މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމުން ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯ މާޓީވީން ފެންނާނެ އިންތިޒާމްތައް އެ ކުންފުނިން ހަމަޖައްސައިފިއެވެ.
ސްޓެލްކޯ މާޓީވި އަކީ މާލޭ އުސްފަސްގަނޑު ކުރިމަތީ ހުންނަ ބޮޑު ސްކްރީނެވެ. ސްޓެލްކޯއިން ބުނީ، ރާއްޖެ ޓީމުން ކުޅޭ ހުރިހާ މެޗެއް މާޓީވީން ފެންނާނެކަމަށެވެ.
ސްޓެލްކޯއިން މި އިންތިޒާމު ހަމަޖައްސައިފައި ވާއިރު، މިރޭ ބަންގްލަދޭޝްއާއި ދެކޮޅަށް ރާއްޖެއިން ބައްދަލުކުރާ މެޗަކީ ރާއްޖެއަށް ވަރަށް މުހިއްމު މެޗެކެވެ. މި މެޗުގެ ޓިކެޓް މިހާރު ވަނީ އެއްކޮހެން ހުސްވެފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޓީމަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން. މި މުބާރާތުގައި ރާއްޖެ ކުޅޭ ހުރިހާ މެޗެއް ސްޓެލްކޯ މާޓީވީން ފެންނާނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ. އިރާދަ ކުރެއްވިއްޔާ ތިން ވަނަ ފަހަރު މިއީ ކާމިޔާބުގެ ފަހަރަށް ވެގެންދާނެ.????????@HMughnee pic.twitter.com/IkC7vDfEZb
— STELCO (@STELCOMALDIVES) October 7, 2021
އުރީދޫ ސާފް ޗެމްޕިއަންޝިިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ނޭޕާލް އަތުން 1-0 އިން ބަލިވެފަ އެވެ. އެއާއެކު މިރޭ ބަންގްލަދޭޝް އަތުން މޮޅުވެގެން ނޫން ގޮތަކަށް މުބާރާތުގައި ރާއްޖެ އަށް ކުރިއަށް ދިއުމުގެ ފުރުސަތު ކުޑަވާނެއެވެ. އެއީ މި ފަހަރުގެ މުބާރާތުގެ ފޯމެޓް އޮތީ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެެއް ފައިނަލުގައި ކުޅޭ ގޮތަށެވެ.
ބަންގްލަދޭޝް އިން މި މުބާރާތުގައި ސްރީލަންކާ އާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި 1-0 އިން ވަނީ މޮޅުވެފައެވެ. އަދި އެއް ކުޅުންތެރިއަކު މަދުކޮށް އިންޑިއާއާ ބައްދަލުކުރި މެޗުގައި 1-1 އިން ބަންގްލަދޭޝް ވަނީ އެއްވަރުކޮށްފަ އެވެ.
ބަންގްލަދޭޝް އިން ރާއްޖެ އަތުން ސާފް ޗެމްޕިއަންޝިޕްގައި މޮޅުވީ 2003 ވަނަ އަހަރުގެ މުބާރާތުގައެވެ. އޭގެ ފަހުން 2011 އާއި 2015 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެ ވަނީ ބަންގްލަދޭޝް ބަލިކޮށްފައެވެ.




