އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު މުޢުތަޞިމް ޢަދްނާން--

އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ވަނީ މަސްތުގެ މީހެއް

އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު މުޢުތަޞިމް ޢަދްނާން ދިރިއުޅުއްވާ ގެކޮޅަށް ވަން މީހަކީ މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލައާއި ގުޅިގެން  މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ،  ރާއްޖޭގައި މިހާރު ކަންތައްތައް އޮތް ގޮތުން މަސްތުވާތަކެތީގައި ޖެހިފައިތިބި މީހުންގެ ފަރާތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަމަށެވެ.

އެގޮތުން ރޭ މާލޭގެ ދެ މިސްކިތަކަށާއި ރައީސް އޮފީސް ކުރިމައްޗަށް މީހަކު ކުޑަކަމުދިޔަ މައްސަލައަށް އިޝާރާތްކޮށް މިނިސްޓަރު ވިދާޅުވީ، މިފަދަ މައްސަލަތަކާއި ގުޅިފައިވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންކަމަށާއި، އެކަމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗީފް ޖަސްޓިސްގެ ގެކޮޅަށް ވަނީ ވެސް އެފަދަ ފަރާތެއް. އެހެން ނަމަވެސް އެ މައްސަލަ ބަލަމުން އެބަދަ ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހްމަދު މުޢުތަޞިމް ޢަދްނާން ދިރިއުޅުއްވާ ގެކޮޅަށް ގެކޮޅުގެ ސެކިޔުރިޓީ ކެމެރާތައް ހަލާކުކޮށް ސެކިޔުރިޓީ ފޫއަޅުވާލާ އެގެއަށް ވަންނުމަށް މީހަކު މަސައްކަތްކޮށްފައިވެއެވެ.

އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވުމަށް ދައުލަތުން ވަކި ތަނެއް ހަމަޖައްސަން ސަރުކާރުން ނިންމައިފއިވަނީ، މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދުގެ ކާރުކޮޅު ގޮއްވަލާ އެމަނިކުފާނަށް ދިން ހަމަލާއާއި ގުޅިގެންނެވެ.

ރައީސްގެ އެންގެވުމާ އެއްގޮތަށް އުއްތަމަ ފަޑިޔާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނަކާއި އެ ބޭފުޅުންގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް އިންތިޒާމުތަކެއް ހަމަޖެއްސުމަށްޓަކައި ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު މިހާރު ވަނީ އިސްލާހުކޮށްފަ އެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ