ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ދިވެހި ފިރިހެނެކެވެ. އެމީހާގެ އުމުރަކީ 54 އަހަރެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، އެމީހާ ނިޔާވީ ރޭ މެންދަމު 02:40 ގައި ކަމަށެވެ.
މިއީ މި ބަލީގައި ރާއްޖެއިން މަރުވި 232 ވަނަ މީހާއެވެ.
ރާއްޖޭގައި ކޮވިޑްގެ އާއްމު ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، އަތޮޅުތެރެއިން ޕޮޒިޓިވްވާ އަދަދު ކޮންމެ ދުވަހަކު އުޅެނީ އާއްމުގޮތެއްގައި 50ން މަތީގައެވެ. އަދި މާލެ އާއި އަޅާ ބަލާއިރު، ކޮންމެ ދުވަހަކު ރާއްޖެއިން ޕޮޒިޓިވާ އަދަދު ގިނައީ އަތޮޅު ތެރެއިންނެވެ.
ނަމަވެސް ކޮވިޑް-19 ގެ ދެވަނަ ޑޯޒުގެ ވެކްސިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބައެއް ފުރިހަމަކުރަމުން އަންނައިރު، ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ.




