ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު - ފޮޓޯ: ސަން

މެޖިސްޓްރޭޓް ރާޣިބު ޖިންސީ ފުރައްސާރަ ކުރި މައްސަލަތަކެއް ބަަލަނީ

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ރާޣިބު އަޙްމަދު އެކި ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ރާޣިބު އާ ގުޅިގެން ހުޝައަޅާފައިވާ ޝަކުވާތައް ބެލުމަށް ފަސް މެންބަރުންގެ ކޮމެޓީއަކަށް ފޮނުވުމަށް ނިންމާފައިވާކަމަށް ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވިއެވެ.

ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަހީން ވިދާޅުވީ، މުހައްމަދު ރާޣިބް އަހްމަދުއާއި ބެހޭގޮތުން މިއަދާއި ހަމައަށް އެ ކޮމިޝަނަށް އައިސްފައި ހުރި ޝަކުވާތަކާއި، އަދި މިވަގުތު ކޮމިޝަނުންވެސް ބައެއް ޝަކުވާތަކެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާޣިބުގެ މައްސަލަ ބައްލަވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގެ ނައިބް ރައީސް މަސްތޫރު ހުސްނީއާއި، ކޮމިޝަން މެންބަރު އަބްދުއް ރައޫފް އިބްރާހިމްއާއި، މުހައްމަދު އީސާ ފުޅު އަދި އިބްރާހިމް ރިއްފަތުގެ އިތުރުން ހިސާން ހުސައިންއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާޣިބުއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި ވަނީ އަންހެން މުވައްޒަފުންނާ މާ ބޮޑަށް ގައިގޯޅިވާ ކަމަށް ތުހުމަތުކޮށެވެ. އެގޮތުން، އޭނާ އަންހެން މުވައްޒަފުންގެ ގައިގައި އަތްލާ ހަދާ ކަމަށް އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ތުހުމަތުކޮށްފައިވެއެވެ.

ރާޣިބުގެ ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަންފެށިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދޫﷲ ދީދީ އާއި، ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލަތަކެއް ބެލުމަށްވެސް ޖޭއެސްސީއިން ވަނީ ނިންމައިފައެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ޖޭއެސްސީއިން ފަނޑިޔާރުންގެ މައްސަލަތަކުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރި ނަމަވެސް މިފަހަކަށް އައިސް ޖޭއެސްސީ ފެންނަނީ ވަރަށް ހަކަރާތްތެރި މުއައްސަސާއެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް