ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ ފެމިލީ ކޯޓުގެެ އިސް ގާޒީ ހަސަން ސައީދުގެ މައްސަލައިގެ ތަހުގީގު ވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން އިސްގާޒީ ހަސަން ވަނީ މިދިޔަ ހަފުތާއިން ފެށިގެން ސަސްޕެންޑްކޮށްފައިވާއިރު، އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އިސް ގާޒީ ވަނީ ކުރިން އެދިވަޑައިގެންފައެވެ.
ހަސަން ސަޢީދުގެ ތަހުގީގު އާންމުކޮށް ހުޅުވާލަން އިސް ގާޒީ ހަސަން އެދިވަޑައިގެންފައިވާތީ އެގޮތަށް ކުރިއަށް ގެެންދަން ކޮމިޝަނުން މިއަދު ނިންމާފައިވާކަން އެ ކޮމިޝަނުން ހާމަކުރައްވާފައިވަނީ ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީންއެވެ.
އިސް ގާޒީ ހަސަންގެ މައްސަލަ ޖޭއެސްސީން ހުޅުވާލަން ނިންމިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު ވެސް އާންމުކޮށް ހުޅުވާލަން ޖޭއެސްސީން ކުރިން އޮތީ ނިންމައިފަ އެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ތަހްޤީޤު ލައިވްކޮށް ޓީވީން ދެއްކުމަށްވެސް ވަނީ ނިންމާފައެވެ.




