ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް ތަޙްޤީޤު މާލަމަށް ވަޑައިގެންފިއެވެ.
ޑރ.މުޙައްމަދު ޖަމީލް އަޙްމަދުގެ އިތުރުން ފަނޑިޔާރު ދީދީގެ ވަކީލުންގެ ތެރޭގައި ލޯޔަރު އާދަމް އާސިފް އާއި މުޙައްމަދު ސަލީމް (ރޭނިޝް ޝަލީމް)، އަދި އާދަމް ޝަމީމްވެސް ހިމެނިވަޑައިގަންނަވައެވެ.
މި ތަޙްޤީޤުގައި ޖޭއެސްސީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މެންބަރު މަސްތޫރު ހުސްނީއާއި، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅުއްވާފައިވާ މެންބަރު ހިސާން ހުސައިން އާއި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތް އަދި ފަނޑިޔާރު މުޙައްމަދު އިސާފުޅުގެ އިތުރުން ޑރ.ޢަލީ ޝަމީމްއެވެ.
މިހާރު ބަލަމުންދަނީ ފަނޑިޔާރު ދީދީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭކަމަށް ފުލުހުން ޖޭއެސްސީއަށް އަންގާފައިވާތީ، އެކަމާއި ގުޅިގެން ޖޭއެސްސީގެ އަމިއްލަ އިސްނެގުމަށް ބަލަމުންދާ މައްސަލައެކެވެ.
ފުލުހުން ޑީޑީގެ މައްޗަށް ތުހުމަތު ކުރައްވަނީ އެމްއެމްޕީއާރުސީގެ ފައިސާ ނަންގަވާފައިވާ ކަމަށާއި، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު ފައިދާ ނަންގަވާފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިއަށްދާއިރު، ޓީވީތަކުން ދަނީ ތަޙްޤީޤު ލައިވްކޮށް ދައްކަމުންނެވެ.




