ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ދެކޮޅަށް ޖޭއެސްސީއަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލަތަކާ ގުޅިގެން އާންމުކޮށް ހުޅުވާލައިގެން ހިންގާ ތަހުގީގު ޓީވީން ލައިވް ބްރޯޑްކާސްޓްކުރާނެ ކަމަށް ޖޭއެސްސީން ވިދާޅުވެއްޖެއެވެ.
ފަނޑިޔާރު ޑީޑީގެ މައްޗަށް ހުށައެޅުނު ސުލޫކީ މައްސަލަ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްދެއްވަން އެދިވަޑައިގެންނެވީ އޭނާ އަމިއްލަފުޅަށެވެ. އޭނާ އެގޮތަށް އެދިވަޑައިގެންނެވުމާ ގުޅިގެން ޖޭއެސްސީން ވަނީ އެގޮތަށް ނިންމައި، އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި މާދަމާ އެ ތަހުގީގު ފަށަން ވަނީ ހަމަޖައްސައިފަ އެވެ. މިއީ ފަނޑިޔާރެއްގެ މައްޗަށް ހިންގާ ތަހުގީގެއް އާންމުކޮށް ހުޅުވާލައިގެން ގެންދާ ފުރަތަމަ ފަހަރެވެ.
ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ދަރުބާރުގޭގައި ޖާގަ އޮތް މިންވަރަކުން އާންމުންނަށާއި މީޑިއާ އަށް އެތަނަށް ވަދެވޭނެ ކަމަށާއި، އެ ތަހުގީގު ލައިވްކޮށް ޓީވީން ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި އަޑުއެހުމަށް ވަނުމަށް އެދޭ އާންމުންނަށް އެ ފުރުސަތު މާދަމާ ހެނދުނު 9 އިން ދަރުބާރުގެ އިން ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ލައިވް ކުރުމަށް މިހާތަނަށް އެދިފައި އޮތީ ޕީއެސްއެމުން. އޭގެ އިތުރުން އެހެން ފަރާތަކުން އެދުނު ކަމަށް ވިޔަސް އަޅުގަނޑުމެން އެ ފުރުސަތު ދޭނަން،" ޒަހީން ވިދާޅުވި އެވެ.
ޒަހީން ވިދާޅުވީ، ތަހުގީގު ކުރިއަށް ދާއިރު ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުންނާއި ސިފައިން ވެސް ހަރަކާތްތެރިވާނެ ކަމަށާއި، ތަހުގީގު ކުރިއަށް ދާ މާލަމުގައި ހިފަހައްޓަންޖެހޭ އުސޫލުތައް އާންމުން ވެސް ހިފަހައްޓަން ޖެހޭނެ ކަމަށާއި އެއާ ޚިލާފްވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ފަނޑިޔާރު ޢަބްދުﷲ ދީދީގެ އިތުރުން ބައެއް އެހެން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއްވެސް ޖޭއެސްސީއަށް ވަނީ ހުށަހެޅި ބަލަން ފަށާފައެވެ.



