ފަނޑިޔާރު ޢަބްދުﷲ ދީދީ - ފޮޓޯ: ސަން

ދީދީގެ ތަހުގީގު: ފުލުހުން ބަލަނީ ހިޔާނާތުގެ ފައިސާ ލިބުނު މައްސަލަ

ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަމިއްލަ އިސްނެގުމަށް ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީގެ މައްޗަށް ފުލުހުން ތުހުމަތުކޮށް ތަޙްޤީޤު ކުރަމުންދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ފަނޑިޔާރަށް ލިބިވަޑައިގެންފައިވާ މައްސަލަކަމަށް ޖޭއެސްސީ އިން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި އާއްމުންނަށް ހުޅުވާލައްވައިގެން ޓީވީތަކުން ބްރޮޑްކާސްޓް ކުރަމުންދާ ޖޭއެސްސީގެ ތަޙްޤީޤުގައި، ފަނޑިޔާރަށް ފުލުހުން ތުހުމަތުކުރާ މައްސަލަ ވަނީ ތަފްސީލުކޮށް ހާމަކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2019 ޖޫން 12 ވަނަ ދުވަހު ޖޭއެސްސީއަށް ފޮނުވާފައިވާ 170-PHQ/195/2019/7 ނަންބަރު ސިއްރު ސިޓީ ވަނީ އާއްމުކޮށްފައެވެ.

ޖޭއެސްސީއިން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވައިގެން ޢަބްދުﷲ ދީދީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނަންގަވާފައިވާ ކަމަށާއި، މަޤާމުގެ ނުފޫޒުގެ ބޭނުން ކުރައްވައިގެން މަންފާ ހޯއްދަވާފައިވާ ކަމަށެވެ.

ފުލުހުންގެ ސިޓީގައި ފާހަގަކުރައްވާފައިވ ކަންކަމުގެ ތެރޭގައި 2014 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނަންގަވާފައިވާ ކަމަށާއި، އެ މައްސަލައިގެ ތަޙްޤީޤަށް މަޢޫލޫމާތު ދެއްވި ފަރާތްތަކުގެ ފޯނުތަކުން އެކަމާ ގުޅޭ މެސެޖުތައް ފެނިފައިވާ ކަމަށެވެ.

އަދި އެމްއެމްޕީއާރުސީސީގެ ފައިސާގެ ހިޔާނާތާ ގުޅުންހުރި ފަރާތްތަކާއެކު އެކިފަހަރުމަތިން ބައްދަލުކުރައްވާފައިވާ ކަމަށާއި، ބައެއް ފަރާތްތައް ބަންދު ދޫކުރުމުގައި ޢަބްދުﷲ ދީދީގެ ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

މީގެ އިތުރުން ބައެއް ވަޒީފާތައް ހަމަޖެއްސުމުގައިވެސް ޢަބްދުﷲ ދީދީ ނުފޫޒުގެ ބޭނުންކުރައްވާފައިވާކަމަށް ފުލުހުން ތުހުމަތު ކުރާކަން ޖޭއެސްސީއަށް ފުލުހުން ފޮނުވާފައިވާ ސިޓީއިން ހާމަވެއެވެ.

ނަމަވެސް ފުލުހުންނާއި، ޖޭއެސްސީގެ ތުހުމަތުތަކަށް ފަނޑިޔާރު ޢަބްދުﷲ ދީދީ ވަނީ އިންކާރު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް