އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ސްރީލަންކާ މިއަދު ބައްދަލުކުރި މުހިއްމު މެޗުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ، އަލީ އަޝްފާގް ޖެހި ގޯލުން ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގެ އުއްމީދު ރާއްޖެއިން ބޮޑުކޮށްފިއެވެ.
މިއަދު ގަލޮޅު ދަނޑުގައި ކުޅުނު ރާއްޖެއަށް މުހިއްމު މި މެޗުގައި ރާއްޖެއިން ލަންކާ ބަލިކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.މި މޮޅާއެކު ތާވަލުގެ ދެވަނައަށް ރާއްޖެ ޖެހިލިއިރު، ރާއްޖެ ދެވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން ރާއްޖެ ބަލިވި ނަމަވެސް ރާއްޖެ މި ވަނީ ދެން ކުޅުނު ދެ މެޗުން ބަންގްލަދޭޝް އާއި ލަންކާ އަތުން މޮޅުވެފަ އެވެ.
ތާވަލުގެ އެއްވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ރާއްޖެއާ ޕޮއިންޓުން އެއްވަރުވެ، ފައިދާ ލަނޑު އެއްވަރުވި ނަމަވެސް، ޖެހި ލަނޑުން ކުރި ލިބޭތީއެވެ. ޕާލުން މިހާތަނަށް ހަތަރު ލަނޑު ޖަހާފައިވާއިރު، ރާއްޖެއަށް އަދި ޖެހުނީ ތިން ލަނޑެވެ.
ތިންވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދާފައިވާ ބަންގްލަދޭޝްއެވެ. އަދި ހަތަރުވަނައިގައި ދެ މެޗުން ދެ ޕޮއިންޓާއެކު އިންޑިއާ އޮތްއިރު، ލަންކާ އޮތީ އެންމެ ފުލުގައެވެ. އަދި މި މުބާރާތުން ލަންކާއަކަށް ކުރިއަށްދިއުމުގެ މާބޮޑު އުއްމީދެއް ދެން ނެތެވެ.
މިއަދުގެ މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ލަންކާގެ ޗަލަނަ ޗަމީރާ ބޮލުން ލަނޑެއް ޖެހި ނަމަވެސް، އެ ގޯލު އޮފްސައިޑް ކަމަށް ވަނީ ނިންމައިފައެވެ. އަދި އޭގެ މިނެޓެއްހާ ފަހުން އަޝްފާގު ޖެހި ގޯލާއެކު ރާއްޖެއިން ވަނީ ލީޑުނަގައިފައެވެ. އޭގެފަހުންވެސް ރާއްޖެއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އަދި މެޗުގެ ދެވަނަ ހާފުގެ ފަހުކޮޅު ލަންކާއިންވެސް ކުޅުން ރަނގަޅުކޮށް، ލަނޑު ކާމިޔާބުކުރާނެ ރަނގަޅު ފުރުސަތުތަކެއް ހޯދިއެވެ.




