ރަން ދިހަފަހެއް ނޫޓު ސީރީޒްގެ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެގެން އަލުން ޗާޕުކޮށްގެން ގެނެސްފިއެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކޮށްގެން ބުދަ ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ، 20 ރުފިޔާ ނޫޓުގެ މި ޝިޕްމެންޓް ރާއްޖެ ގެނެސް ދައުލަތުގެ ހަޒާނާގައި ރައްކާކުރެވިފައިވާ ކަމަށެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް 2016 ވަނަ އަހަރުގެ ޖެނުއަރީގައި ރަންދިހަ ފަހެއްގެ ނަމުގައި ބޭނުން ކުރަން ފެށި އާ ނޫޓުތައް ހަދާފައި ވަނީ ޕޮލިމާ ކަރުދާހުގައި އާ ޑިޒައިނަކަށެވެ. ރަން ދިހަ ފަހެއްގެ ނޫޓު ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000ރ. ގެ ނޫޓުތަކެވެ.
ރުފިޔާ ނޫޓުތަކުގެ ޝިޕްމެންޓް މަދުވުމުން އެމްއެމްއޭއިން މީގެ ކުރިންވެސް މިގޮތަށް ނޫޓު ޗާޕްކޮށްފައިވެއެވެ.



