޓިލަމުން ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"ސޮރީ.." ސީދާ މާހާގެ ދެލޮލަށް ބަލަން ހުރެ އީވާން ބުންޏެވެ.

"ކޮންކަމަކަށް" ނިތަށް ރޫއަރުވައިލަމުން މާހާ އަހައިލީ އީވާން ބުނި އެއްޗެއް ނުވިސްނުމުންނެވެ.

"ކުރިން ދުވަހު ކަންތައް ކުރެވުނު ގޮތުން.. ފަހުން ވިސްނާލީމަ އިހުސާސުކުރެވުނު އަހަނަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން.. މާހާ އެދުވަހު ދެއްކި ވާހަކަތަކުގައިވީ ކިހައި ބޮޑު ތެދެއްކަން.." ދެރަވާކަމަށް ހެދެމުން އީވާން ބުނެލީ މޮޅިވެރި ގޮތަކަށެވެ. ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުން ކޮންޓްރޯލް ކުރަމުން އިންތަނުން މާހާ ތެދުވިއެވެ. އީވާންގެ ވާހަކަތަކާއެކު އޭނާގެ މޮޔަހިތް އުފަލުން ފޮޅިއްޖެއެވެ. އެއްވެސް ކަމަކާމެދު ވިސްނުން ހިންގުމަށްވުރެ އޭނާގެ ހިތުގައި ބުރުޖަހަމުން ދިޔައީ އީވާންގެ ދުލުން ބޭރުވި ބަސްތަކެވެ. އެމޫނުގައިވި އަސަރުތަކެވެ. އީވާންއާ ގާތްވެލަމުން އެއަތުގައި މާހާ ހިފައިލިއެވެ. އުނދަގޫވި ނަމަވެސް އީވާން ކެތްތެރިވިއެވެ.

"އިޓްސް އޯކޭ.. އަހަރެން އީވާންއަށް މަޢާފުނުކޮށް ނުހުންނާނު.. އެހައިވެސް ބޮޑަށް އަހަރެން ލޯބިވޭ.. ވަރަށް އުފާވެއްޖެ ވަގުތު ފާއިތު ނުވަނީސް އީވާންއަށް ވިސްނުނީމަ..." އެއަތަށް ފިތައިލަމުން މާހާ ބުނެލީ ތުއިގޮތަކަށެވެ. ގަދަކަމުން ހިނިތުންވެލަމުން ނޫން ކަމަށް ހަދައިފައި މާހާގެ އަތް އޭނާގެ އަތާއި އީވާން ވަކިކޮށްލިއެވެ.

"ހުރިހައި ވާހަކައެއް ދައްކަނީ މިތާ ތިބެތަ؟" ލާނެތްކަން އަޑަށް ވެރިކޮށްލަމުން އީވާން އަހައިލިއެވެ. ނޭނގެއޭ ބުނާފަދައިން މާހާ ދެކޮނޑު އަރުވައިލީއެވެ.

"ހިނގާބަލަ ބޭރަށް ގޮސްލަން.. ބްރޭކް ގަޑި އެއްނު.. މާހާ ދާނަންތަ އަހަންނާއެކު ލަންޗް އަށް..؟" ކުޑަކޮށް ބޯއަރިކޮށްލަމުން މާހާގެ މޫނަށް އީވާން ބަލައިލިއެވެ. އީވާންގެ ސުވާލާއެކު އުފަލުންގޮސް މާހާގެ ދެލޯ ވިދައިގަތެވެ. އެފުރުސަތު ގެއްލެން ބޭނުންނުވެހުރެ އަވަސް އަވަހަށް އޭނާ ބޯޖަހައިލަމުން އާނއެކޭ ބުންޏެވެ.

"އެދުވަހު އެހެން ކަންތައް ކުރެވުނީމަ.. އައި ވޯންޓް ޓް މޭކް އިޓް އަޕް ފޯރ ޔޫ.." ސިއްރެއްފަދައިން މަޑުމަޑުން އީވާން ބުނެލިއެވެ. ލިބުނު ހިތްހަމަޖެހުން އެއްވެސް ފޮރުވުމެއްނެތި މާހާގެ މޫނުމަތިން ފައުޅުވާން ހުއްޓެވެ. ދެންވެސް އޭނާ ބޯޖަހައިލީ އީވާންގެ ވާހަކަތަކަށް އެއްބަސްވަމުންނެވެ.

"ތިރީގަ މަޑުކޮށްލާ.. ފަސް މިނިޓް ތެރޭ އަހަރެން ދާނަން.. އެންމެ ރަނގަޅުތަ؟"

"އޮފް ކޯރޒް.. އަހަރެން އިންތިޒާރު ކުރާނަން.." އީވާންގެ އަތުގައި ފިރުމައިލަމުން އެހެން ބުނުމަށްފަހު މާހާ އަވަސްވެގަތީ ކްލާހުން ނުކުތުމަށެވެ. އޭނާގެ އެކުދި ކުދި ބީހުންތައް އީވާން މަނާ ނުކުރާތީ، އީވާންގެ ވާހަކަތަކުގައިވީ ތެދުކަން މާހާއަށް ވިސްނުނެވެ. އެހެންނާ އޭނާ ގާތްވެލުމުން ދުރުކޮށްލި ނަމަވެސް މިއަދު އޭނާގެ އެފަދަ ބީހުންތަކަށް އީވާން މަރުޙަބާ ކިޔާފަދައެވެ. އިތުރު ޔަގީންކަމެއް އޭނާއަށް ލިބިފައިވީ އެހެންވެއެވެ. އީވާންގެ ދެލޮލުން ފައުޅުވާންހުރި ޖަޒުބާތުތައް އޭނާ ދުށްޓެވެ. އެދެލޯ އޭނާއަށް އޮޅުވައިނުލާނެކަން ގައިމެވެ. އެންމެފަހުން އޭނާގެ ހިތުގެ މުރާދު ހާސިލްވަނީއެވެ. ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އީވާން ވާނީ ހަމައެކަނި އޭނާގެ ހައްޤަކަށެވެ. އީކްއަށް ޖެހޭނީ ދެއަތްފޮޅައިލުމަށްފަހު އެދެމެދުން ދުރަށްދާށެވެ. ވިހަ ހިނިތުންވުމެއް ތުންފަތުގައި ކުޅެލުމާއެކު މާހާއަށް އަޑުވީއްލައި ހީގަނެވުނެވެ.
(ނުނިމޭ)

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
291

ހިޔާލު

  1. ކިޔުންތެރިޔެއް

    މިބައިވެސް އެހާމެ ފުރިހަމަ
    ދެން އޮއެއް ބަޔަށް އިންތިޒާރު ކުރަން

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް