ބާރުދުވެލީގައި އައި ކާރު މަޑުކޮށްލުމާއެކު އަވަސްއަރުވައިލައިފައި ކާރުގެ ދޮރުހުޅުވައިލަމުން އީކް ފޭބިއެވެ. ދޮރުފަތްވެސް އެހުރިގޮތަށް ދޫކޮށްލުމަށްފަހު ކުރިމަތިން ފެންނަންއޮތް ގޯޅީގެ ތެރެއަށް އޭނާ ދުއްވައިގަތީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ގިނަ އަދަދެއްގެ މީހުނަށްވެސް ބެލުމެއްނެތިއެވެ. އޭނާގެ ފަހަތުން ކާރުން ނުކުތް ހައިތަމް ބާރަށް އީކްގެ ނަމުން ގޮވައިލަމުން ހަލުވިފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.
ސަރަހައްދަށް އެއްވެފައިތިބި މީހުންތަކާހެދި ކުރިއަށްދިއުމަށް ދަތިވި އީކް ދެތުންފަތް ޖައްސައިބާރުކޮށްލީ ލޮލުން އޮހޮރެން ތައްޔާރުވެފައިހުރި ކަރުނަތަށް ދިރުވައިލުމަށް މަސައްކަތްކުރަމުންނެވެ. އޭރު ބައެއްމީހުންގެ ހަމްދަރުދީގެ ނަޒަރުތައް އޭނާއަށް އަމާޒުވަމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް ފަރުވާލެއްނެތި އީކް ދެފަޔަށްބާރުލަމުން އިހުނަށްވުރެ ބާރަށް ދުއްވައިގަތެވެ. ވަކިހިސާބަކަށް ދެވުނުތަނާ އެހިސާބުގައިހުރި އެމް.އެން.ޑީ.އެފް މީހަކު އީކްގެ އަތުގައި ހިފައިހުއްޓުވީ އިތުރަށް ކުރިއަށްދިއުން ރައްކާތެރިނޫންކަމުގައި ބުނަމުންނެވެ. އެއާއެކު ކަރުނުން ބަރާވެފައިވި އީކްގެ ދެލޯ ކުރިމަތިން ފެންނަންހުރި ހޮޓެލް އާރިއާ ބިލްޑިންގްއާއި ދިމާލަށް ހުއްޓުނެވެ. އިމާރާތުގެ ފަސްވަނަ ފަންގިފިލާގައި އަލިފާންރޯވެ އަނދަމުންދިޔައިރު އޭގެ އަސަރު އިތުރު ތިން ފަންގިފިލައަކަށްވަނީ ކޮށްފައެވެ.
އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއުގެ ޓީމެއް އިމާރާތް ކުރިމަތީގައި ހަރަކާތްތެރިވަމުންދިޔައިރު، އާންމުންގެ ގިނަބަޔަކުވެސް އެސަރަހައްދަށް އެއްވެފައިތިއްބެވެ. ބަލާބެލުމަށް އަލިފާންގަނޑު ބޮޑުވެ ފެތުރެމުންދާހެން ހީވުމުން މަންޒަރުބަލަން އެތަނަށް އެއްވަމުންދިޔަ ގިނަބަޔަކަށް އެސަރަހައްދު ދޫކޮށް ދުރަށް ދިއުމަށް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ އެމް.އެން.ޑީ.އެފްގެ ބައެއްމީހުން އަންގަމުންދިޔައެވެ.
ހުއްޓުންއަރައިފައި ހޮޓެލް އާރިއާއަށް ބަލަންހުރި އީކްގެ އަތުގައިހިފައި މީހަކު ދަމައިލުމުން ސިހިފައި އެދިމާއަށް އޭނާ ބަލައިލިއެވެ. އޭރު ނޭފަތާއިއެކު އަނގަމަތީގައި އަތްއަޅައިގެންހުރި ހައިތަމް މަސައްކަތްކުރަމުން ދިޔައީ އީކް ގޮވައިގެން އެސަރަހައްދާއި ދުރަށް ދިއުމަށެވެ. ހުއްޓުންއަރައިފައިހުރި ދަރިފުޅު ގެނެސް ގަޔާއި ގާތްކޮށްލަމުން ހައިތަމް ހިނގައިގަތެވެ.
"ބައްޕާ ޕްލީޒް." ހިފަހައްޓަން މަސައްކަތްކުރަމުންދިޔަ ކަރުނަތައް ދެލޮލުން އޮހޮރިގަތުމާއެކު އީކްގެ އަޑު ބެދޭގޮތްވިއެވެ. ހިތުޖެހިފައި ދަރިފުޅުގެ މިލާފައިވާ މޫނަށް ބަލައިލި ހައިތަމްގެ ދެލޯވެސް ހޮޓެލް އާރިއާގެ އަނދަމުންދިޔަ ފަންގިފިލައަށް އަމާޒުވެލިއެވެ.
"މާކިން.. މާކިންގެ.. ޚަބަރެއް އަދިވެސް ނުވެއޭ ބައްޕާ.." ހައިތަމްގެ މޭގައި ލައްވެލުމާއެކު އީކްގެ ބަޑި ފަޅައިގެންދިޔައެވެ. ލައްކަގިނައިރު ނުރޮއި ހިތްވަރުކުރަން އޭނާ މަސައްކަތްކޮށްފިއެވެ. އެކަމަކު ފާއިތުވެދާ ކޮންމެ ސިކުންތަކާއެކު އީކްގެ ހިތުގައިވި ބިރުވެރިކަމާއި ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ.
"ދަރިފުޅާ.. ހިތްވަރުކުރަންވާނެ. ބައްޕަގެ އީކް އަކީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއްނު. އިރާދަކުރެއްވިއްޖާ ހެޔޮހާލުގައި ގަދަވެސަލާމަތުން މާކިން އެނބުރި ދަރިފުޅުގެ ގާތަށް އަންނާނެ." އީކް ގަޔާލައިބޮނޑިކޮށްލަމުން ހައިތަމް ހިތްވަރުދޭން މަސައްކަތްކުރިއެވެ. އެހެނަސް އޭނާގެ ހިތްވެސްވަނީ ނޭނގޭ ބިރުވެރިކަމަކުން ވަށައިލައިފައެވެ. މާކިންއަށް ކަމެއްވެއްޖެނަމަ އޭނާގެ ދަރިފުޅަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެކަން ހައިތަމްއަށް އެނގެއެވެ.
"އެކަމަކު.. ސަލާމަތުން އެތަނުން ނުކުމެވުނު މީހުންގެތެރަކުވެސް މާކިންއެއް ނެތޭ ބައްޕާ" އިސްއުފުލައި ހައިތަމްގެ މޫނަށް ބަލައިލަމުން އީކް ބުނެލިއެވެ. ކަރުނަފައިބަމުންދިޔަ އީކްގެ ދެލޮލަށް ބަލައިލުމާއެކު ހައިތަމްގެ ހިތަށް ފުން އަސަރުތަކެއް ކުރިއެވެ. އެވަގުތު ސިކުނޑި ހާސްވީވަރުން ބުނާނެ އެއްޗެއްނުވިސްނުމުން އީކްގެ ގައިގައި އޭނާ ބައްދައިލީ ކޮންމެ ހާލެއްގައިވެސް ދަރިފުޅާއިއެކުގައި އޭނާ އެބަހުރިކަން އަންގައިދިނުމުގެ ގޮތުންނެވެ.
ދުވަހުގެ މެންދުރުއަތަށް އަޅައިލިއިރު އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނު ނަމަވެސް، ރޯވި ފަންގިފިލާގެ އިތުރުން، އިތުރު ތިން ފަންގިފިލައަކަށްވަނީ އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މަގުގެ ތަންކޮޅެއް ދުރުގައި އިމާރާތަށް ބަލަހައްޓައިގެން އީކް ގޮވައިގެން ހައިތަމް ހުއްޓެވެ. އެތަނުގައި ހަރަކާތްތެރިވަމުންދިޔަ މީހުނަށް ނަޒަރުހުއްޓައިލައިގެން އީކް ހުރީ އެންމެ ސޫރައެއް ދުށުމުގެ އުއްމީދުގައެވެ. އިރުއިރުކޮޅާ ލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލައެވެ. އީކްގެ ހާލާއިމެދުގައި ކަންބޮޑުވެފައި ހައިތަމްހުރީ ހަދާނެގޮތް ހުސްވެފައެވެ.
އަލިފާންގަނޑު ނިއްވައިލެވުމާއެކު އެމް.އެން.ޑީ.އެފްގެ މީހުން އިމާރާތުތެރެއަށްވަދެ މުޅި އިމާރާތް ފާސްކޮށް، ބޭރަށް ނުކުމެވޭނެގޮތެއްނެތި އެތެރޭގައި ތާށިވެފައިތިބި ބައެއްމީހުން ސަލާމަތްކޮށް އެތަނުން ނެރުމުގެ މަސައްކަތްފެށިއެވެ. އެމަންޒަރުފެނުމުން އެދިމާއަށް ދާންބޭނުންކަމުގައި މަޑުމަޑުން އީކް ބުނެލިއެވެ. ބޯޖަހައިލަމުން ލަސްފިޔަވަޅުތަކެއްގައި އީކް ގޮވައިގެން ހައިތަމް ހިނގައިގަތެވެ.
އިމާރާތުގެ ކުރިމަތީގައި ހުއްޓިހުރި ސިފައިންގެ މީހާގެ ލޮލުގައި އެދިމާލަށް އަންނަމުންދިޔަ ހައިތަމް އަޅައިގަތުމާއެކު ފުންނޭވާއެއްލަމުން ކަންފަތުގައި ޖަހައިލައިގެންހުރި ފޯނު ތިރިކޮށްލިއެވެ. އަދި ހައިތަމްއާއި ކުރިމަތިވާނޭހެން އެނބުރިލިއެވެ. ދާދި ދެންމެއަކު ލިބުނު ޚަބަރަކުން އޭނާގެ ތަބީއަތަށްވެސްވަނީ ބަދަލުތަކެއް އައިސްފައެވެ.
"އާސިފް" ކުރިމައްޗަށް ހުއްޓިލަމުން ހައިތަމް ގޮވައިލުމާއެކު ލަސްލަހުން އާސިފް ބޯޖަހައިލިއެވެ. އޭރު ކަންބޮޑުވުން އެކުލެވިގެންވި އޭނާގެ ނަޒަރު އީކްއަށް ދަތުރުކޮށްލިއެވެ.
"މާކިންގެ ޚަބަރެއްވެއްޖެތަ؟" އީކްގެ ހިތުގައިއޮތް ސުވާލު ލަސްނުކޮށް ހައިތަމް ކޮށްލިއެވެ. ކެތްތެރިކަންކުޑަވެފައި އެސުވާލުގެ ޖަވާބު ލިބޭތޯ އީކް އާސިފަށް ބަލަހައްޓައިގެން ހުއްޓެވެ. ހައިތަމްގެ ސުވާލާއެކު އަނެއްކާވެސް އާސިފްގެ ނަޒަރު އީކްއަށް އަމާޒުވެލިއެވެ. އެސުވާލަށް ޖަވާބުދޭނެ ގޮތަކާއިމެދުގައި އޭނާ ވިސްނާލިއެވެ. ބުނެލެވޭ އެންމެ ބަހަކުންވެސް އެދެމީހުންގެ ހިތް ހަލާކުވެގެންދާނެކަން އާސިފަށް އެނގެއެވެ. މޫނުގައި އަތްހާކައިލަމުން ފަޒާގެ ތެރެއަށް ފުންނޭވާއެއް އާސިފް ދޫކޮށްލިއެވެ.
"ހައިތަމް.. އަޅުގަނޑަށް މާފުކުރޭ.. މިވަގުތު އަޅުގަނޑުގެ އަތުގައި ހައިތަމްއަށް ދޭން އޮތީ މާކަ ރަނގަޅު ޚަބަރެއްނޫން." އިސްޖެހިފައިހުރި އާސިފް މަޑުމަޑުން ބުނެލިއެވެ. ކުރިމަތީގައިހުރީ އޭނާގެ ޒަމާންވީ އެކުވެރިއެއްނަމަވެސް އެމޫނަށް ބެލުމަށް އެވަގުތު އާސިފް ނުކުޅެދިފައިވާކަހަލައެވެ.
އާސިފްގެ ދުލުން ބޭރުވި ޖުމުލަތަކާއެކު އީކްގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުނެވެ. އިތުރަށް އީކް ގަޔާއި ގާތްކޮށްލަމުން ސުވާލުގެ ނަޒަރަކުން ހައިތަމް އާސިފްގެ މޫނަށް ބަލައިލިއެވެ.
"މާކިން.. ފެނިއްޖެ.. އެކަމަކު.."
"އެކަމަކު.. އެކަމަކު ކިހިނެއްތަވީ؟" އާސިފްގެ ވާހަކަ ފުރިހަމަނުވަނީސް ކެތްތެރިކަންކުޑަވެފައިހުރި އީކް ހައިތަމްއާއި ދުރަށްޖެހިލަމުން ހަޅޭއްލަވައިގަތެވެ. ކަންބޮޑުވެފައި ހައިތަމް އީކްގެ ކޮނޑުގައި މަޑުމަޑުން އަތްޖައްސައިލިއެވެ. އަދި އާސިފްއަށް ބަލައިލަމުން ބޯޖަހައިލީ އޭނާގެ ވާހަކަކުރިއަށް ގެންދާށޭ ބުނެލާފަދަގޮތަކަށެވެ.
"ހައިތަމް.. މީކީ އަޅުގަނޑަށް ދައްކާކަށް މާފަސޭހަ ވާހަކަތަކެއްނޫން.. އެހެނަސް އަޅުގަނޑަށް އެނގޭ ކޮންމެހެންވެސް މިޚަބަރު ތިދެމީހުނަށް ދޭންޖެހޭނެކަން.. މާކިން.. ކިރިޔާ ދުނިޔޭގައިއޮތްކަން.. އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފިހިފައި.." ދެމީހުނަށް އަވަސް ނަޒަރެއްދެމުން އާސިފް އެހެންބުނެލީ ވަރަށް ވިސްނައިލުމަށްފަހުއެވެ. އެކުވެރިޔާއަށް އެފަދަ ޚަބަރެއް ދޭންވުމުން އޭނާވެސް ހުރީ އުނދަގޫވެފައެވެ. އެކަމުގެ އަސަރު އެންމެ ބޮޑަށްކުރާނީ އީކްއަށްކަން ވިސްނޭތީ ލިބުނު ހުރިހައި މައުލޫމާތެއް ހިއްސާކުރުމަށް އެވަގުތު އާސިފް ފަސްޖެހުނެވެ.
ކަޅިވެސްޖަހައިނުލާ އާސިފްގެ މޫނަށް ބަލަހައްޓައިގެން އީކް ހުރީ އިވުނު ޚަބަރު ގަބޫލުކުރަން އުނދަގޫވެފައެވެ. އެއީ ދޮގެކޭބުނެ ހަޅޭއްލަވައިގަންނަން އޭނާގެ ނަފުސު އެދެމުންދިޔަނަމަވެސް، އެދުލުން އެންމެ ބަހެއްވެސް ބޭރުކޮށްލުމަށް އީކް ނުކުޅެދިފައިހުރިކަހަލައެވެ. ބުދެއްހެން ހުއްޓުންއަރައިފައިހުރި އީކްއަށް ބަލައިލި ހައިތަމްގެ ދެލޮލުގައިވެސް ކަރުނަތަށް ބޮނޑިވެގަތެވެ. ދެލޮލުގައި އަތްއުނގުޅައިލަމުން އެއްޗެއް ބުނުމަށް އުޅުނުވަގުތު އެތަނަށް އައިސް ހުއްޓުނު އެންބިއުލާންސްފެނި ހައިތަމްއަށް ހިންދިރުވައިލެވުނެވެ. އެންބިއުލާންސް ހުއްޓުނު ވަގުތާއި ދެސިފައިންގެ އަތްދަނޑިމަތީގައި ހޮޓެލް އާރިއާގެ އިމާރާތުން މާކިން ނެރުނުވަގުތުވީ އެއްވަގުތަކަށެވެ.
އާސިފްގެ މޫނަށް ހުއްޓިފައިވި އީކްގެ ނަޒަރު ލަސްލަހުން އެދިމާއަށް ދަތުރުކޮށްލިއެވެ. ފެނުނު މަންޒަރުން ފައިދަށުން ބިންގަނޑުދެމިގެންދިޔަފަދަ އިހުސާސެއް އީކްއަށް ކުރެވުނެވެ. ދެލޯބޮޑުކޮށްލަމުން ކަންފަތްމަތީގައި އަތްއަޅައި ނޫނެކޭ ބުނެ އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު ޚަބަރު ހުސްވެ ހުރިދިމާއަށް އީކް ތިރިވިއެވެ. ހާސްވެފައިހުރި ހައިތަމް އީކް ވެއްޓުމުގެކުރިން އޭނާ ހިފެހެއްޓިއިރު އެދެލޮލުން އިޚްތިޔާރުން ބޭރުގައި ކަރުނަތައް އޮހޮރިގަތެވެ.
* * * * *
އޭޑީކޭ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމް ކުރިމަތީގައި ހައިތަމް ހުރީ ފުންވިސްނުމަކަށްގެއްލިފައެވެ. މާޒީގެ ޚިޔާލުތަކަށް ގެއްލިފައި އިންއިރު އެދެލޮލުގައި ތެތްކަމެއް އެކުލެވިފައިވިއެވެ. ޒުވާން އުމުރުގައި ވެވުނު ލޯބީގައި ކައިވެނީގެ ގޮށްޖަހައިލީ އުމުރު ދުވަހަށްވެސް އެކުގައިވުމަށް ވައުދުވަމުންނެވެ. ހައިތަމްގެ ކައިވެންޏަށް ފުރިހަމަ އެއްއަހަރުވެސް ނުވަނީސް އޭނާގެ މައިންބަފައިންވަނީ ދުނިޔެ ދޫކޮށްގޮސްފައެވެ. އެދުވަހުންފެށިގެން އޭނާގެ ބައްޕަ ފަށައިފައިވާ ހޮޓެލް ހިންގުމުގެ ވިޔަފާރިއާއި ހަވާލުގެ ވިޔަފާރި ފުޅާކޮށްނަގައި ކޮޅަށްޖެހީ އޭނާގެ ބުރަމަސައްކަތުންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެތައްތަނެއްގައިވެސް އޭނާގެ ހޮޓެލްތައް ހުރެއެވެ. ވިޔަފާރީގައި ކާމިޔާބު ޒުވާނަކަށްވުމަށްޓަކައި އޭނާއަށް އެންމެބޮޑު ހިތްވަރެއްދިނީ ދެގޮތެއްނުވެހުރި ހަޔާތުގެ ބައިވެރިޔާއެވެ.
އާރިއާ އަކީ ރާއްޖެތެރޭގެ ރަށަކަށް އުފަން ނިކަމެތި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ބޮޑުވެގެންއައީ އާއިލާގައިހުރި ހަމައެކަނި ބޮޑުދައިތަކައިރީގައި ހުރެއެވެ. އެމީހުނަކީ އެއްވެސްއިރެއްގައި އާރިއާދެކެ މާކަލޯބިވާ ބައެއްނޫނެވެ. އޭނާ ބޮޑުވީ އެމީހުންގެ ގާތުގައި ގުލާނުކޮށްދީގެންކަމުގައިވިއަސް، އެހިތުގައި އެމީހުނާއިމެދު އެއްވެސް ޝަކުވާއެއްނެތެވެ. ދާނެތަނެއްނެތި ނިކަމެތިކަން ހަތަރެސްފަރާތުން ވަށައިލިހިނދު އޭނާއަށް އެހީވިބަޔަކީ އެއީއެވެ. އެކަން އަބަދުވެސް އޭނާގެ ހަނދާނުގައި ބަހައްޓައެވެ.
ހައިތަމްއާއި އާރިއާ ދިމާވީ އެކުވެރިންތަކަކާއެކު އެރަށަށް ހައިތަމްކުރި ދަތުރެއްގައެވެ. ފުރަތަމަ ފެނިލުމުންވެސް ހައިތަމްއަށް އާރިއާ ކަމުދިއުންވީ އެގުޅުމުގެ ފެށުމަށެވެ. މާލޭގެ މުއްސަނދި ބައެއްކަން އެނގުމުން ނިކަން ފަސޭހައިން އާރިއާގެ ބޮޑުދައިތަމެންވެސް އެގުޅުމަށް ގަބޫލުވިއެވެ. އާރިއާ ގޮވައިގެން ހައިތަމް މާލެއައީ އޭނާގެ މައިންބަފައިންނާއި ބައްދަލުކޮށްދީ ވީއެންމެ އަވަހަކަށް ކައިވެނިކުރުމުގެ ނިޔަތުގައެވެ. ހައިތަމްގެ މައިންބަފައިންނަކީ އެއްވެސް އިރެއްގައި ބޮޑާ ކިބުރުވެރިބައަކަށް ނުވާތީ އުފަލާއެކު ހުރިހަމައެކަނި ދަރިފުޅުގެ އަންބެއްގެ ގޮތުގައި އާރިއާ ބަލައިގަތެވެ. މަންމައާއި ބައްޕައެއްގެ ލޯބި އާރިއާއަށް އެންމެ ފުރަތަމަ ލިބި އިހުސާސުވީ ހައިތަމްގެ މައިންބަފައިންގެ ފަރާތުންނެވެ. އެކަންވީ އޭނާގެ ހިތުގައި އެމީހުނަށްޓަކައިވި ޤަދަރު އިތުރަށް އުފުލިގެންދިޔަ ކަމަކަށެވެ.
ހައިތަމްގެ މައިންބަފައިންގެ ވަކިވުމަށްފަހު މުޅިގެޔަށްވެރިވި ފަޅުކަމުގެ އިހުސާސު ހައިތަމްއާއި އާރިއާގެ ދިރިއުޅުމަށްވެސް ކުރިއެވެ. ދިރިއުޅުމުގެ ފަޅުކަން އެންމެ ފުރަތަމަ އިހުސާސުވެ އެވާހަކަ ދެއްކީ އާރިއާއެވެ. އެދެމަފިރިންގެ އުނގުތެރެ ފަޅުފިލުވައިދޭނެ ލޯބި ލޯބި ކުއްޖެއް ބޭނުންވާކަން އާރިއާ ހާމަކުރިއެވެ. އެއީ ހައިތަމްގެ ހިތުގެވެސް އެދުންކަމުގައިވުމުން ނިކަންފަސޭހައިން އެކަމަށް އެއްބަސްވިއެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންދާންފެށީ ދެހިތުގައިވި އުއްމީދު ފަނޑުކުރުވަމުންނެވެ. ބަލިވެއިނުމަށްޓަކައި އެތައް މަސައްކަތެއްކުރި ނަމަވެސް އެކަން ނާކާމިޔާބުވެދާންފެށީ އާރިއާގެ ކޮންމެސް މައްސަލައެއް ހުރުމުންކަމަށް ޑޮކްޓަރުން ބުނަމުންދިޔައެވެ. އެހެނަސް ކާއިނާތުގެ ވެރި ރަސްކަލާނގެއާއި މެދުގައި ހިތުގައިއޮތް ޔަގީންކަން ކިރިޔާވެސް ގެއްލިގެންދިޔަކަ އާރިއާ ނުދެއެވެ. ނަތީޖާއަކަށްވީ، އެގޮތުގައި ދެމެފިރިން ހޭދަކުރިތާ 10 އަހަރުފަހުން އާރިއާ ބަލިވެއިނުމެވެ. މުޅިއުމުރުގައިވެސް އާރިއާ އެހައި އުފާވެފައިހުއްޓައި ހައިތަމް ދުށް އެއީ ފުރަތަމަ ފަހަރެވެ. އެހެނަސް، ދެމަފިރިންގެ އުފާވެރިކަން ދެމިދިޔައީ ކުޑަ ދުވަސްކޮޅެއްވަންދެނެވެ. އުމުރު މައްޗަށްގޮސްފައިހުއްޓައި އެހައި ދުވަސްފަހުން އާރިއާ ބަލިވެއިނުންވީ އެކަމުގައި އެތައް ހުރަހަކާއި ދަތިތަކަކާއި އޭނާއަށް ކުރިމަތިލާން ޖެހުނުކަމަކަށެވެ. ކަށީނެތްހިތްވަރު ނެރިގެންވެސް އެންމެފަހުވަގުތާ ޖެހެންދެން އެތުއްތު ދަރިފުޅު ދުނިޔެއަށް އުފަންކުރުމަށް ކުރެވެންއޮތްހުރިހައިކަމެއް ކުރުމުގައި އޭނާ ދެމިހުއްޓެވެ. ހައިތަމްގެ ފަރާތުންލިބުނު ނިމުމެއްނެތް ލޯތްބާއި އޯގާތެރިކަން އެހިތުގެ ޝިފާއެއްކަމުގައި އޭނާއަށް ފުދުނެވެ.
ތުއްތު ތުއްތު އީކް ދުނިޔެއަށް އުފަންވި ދުވަސްވީ ހައިތަމްގެ ހަޔާތަށް ތޫފާނުގެ ދެވަނަ ކެރިގަނޑުގެ އަސަރުކުރިދުވަހަށެވެ. އީކް އުފަންވިކަމުގެ ޚަބަރު އޭނާއަށް ލިބުނީ އާރިއާގެ މަރުގެ ޚަބަރާއިއެކުއެވެ. ލިބުނު ހިތްދަތިކަން ބަރުދާސްތުކުރުން އޭނާއަށްވީ ވޭންހުރިކަމަކަށެވެ. ހީވެސްނުކޮށްހުއްޓައި އާރިއާގެ ވަކިވުން އެހިތުގެ ހަމަޖެހުން ނަގައިލިއެވެ. ދެއަތުގެ ހިމާޔަތުގެ ތެރެއަށް ދޫކޮށްލި ތުއްތު ތުއްތު ދަރިފުޅާއެކު ދިރިއުޅުން ވޭތިކުރާނެގޮތެއް ނުވިސްނި އެކަނިވެރިކަމުގެ ކަނޑުގައި މީހާ ޣަރަޤުވަމުންދިޔައީ ކިހައިދުވަހެއްވަންދެންކަން ޚުދު އޭނާއަށްވެސް ނޭނގެއެވެ. ދަރިފުޅަށްޓަކައި ހިތްވަރުކޮށް ދިރިއުޅުމާއިގެން ކުރިއަށްދިއުމަށް އޭނާއަށް ވިސްނައިދިނީ އެންމެ ޅަދުވަހުންސުރެ އޭނާއާއި އެކުގައިވި އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ނާއިފް ގާތުގައިނެތްނަމަ ހަދާނެގޮތްހުސްވެ އެހިތާމައިގައި އޭނާ ނިމިދިއައީސްކަން ކަށަވަރެވެ.
ތުއްތު ތުއްތު އީކް ބޮޑުވަމުންއައީ މިހުރިހައިކަމެއް ހައިތަމްގެ ފަރާތުން އެނގިހުރެއެވެ. ހަޔާތުގެ އެކި ހިސާބުން މަންމަ ނެތްކަމުގެ ފަޅުކަން އިހުސާސުވިނަމަވެސް، ދުވަހަކުވެސް އޭނާ އެކަމެއް ނުދައްކައެވެ. ހައިތަމް އޭނާ ބަލައިބޮޑުކުރީ ނުހަނު ލޯބިންނެވެ. ހެޔޮތަރުބިއްޔަތެއްގެ މަތީގައެވެ. އޭނާގެ ސަބަބުން އެބައްޕަގެ ހިތުޖެހޭނެފަދަ އެއްވެސްކަމެއް ވާކަށް އީކް ނޭދެއެވެ.
އީކްގެ އުމުރުން 17 އަހަރުގައި ހައިތަމް އެންމެފަހުން މާލޭގައި ހުޅުވި ހޮޓެލްއަށް "ހޮޓެލް އާރިއާ" ގެ ނަމުން ނަންދިނީ އޭނާގެ އަލަތު ލޯތްބާއި ގުޅުވައިފައެވެ. ދެމިގެންދާނެ ހަނދާނެއްގެ ގޮތުގައެވެ. އެއީ މިހައިތަނަށް އޭނާއަށް ހުޅުވުނު އެންމެ ބޮޑު އަދި އެންމެ ލަކްޒަރިއަސް ހޮޓެލްއެވެ. މީހުންގެ ތެރޭގައި ހޮޓެލް އާރިއާ މަޝްހޫރުވެ މަޤުބޫލުވެގެންދިޔައީ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ޚިޔާލުތަކުގެ ކަނޑުގައި ފީނަމުންދިޔަ ހައިތަމް ސިހުނީ ޑޮކްޓަރ ނުކުމެ އޭނާއަށް ގޮވައިލި އަޑަށެވެ. މޫނުމަތީގައި އަތްއުނގުޅައިލަމުން ޑޮކްޓަރުގެ ގާތަށްދިއުމަށް އޭނާ ހިނގައިގަތެވެ. މޫނުމަތިން ކޮންމެވެސް ވަރަކަށް ހާސްކަން ފައުޅުވާންހުރިއިރު، ލިބެންއުޅޭ ޚަބަރަކާއި މެދުގައި އޭނާއަށް އެކިގޮތްގޮތަށް ވިސްނެމުންދިޔައެވެ.
* * * * *
ބޯޑަށް އަޅުވައިފައިހުރި ޕްރެޒެންޓޭޝަނުން ތަންކޮޅެއް ފާހަގަކޮށްލަމުން ކްލާސްރޫމް ތެރޭގައިތިބި ކުދިންނާއި ދިމާއަށް އީވާން ބަލައިލިއެވެ. އެޔާއިވިދިގެން އޭނާކުރި ސުވާލަށް ޖަވާބުދިނުމަށް ކުދިންތައް އަވަސްވެލިގޮތްފެނި އެކުދިންގެ ޝައުޤުވެރިކަންހުރި މިންވަރު އީވާނަށް ވިސްނުނެވެ. ލުއި ހިނިތުންވުމެއް ތުންފަތަށްވެރިވުމާއެކު އެތަނުން ކުއްޖެއްގެނަމުން ގޮވައިލަމުން ޖަވާބާއިގެން ކުރިއަށްދިއުމުގެ ހުއްދަ އެކުއްޖަކަށް ދިނެވެ.
ކިޔަވައިދިނުމަށް ދެވިފައިހުރި ސަމާލުކަމެއްގެ ބޮޑުކަމުން ޖީބުގައިއޮތް ފޯނު ވައިބްރޭޓްވަމުންދިޔަކަންވެސް އޭނާއަށް އިހުސާސުނުވެއެވެ. ކުޑައިރުކޮޅަކަށްފަހު އަނެއްކާވެސް ފޯނު ވައިބްރޭޓްވާން ފެށުމާއެކު އީވާންގެ ސަމާލުކަން އެކަމަށް ހުއްޓޭގޮތްވެއެވެ. ނިތަށް ރޫއަރުވައިލަމުން ލައިގެންހުރި އަޅިކުލައިގެ އޮފީސް ފަޓުލޫނުގެ ޖީބަށް އަތްކޮށްޕައިލުމަށްފަހު ފޯނު ނަގައި ބަލައިލިއެވެ.
ދިއްލެމުންދިޔަ ސްކްރީނަށް އަރައިފައިވި ބައްޕަގެ ނަންފެނި އަތުން ކްލާހުގައިތިބި ކުދިންނަށް އިޝާރާތްކޮށްލަމުން އެއްފަރާތަކަށްޖެހި ކޯލަށް ޖަވާބުދިނެވެ. އެއާއެކު އެކޮޅުން އިވުނު ޚަބަރަކުން އީވާންގެ ދެލޯބޮޑުވެ މީހާ ގަނޑުވާގޮތްވިއެވެ. ބުނާނެ އެއްޗެއް ނުވިސްނިފައި އޭނާއަށް އިރުކޮޅަކު ހުރެވުނީ އިވުނު ވާހަކަތައް ގަބޫލުކުރަން ދަތިވީވަރުންނެވެ.
"އީކް" މަޑު އާހަކާއެކު އީވާންގެ ދުލުން އެނަން ބޭރުވީ އަމިއްލަ އިޚްތިޔާރުން ބޭރުއެވެ.
(ނުނިމޭ)
4 Responses
2 ވަނަ ބައި ކިހާ އަވަހަކަށް އަންނާނެބާ؟
ކޮންމެ އާދިއްތަ،އަންގާރަ އަދިބުރާސްފަތި ދުވަހަކު ވާހަކައިގެ އެޕިސޯޑުތައް ނިކުންނާނެ.ޝުކުރިއްޔާ!
މިހުރީ ދެވަނަ ބައިގެ އިންތިޒާރުގައި
ވަރަށް ސަޅި