އެމްޑީޕީގެ ކޮމާންޑަރުގެ ގޮތުގައި އާއްމުންގެ ތެރޭގައި މަޝްހޫރު އާދަމް މޫސާ (އާދަމްބެ) މިއަދު ނިޔާވުމާއި ގުޅިގެން އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު އާދަމްބެގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރޭ ފަތިހު 4:30 ހާއިރު އިންޑިއާގެ ޓްރިވެންޑްރަމްގެ ޖީޖީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ، ގިނަ ދުވަސްތަކަކު ބަލިވެ އުޅުމަށް ފަހުއެވެ. އޭނާއަށް މިދިޔަ ޖަނަވަރީ މަހުވެސް އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފައިވެއެވެ.
ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާދަމްބެ ނިޔާވި ޚަބަރު އެއްސެވީ ހިތާމައާއެކު ކަމަށާއި، އާއިލާއަށް ކެތްތެރިކަން ދެއްވުން އެދޭ ކަމަށެވެ.
"އެމްޑީޕީ އުފެދުނީންސުރެ އިސްލާހަށް ކުރަމުން އައި ހުރިހާ މަސައްކަތެއްގައ އެކި ގޮތްގޮތުން އެކި ދުވަސްވަރު އެހީތެރިވެދެއްވި އެމްޑީޕީގެ ކޮމާންޑަރ އާދަމް މޫސާ، މ.އިރާކުމާގެ، ނިޔާވި ޚަބަރު އެހީ ނުހަނު ހިތާމައާއެކު. މާތް ﷲ މަރްޚޫމްއަށް ސުވަރުގެ މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި." ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
MDP ufedhuneesure islaahah kuramun ai huriha masakkathehgai eki goiy gothun eki dhuvasvaru eheetherive dhevvi MDP ge Commander, Adam Moosa, M. Iraakumaage, niyaavi khabar ehee nuhanu hithaamaieku. Maaiy Allah marhoom ah ah suvaruge minvaru kuravva,aailaa ah kehtherikan dhevvashi.
— Mohamed Nasheed (@MohamedNasheed) June 19, 2019
އާދަމް މޫސާ އާންމުގޮތެއްގައި އެމްޑީޕީގެ މުޒާހަރާތަކުން ފެނިފައިވަނީ ޖެހިލުންކުޑަ، ކެރޭ ފަރާތެއްގެ ގޮތުގައެވެ. އާދަމްއަށް އެމްޑީޕީގެ ކޮމާންޑަރުގެ ލަގަބު އެރުވުނީ، ފުލުހުން އަދި ސިފައިންނަށް ކޮމާންޑަރުން ތިބޭފަދައިން އޭނާއަކީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ކޮމާންޑްކުރަން ހުންނަ ފަރާތަކަށް ވާތީއެވެ.
ކޮމާންޑަރ އާދަމްބޭގެ މަރުހެ ޚަބަރާއެކު އެމްޑީޕީގެ އިސް ފަރާތްތަކުންނާއި، މަޖިލިސް މެންބަރުން އަދި ގިނަ އަދަދެއްގެ އާއްމު މެންބަރުން ދަނީ ހިތާމަފާޅުކުރަމުންނެވެ.



