ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރުގެ ޖެނުވަރީ މަހުން ފެށިގެން މިނިމަމްވޭޖް ކަނޑައަޅާނަން: ރައީސް

އަންނަ އަހަރުގެ ޖެނުވަރީ މަހުން ފެށިގެން މިނިމަމް ވޭޖް ކަނޑައެޅިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ،  އއ. ހިމަންދޫއަށް ވަޑައިގެން އެ ރަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީން މިހާރު އެ މަސައްކަތް ކުރައްވަމުންދާ ކަމަށާއި، އެ މިނިސްޓްރީން ހުރިހާ ފަރާތްތަކާއި މަޝްވަރާކޮށް އޭގެ އެންމެ ފައިނަލް ނިންމުން ނިންމަމުންދާކަމަށެވެ.

"މި ނިންމުމާ އެކީގައި މިހާރު ހުށަހެޅިފައި އޮތް ހުށަހެޅުމުގައިވާ ގޮތުގެ މަތީން ސަރުކާރާ ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގާތްގަނޑަކަށް 15،000ހަށްވުރެ ގިނަ މީހުންނަށް މުސާރައިގެ ކުރިއެރުން ބޮޑުތަނުން ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 13000 މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2022 ވަނަ އަހަރުގެ ޖެނުއަރީ މަސް ފެށިގެން ދާނީ މިނިމަމް ވޭޖް ކަނޑައެޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ވިދާޅުވީ، މިނިމަމް ވޭޖާއެކު ސިވިލްސާވިސްގެ މުވައްޒިފުންނަށް މުސާރައިގެ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި އެކަމަށްޓަކައި ދައުލަތުން ކުރަން ޖެހޭ ހޭދަ އިތުރު ވެގެންދާނެތީ އަންނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނުއްވާނެ ކަމަށެވެ.

"އަންދާޒާ ކުރެވިފައި އޮތްގޮތުން މި އަންނަ އަހަރުގެ ތެރޭގައި ބަޖެޓްގައި 600 މިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދު ކުރަން ޖެހޭ މިނިމަމް ވޭޖް ކަނޑައެޅުމާއެކީގައި. އެކަން އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުގެ ބަޖެޓްގައިވާނީ ހިމަނާފައި،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާގެ މުވައްޒިފުންނާއި ޑޮކްޓަރުންގެ މުސާރަވެސް ބޮޑު ކުރައްވަން ނިންމާފައިވާކަން ރައީސް ސޯލިހް ވަނީ ހާމަކުރައްވާފައެވެ.

 

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ