ވާލޯބި ދެންނޭނގޭހޭ--

ވާލޯބި ދެންނޭނގޭހޭ (11)

ދިހަވަނަ އަދަދާއި ގުޅޭ

"މީ އީކްއަށް އަހަރެން ގެނާ ހަދިޔާއެއް.. ހީކުރަން ކަމުދާނެކަމަށް.. އަދި އަހަރެންގެ އެދުމާއި މެދު ވިސްނާނެކަމަށް.. މިރޭ 8 ޖަހާއިރު އަހަރެން ތައްޔާރުވެގެން އީކްގެ އިންތިޒާރުގަ ގަރާޖު ކައިރީ ހުންނާނަން.. ހޮޕް.. ޔޫ ވިލް ކަމް.." އީވާންގެ ވާހަކަތަކާއެކު އީކްއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. މަޑު ތުރުތުރެއް އުފެދިފައިވި އަތް ކުރިއަށް ޖައްސައިލަމުން އެޕާރުސަލްގައި އީކް ހިފިއިރު އެދެލޮލުން ފައުޅުވަމުންދިޔައީ ނުތަނަވަސްކަމެވެ. ހަދާނެގޮތަކާއި މެދުގައި އޭނާ ވިސްނައިލި ކަހަލައެވެ.

އިރުކޮޅަކު އީކްގެ މޫނަށް ބަލަން ހުރުމަށްފަހު އިތުރު އެއްޗެއް ބުނުމެއްނެތި އީވާން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ޖެހިބުދެއްހެން ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައި އީކް ހުރީ އަތުގައިއޮތް ޕާރުސަލްއަށް ނަޒަރު ހުއްޓައިލައިގެންނެވެ. ފަހަތުން އީވާން ކޮޓަރީގެ ދޮރުލައްޕައިލި އަޑަށް އަވަސް އަވަހަށް އެސްފިޔަ ޖަހައިލަމުން އެނބުރި ބަލައިލިއެވެ. އީވާން ދިޔައީކަން ޔަގީންވުމާއެކު ހަމަޖެހުމުގެ ނޭވާއެއް އީކްއަށް ދޫކޮށްލެވުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި ސިކުނޑި ހާސްކުރުވީ އީވާންގެ ވާހަކަތައް ހަނދާންވުމުންނެވެ. ހަދާނެ ގޮތަކާއި މެދުގައި ފުންކޮށް ވިސްނުން ހިންގަމުން އީކް އައިސް އެނދުގައި އިނށީދެ އަތުގައި އޮތް ޕާރުސަލް އެނދުމަތީގައި ބާއްވައިލިއެވެ. ހަމަހިމޭންކަމާއެކު އޭގެއަށް ބަލަހައްޓައިގެން އިނދެފައި ލަސްލަހުން އެގޭ ވަށައިގެން ލައިފައިވި ނޫކުލައިގެ ކަރުދާސްގަނޑު ނަށްޓަން ފެށިއެވެ.

އެތެރޭގައި އޮތީ ހުދުކުލައިގެ ބޮޑު ފޮށިގަނޑެކެވެ. ޝައުގުވެރިކަން އީކްގެ ކުޑަކުޑަ މޫނުކޮޅަށް ވެރިވުމާއެކު އެފޮށިގަނޑު ހުޅުވައިލަމުން އޭގެ އެތެރެ ބަލައިލިއެވެ. ފެނުނު އެއްޗަކުން އޭނާގެ ހައިރާންކަންވީ އިތުރެވެ. ތުރުތުރުއަޅަމުންދިޔަ އަތުން އޭގައި ރީތިކޮށް ފަތްޖަހައިލައިފައި އޮތް މަޑު ނޫކުލައިގެ ކުރުތާ ނަގައި ބަލައިލިއެވެ. އޭގެ ތިރީގައި ފަތްޖަހައިފައި އޮތް ހުދުކުލައިގެ ޖިންސު އީކްގެ ލޮލުގައި އަޅައިގަތީ ދެނެވެ. އަތުގައިއޮތް ކުރުތާ ނިއުޅައިލުމާއެކު އޭގެއަށް ފުން ނަޒަރަކުން އީކް ބަލައިލިއެވެ. ފެންނަ ފެނުމަށް އެކުރުތާ އަރާނީ އޭނާގެ ކަކުލާއި ހަމައަށްކަން އީކް ލަފާކޮށްލިއެވެ. ކުރުތާގެ މޭމައްޗާއި ދިމާލުން ހުދުކުލައިގެ ރީތި ޑިޒައިނެއް ހަދައިފައި ހުއްޓެވެ. ޖިންސު ހުދުކުލައިން ގުޅުވައިލައިފައި އޮތް ސަބަބު އޭނާއަށް ވިސްނުނެވެ. ފޮށިގަނޑުގެ އެއްއަރިމަތީގައި އޮތް ކުޑަ މަހުމާފޮށި ނަގައި އޭތި ހުޅުވައިލިއެވެ. ހުދުކުލައިގެ ކުޑަ އެހެއް ޖަހައިފައި އޮތް ކަންފަތުލާ އެއްޗެއްގެ އިތުރުން ހިމަ ރިހިފަށެއް އޭގައި އޮތެވެ. ގަހަނާއެއް ބޭނުންކުރާނަމަ އެއީ އަބަދުވެސް އީކްއަށް އެންމެ ކަމުދާ ވަށްތަރެވެ. މާގޮތްބޮޑު އެއްޗިއްސާއި އޭނާ އެއްގޮތަކަށްވެސް ގަޔާނުވެއެވެ. އީވާން އެހުރިހައިކަމެއް ހަނދާން ހުރުމުން އީކް އަށް ގަބޫލުކުރަން ދަތިވިއެވެ. ކުޑައިރު އެކުގައި އުޅުނުއިރު އީވާނާއި ހިއްސާކޮށްފައިވި ކަންކަން އަދިވެސް އޭނާގެ ހަނދާނުގައި ހުރެދާނެކަމަކަށް އީކް ހިއެއްނުކުރެއެވެ. އޭގައިވި ކޮންމެ އެއްޗަކީ އޭނާއަށް އެންމެ ކަމުދާ ގޮތަށް ފަރުމާކޮށްފައިހުރި އެއްޗިއްސެވެ. ވިސްނާނެ އެއްޗެއްވެސް ނޭނގިފައި އެތަކެއްޗަށް ބަލަން އޭނާއަށް އިނދެވުނީ ކިހައި އިރަކުކަމެއްވެސް ނޭނގެއެވެ. އަދިވެސް ގޮތެއް ނިންމަން ދަތިވެފައި އީކް އިންކަހަލައެވެ. ހިތާއި ސިކުނޑިއާއި ދެމެދު ކުރެވެމުންދިޔަ ހަނގުރާމައިގައި ބުރަވާނެ ކޮޅެއް ނޭނގުނެވެ.

އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އީވާން ގޭގެ ބޮޑު ދޮރާއި ދިމާލަށް ނަޒަރު ހިންގައިލިއެވެ. ގަޑިން 8 ޖަހައި ބޮޑުވީއެވެ. ގަރާޖުގެ ދޮރުކުރީމަތީގައި ހުއްޓިލައިގެން އޭނާ ހުރީ އީކް އަންނަކަން ޔަގީން ނުވަނީސް ކާރު ނުނެރޭށެވެ. ފާއިތުވެދާންފެށި ކޮންމެ ސިކުންތަކާއެކު އީވާނަށް މާޔޫސްކަން ވެރިވަމުންދިޔައެވެ. ބަރާބަރު ފަނަރަ މިނެޓް ފާއިތުވީއިރުވެސް އީކްގެ ހަބަރެއް ނުވުމުން ފުން ނޭވައެއް ދޫކޮށްލަމުން އީވާން އިސްއޮބައިލިއެވެ. އަދި ލައިގެންހުރި ކަޅުކުލައިގެ ޖިންސްގެ ދެޖީބަށް އަތްޖަހައިލަމުން ކުރިއަށް ހިނގައިގަތީ އެނބުރި ގެއަށް ވަނުމުގެ ގޮތުންނެވެ.

ނޭފަތުގައި ޖެހުނު ލުއި މީރުވަހާއިއެކު އިސްއުފުލައިލަމުން އީވާން ކުރިއަށް ބަލައިލިއެވެ. މަޑުމަޑުން ކުރިއަށް ހިނގައިފައި އައި އީކް ފެނުމުން މިލައިފައިވި އީވާންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. މާޔޫސްކަމުގެ ކުލަވަރު ފިލައި ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. "ވާއު.. ގޯރޖަސް.." އީވާން ހިތާހިތުން އީކްގެ ރީތިކަމަށް ތަޢުރީފުކޮށްލިއެވެ. އޭނާ ހަދިޔާގެ ގޮތުގައިދިން ކުރުތާ އާއި ޖިންސް ލިއެއްކަމަކު އެއްވެސް ގަހަނާއެއް އީކް ބޭނުމެއް ނުކުރެއެވެ. އެސާދާކަން އީވާނަށް ކަމުދިޔައެވެ. ދެއަތް ދެއަތާއި މޮޑެމުން އީކް އައިސް އީވާން ކުރިމަތީގައި ހުއްޓުނެވެ. އަދި ހިންދިރުވައިލަމުން އީވާންގެ މޫނަށް ބަލައިލުމަށްފަހު އެހައި އަވަހަށް އެމޫނުން ނަޒަރު ވަކިކޮށްލިއެވެ. އީކްއަށް ޝުކުރު އަދާކޮށްލަމުން އެތަނުގައި މަޑުކުރުމަށްބުނެ އީވާން އަވަސްވެގަތީ ގަރާޖުން ކާރު ނެރުމަށެވެ. ކާރުގައި އައިސް އީކްގެ ކުރިމައްޗަށް މަޑުކޮށްލަމުން ދޮރުހުޅުވައި ނުކުތުމަށްފަހު، އަވަސް ހިނގުމެއްގައި އައިސް ކުރީ ސީޓްގެ ދޮރުފަތް އީކް އެރުމަށްޓަކައި ހުޅުވައިލިއެވެ. އީވާނަށް ބެލުމެއްނެތި އީކް ކުރީ ސީޓަށް އަރައި ހަމަޖެހިލިއެވެ. ދޮރުފަތް ލައްޕައިލަމުން ޑްރައިވަރ ސީޓާއި ވީދިމާލަށް ހިނގައިގަތް އީވާންގެ މޫނުމަތީގައިވީ ފަތަހައިގެ ހިނިތުންވުމެކެވެ. އުއްމީދުގެ ކަނި ފަނޑުވެފައި ވަނިކޮށް އީކް އައުންވީ އެހިތަށް ބަޔާންކުރަން ދަތި އުފައުވެރިކަމެއް ގެނުވި ކަމަކަށެވެ.

މަޑު ދުވެއްޔެއްގައި ކާރު ކުރިއަށް ދިޔައިރު ބިއްލޫގަނޑުގައި ބޯޖައްސައިލައިގެން އީކް އިނީ ބޭރުން ފެންނަމުންދިޔަ މަންޒަރުތަކަށް ގެއްލިހުސްވެފައެވެ. ޚިޔާލުތަކުގައިވީ މާކިންގެ ސޫރައެވެ. އެތައް އިރަކު އެކި ގޮތަށް ވިސްނުމަށްފަހު އީވާންގެ ވާހަކަތަކާމެދު އީކްއަށްވެސް އެއްބަސް ވެވުނީއެވެ. ކޮޓަރީގައި އެކަނިއޮވެ ވިސްނައި ވިސްނައި އޭނާ މޮޔަވާން ގާތްވެއްޖެއެވެ. ކުޑަ ވަގުތުކޮޅަކަށްވިއަސް އެހަތަރު ފާރު ތެރެއިން ނުކުމެ ސިކުނޑި ހަމަޖައްސާލަން އޭނާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އީވާންގެ އެދުން ގަބޫލުކުރީ އެހެންވެއެވެ. މީހުންގެ ތެރޭގައި އުޅެން ދަތިވިއަސް، ދިރިއުޅުމާއި ކުރިމަތިލާންވެސް އޭނާ ބޭނުންވެއެވެ. އެހިތްވަރު ހަށީގައި ނެތްނަމަވެހެވެ.

މަޑުމަޑުން އިން އީކްއަށް ދޭތެރަކުން އީވާން ބަލައިލައެވެ. ވާހަކަދައްކަން ހިތްއެދުނަސް ދައްކާނެ ވާހަކައެއް އެވަގުތު އޭނާއަކަށްވެސް ނުވިސްނުނެވެ. އީކްއަށް ބަލައިލުން ފިޔަވައި އިތުރުކަމެއް ކުރުމަށް އޭނާ ނުކުޅެދިފައިވީ ފަދައެވެ.

ކާރުގެ ދުވެލި މަޑުޖެހިލުމުން އީކްގެ ޚިޔާލުތައްވެސް ވިއްސިވިހާލިވެގެން ދިޔައެވެ. ވަށައިގެން ނަޒަރު ހިންގައިލިއިރު، ކާރު އޮތީ ރެސްޓޯރެންޓެއްގެ ކުރިމަތީގައި ޕާރކް ކޮށްލައިފައެވެ. އެވަގުތު އީވާން ގޮވައިލިއަޑުއިވި ކާރުން ފައިބާން ވީކަން އީކް ދެނެގަތެވެ. އީވާން އައުމުގެކުރިން ދޮރުހުޅުވައިލަމުން އޭނާ ފޭބިއެވެ. އަދި އެކިދިމަދިމާލަށް ބަލަމުންގޮސް އީވާންގެ ފަހަތުން ރެސްޓޯރެންޓް ތެރަށް ވަދުނެވެ.

ރެސްޓޯރެންޓްގެ ހާމައަށް އޮތްބައިން މޭޒެއް ދޮށުގައި ދެމީހުން އިނށީދެ ހަމަޖެހިލުމާއެކު ވެއިޓަރަކު އައިސް ހުއްޓިލިއެވެ. ދެވަނަ ވިސްނުމަކަށްވެސް ނުގޮސް އީވާން ދެމީހުނަށް އޯޑަރު ދިނެވެ. އީކްއަށް އެންމެ މީރު ކެއުން އީވާން އޯޑަރ ކުރުމުން ހައިރާންވެފައި އޭނާއަށް އީވާނަށް ބަލައިލެވުނެވެ. އެދެލޮލުގައިވި ސުވާލުގެ ނަޒަރު އީވާނަށް ވިސްނި ލުއިގޮތަކަށް ހިނިތުންވެލިއެވެ.

"އަހަރެން ހަނދާން އެބަހުއްޓޭ.. މިކޮޅަށް އައިސް އީކް އެންމެ ގިނައިން އަބަދުވެސް ކަނީ ކޯއްޗެއްކަން.. ޓްރަސްޓް މީ.. އެހެން ހުރިހައި ތަނަކަށްވުރެ މިތަނުގެ ރަހަގަނޑު މީރުވާނެ.. އައި އެމް ޝުއަރ ޔޫ ވިލް ލަވް އިޓް ހިއަރ.." ދުރުބަލައިލި އީކްގެ މޫނުން އެއްވެސް އަސަރެއް ފައުޅެއްނުވިއެވެ. މޫނުމައްޗަށް ވެރިވެފައިވި ހައިރާންކަންވެސް ހިނދުކޮޅެއްގެ ތެރޭގައި އޭނާ ފަރުދާކޮށްލިއެވެ.

ކާތަކެތި ގެނައުމާ ދޭތެރޭ ދެން ހޭދަވީ ހަމަހިމޭންކަމެވެ. އިސްވެ ވާހަކައެއް ފެށުމަށް އީވާން މަސައްކަތްކުރިއަސް އީކްގެ ފުށުން އެއްވެސް ޝައުގުވެރިކަމެއް ނުފެނުމުން އިތުރަށް އެއްޗެއް ބުނާކަށް އޭނާއަކަށްވެސް ނުކެރުނެވެ. ހިތާހިތުން އީކްގެ ރީތި ސޫރައަށް ތަޢުރީފުކުރުމުގައި އީވާން ވެސް އިނީއެވެ.

މޭޒުމަތީގައި ކާތަކެތި އަތުރައިލުމާއެކު ދުވި މީރުވަހުން އީވާން ދެލޯމަރައިލިއެވެ. އެތަކެއްޗަށް ބަލަހައްޓައިގެން އީކް އިނީ ކެއުމާއި މެދުގައި ސުވާލުއުފެދިފައެވެ. އީކްގެ އެއަމަލު އީވާންގެ ސިކުނޑި ދެނެގަތެވެ. އަނގައަށް ކާއެތިކޮޅެއް ލުމާއެކު ހިތްހަމަޖެހުމުގެ އަޑެއް ލައްވައިލަމުން އީވާން މޫނަށް ވައްތަރެއް ޖައްސައިލިއެވެ. އޭނާއަށް ބަލަހައްޓައިގެން އިން އީކްއަށް އިތުރަށް ކެތްނުވީކަހަލައެވެ. ދެޚިޔާލެއްގައި އިނދެފައި ސަމްސާ ނަގައި ތަށިން އެތިކޮޅެއް ރަހަބަލައިލިއެވެ. ބޭއިޚުތިޔާރުގައި އީކްގެ ދެލޯ މެރިގެންދިޔައީ އަރުގައިލީ މީރު ރަހައިގެ ސަބަބުންނެވެ. ގަޔާވެފައި އޭނާއަށް ކާންފެށުނީ ކުއްލިއަކަށެވެ. ކުޑަކުޑަކޮށް ދެތުންފަތް ދެމިލިއިރު އެތަކެއްޗާއި މެދުގައި އޭނާ ގަޔައިވެފައި އިންވަރު ހާމަވެއެވެ. މާކިން ނިޔާވުމަށްފަހު ހިތްހަމަޖެހިގެން އީކްގެ އަރުން ފުރަތަމަ ފަހަރަށް އެއްޗެއް އެތެރެވާގޮތްވީ އަދި ކިރިޔާއެވެ. އަމިއްލަ ނަފުސަށް މަޖުބޫރުކަމެއްނެތި ކެއުމާއިގެން ކުރިއަށްދެވޭގޮތް ވުމުން ކުޑަވިއަސް ހަމަޖެހުމެއް އެމޫނުމައްޗަށް ވެރިވިއެވެ.

"ލައިކް އިޓް؟" އީކްގެ ކޮންމެ އަމަލަކަށް ޝައުގުންފުރިފައި ބަލަންއިން އީވާން އަހައިލީ ހިތްހަމަޖެހިފައި އިނދެއެވެ. ލަސްލަހުން ބޯޖަހައިލަމުން އީކް ކެއުން ކުރިއަށް ގެންދިޔައެވެ. އެއީ ރަނގަޅު ފާލެއްކަމަށް އީވާން ދެކުނެވެ. އަމިއްލައަށްވެސް އެހިތާމަތަކުން އަރައިގަންނަން އީކް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވުނެވެ. އެހެނަސް ފުރިހަމައަށް އެކަމުން އަރައިގަންނަން އޭނާއަށް  ނަފުސާނީ ޑޮކްޓަރެއްގެ އެހީ ބޭނުންވާނެކަން ވިސްނި މާދަމައި އެކަމާއިގެން އުޅެން އީވާން އަމިއްލަ ނަފުސަށް ވައުދުވިއެވެ.

ކެއުން ނިންމައިލައިފައި ރެސްޓޯރެންޓުން ނުކުތްއިރު، އިހު މިލައިފައިހުރި އީކްގެ މޫނުމަތިން ހިސާބެއްގެ ހަމަޖެހުމެއް ފައުޅުވާން ހުއްޓެވެ. ކާރުގައި ދެން އޭނާ މިސްރާބުޖެހީ ހަގީގަތުގައި އޭނާ އީކް ގޮވައިގެން ދާން ބޭނުންވެފައިއިން މަންޒިލަށެވެ. ރެސްޓޯރެންޓާއި ދުރުނޫން ހިސާބެއްގައިހުރި ނޭޗަރ ޕާރކެއް ކައިރިއަށް ކާރު މަޑުކޮށްލަމުން ފައިބާން ހިނގާށޭ އީވާން ބުނެލިއެވެ. އެއަޑުގައި އާދަޔާ ޚިލާފު ޖޯޝެއް ހުރިކަން އީކްއަށް ފާހަގަވިއެވެ. ސުވާލުގެ ނަޒަރަކުން އީވާނަށް އޭނާ ބަލައިލުމުންވެސް އިތުރަށް އެއްވެސް އެއްޗެއް ބުނުމަށް އީވާން އުޒުރުވެރިވިއެވެ.

ކާރުން ފޭބިގޮތަށް ޑިކީއިން ކުޑަ ޕިކްނިކް ބްލޭންކެޓެއް ނަގަމުން އީކް ގާތު އަންނާށޭބުނެ އެތަނަށް ވަންނަން މިސްރާބުޖެހިއެވެ. އީވާން ކުރަން އުޅޭ ކަމަކާއި މެދުގައި ސުވާލު އުފެދިފައިހުރެ މަޑުމަޑުން އީކްވެސް ހިނގައިގަތެވެ. ތަންތަންކޮޅުގައި ޖަހައިފައިހުރި މަޑު އޮރެންޖްކުލައިގެ ބޮކިދަނޑިތަކުން އެތަނަށް ވެރިވެފައި އޮތީ ހުވަފެނީ ކުލަވަރެކެވެ. ބަލައިފޫހިނުވާނެފަދަ އަސަރެކެވެ. ހިތާމައިން ގެނބެމުންދިޔަ ހިތަކަށްވެސް އެތަނުން ޝިފާއެއް ގެނުވައި ދޭނެކަން ގައިމެވެ. އެކި ދިމަދިމާލަށް ޝައުގުވެރިކަމާއެކު ބަލަމުން އީވާންގެ ފަހަތުންހުރެ ކުރިއަށް އީކް ދިޔައެވެ. އަމިއްލަ ފިކުރުތައްމަތިން އޭނާ ހަނދާންނެތިފައިވީ ކަހަލައެވެ. އެ ހުވަފެނީ އާލަމަށް ގެއްލިހުސްވެފައި ވީއިރު، ހިތުން އޮހެމެންދިޔައީ ތަޢުރީފުގެ ބަސްތަކެވެ.

ފަނޑުފަނޑު އަލިކަމެއް ވެރިވެފައިވި ހިސާބެއްގައި މަޑުކޮށްލަމުން އަތުގައިއޮތް ރަޖާގަނޑު ވިނަގަނޑުމަތީގައި އީވާން ފަތުރައިލިއެވެ. އެހިސާބުގައި ވަށައިގެން ހެދިފައިހުރީ އެކި ވައްތަރުގެ ބިޔަ ގަސްތަކެވެ. ކުރިމައްޗަށް ވާގޮތަށް ކުޑަ ފެންގަނޑެއްވެސް އޮތެވެ. ފެންގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ދިއުމަށްޓަކައި ކުޑަ ފާލަމެއް ހަދައިފައި ހުއްޓެވެ. ރަޖާގަނޑު މަތީގައި އިނށީންނަމުން ޖެހިގެންހުރި ހުސްތަންކޮޅުގައި އީވާން އަތުން ކުޑަކޮށް ޖަހައިލީ އެތަނުގައި އިނށީނުމަށް އީކްއަށް އިޝާރާތް ކޮށްލުމުގެ ގޮތުންނެވެ. ޖެހިލުންވެފައި ހުރިފަދަގޮތަކަށް އިސްޖަހައިލަމުން އެތަނުގައި އީކް އިނށީނެވެ. އުނގުމަތީގައި ދެއަތްތިލަ ބާއްވައިލަމުން ދެއަތް ދެއަތާއި މޮޑެން އޭނާ ފެށިއެވެ. އީކްއަށް ބަލަން އިން އީވާންގެ ދެލޮލުގައިވީ އާދަޔާ ޚިލާފު ވިދުވަރެކެވެ. ހައްގަކަށް ނުވިޔަސް އޭނާގެ ދެލޯކުރިމަތީގައި އީކް އިނުމުންވެސް އީވާނަށް ލިބެނީ އަޖައިބެއްފަދަ އުފަލެކެވެ. ހިނިއައިސްފައި އީކްއަށް ބަލައިލަމުން އުޑުމައްޗަށް އޭނާ ނަޒަރު ހުއްޓައިލިއެވެ.

"އުޑުމައްޗަށް ބަލާލަބަލަ.. މިރޭ ވަރަށް ބައިވަރު ޝޫޓިންގް ސްޓާރސް ފެންނާނެ ވާހަކަ އަހަރެން އަޑުއެހިން.. އީކް އަބަދުވެސް ބަލަން ބޭނުންވެއެއްނު.. މިރޭ އިރާދަކުރެއްވިއްޖާ އެ ނަސީބު ލިބޭނެ.. އީކްގެ އެހުވަފެން އިރާދަފުޅުން މިރޭ ފުރިހަމަވާނެ.." ދެފައިކުރުކޮށްލަމުން ކަކުލުގައި ދެއަތް އަޅުވައިލުމަށްފަހު އީވާން ބުންޏެވެ. ކުޑަކުއްޖަކުފަދައިން ހިތްއަވަސްވެފައި ކެތްތެރިކަން ކުޑަގޮތަކަށް އީކް އުޑާއި ދިމާލަށް ބަލައިލިއެވެ. އެގޮތުގައި އިރުކޮޅަކު އިންދައި އެލޮލުގައި ޝޫޓިންގް ސްޓަރއެއް އަޅައިގަތެވެ. ލިބުނު އުފައުވެރިކަން ބަޔާންކުރުން އީކްއަށްވީ ދަތިކަމަކަށެވެ. ކުޑައިރުއްސުރެ އަބަދުވެސް ދެކެން ބޭނުންވި މަންޒަރެއް ފުރިހަމަވާގޮތް މިވީ އަދި ކިރިޔާއެވެ. ފުޅާ ހިނިތުންވުމެއް ތުންފަތުގައި ކުޅެލީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ހިނިއައިސްފައި އީވާންގެ މޫނަށް ބަލައިލުމަށްފަހު އަނެއްކާވެސް އަނދިރިކަން ވެރިވެފައިވި އުޑުމައްޗަށް އީކް ނަޒަރު ހުއްޓައިލިއެވެ. ފުލުފުލުގައި ފެންނަންފެށި ޝޫޓިންގް ސްޓަރސް ތަކާއެކު އީކްގެ އުފައުވެރިކަން ދެގުނަވެގެން ދިޔައެވެ. ހައިރާންކަމާއި ޝައުގުވެރިކަން އެ މައުސޫމު މޫނުކޮޅުން ފެންނަން ހުއްޓެވެ. އެހުރިހައި އިރު ބަހެއްވެސް ބުނުމެއްނެތި އީވާން އިނީ އީކްގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރު ބަލާށެވެ. އެއިން ކޮންމެ ހިނދުކޮޅެއް އަމިއްލަ ހިތުގައި އޭނާ ރައްކާކުރަމުންދިޔައެވެ. އުޑުމަތިން ފައުޅުވަމުންދިޔަ ޤުދުރަތުގެ ފުރިހަމަކަމަށްވުރެ، އޭނާގެ ގާތުގައިއިން ޕަރީއެއްފަދަ އަންހެންކުއްޖާގެ ފުރިހަމަކަން އެދެލޯ ކުރިމަތީގައި އެތައް ތަނެއް އިތުރުވެފައިވިއެވެ. އެގޮތުގައި އެތައް އިރެއް ދެމީހުން ހޭދަކުރިއެވެ. ހިތަށް ލިބުނު ހަމަޖެހުން ގެއަށް ދިޔަ މަގުމަތީގައި އީކްގެ މޫނުން ސާފުކޮށް ފެންނަން ހުއްޓެވެ. ހިތާމަތަކުން ދުރުވެލައި ހިނިތުންވެލާނެ ފުރުސަތެއް ލިބުމުން އެމޫނުމައްޗަށް ކޮންމެސް ވަރެއްގެ ތާޒާކަމެއް ލިބިފައިވިއެވެ.

ގޭގެ ޕޯޓިކޯ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އީވާނަށް އީކް ބަލައިލީ ޝުކުރުވެރި ނަޒަރަކުންނެވެ. އަމިއްލަ ހިތާމަތަކުން ހިނދުކޮޅަކަށްވިއަސް އޭނާ ދުރުވުމަށް އީވާން އެހީވުމުން އެހިތުގައި އީވާނަށްޓަކައިވި ޤަދަރު އުފުލިފައިވިއެވެ. އަބަދީއްސުރެވެސް އީވާނަކީ އޯގާތެރި، އެހެން މީހުންގެ އިހުސާސުތައް ނުހަނު ފަސޭހައިން ދަންނަ މީހެއްކަން އީކްއަށް އެނގެއެވެ. އީވާންގެ އެސިފަ އޭނާއަށް ނުހަނު ކަމުދެއެވެ. އީކްއަށް ބަލައިލަމުން ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު ސީޓް ބެލްޓް ނައްޓަންއުޅުނު ވަގުތު ހަދައިލެވުނު ގޮތަކުން އީވާންގެ އަތްތިލަ ކާރުގައިހުރި، އޯޑިއޯ ސިސްޓަމުގައި ޖެހިފައި އޭތި އޮންވީ ކުއްލިއަކަށެވެ. ކާރު ތެރޭގައި ގުގުމައިގަތް ލަވަޔާއެކު އީކްއާއި އީވާނަށް އެކަކު އަނެކެއްގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ. ހަތަރުކަޅި ބައްދަލުވެގެން ދިޔަހިނދު އީވާނަށް ހީވީ ލަވައެއްގެ ސިފައިފައި އިވެމުންދިޔައީ ޚުދު އެހިތުގެ ހާލު ހެންނެވެ.

ނޭނގޭ ބުނާކަށް ހިތްއެދި މިވާވަރު

ވާލޯބި ދެން ނޭނގޭހޭ

ބޭނުން މިވާވަރު ދީވާނަވީމާ

ސީދާ ލޮލުން ނުފެނޭހޭ

ބޭނުން އެހާ، ހިތް އިންތިހާ

ބޭނުން އެހާ، ހިތް އިންތިހާ...

 

ހިތުގެ ބޭޤަރާރުކަން އެދެލޮލަށް ވެރިވެގަތީ އީވާންގެ ހުއްދައަކާ ނުލައެވެ. އިވެމުންދިޔަ ބައިތުތަކުން ނަފުސުގެ ކޮންޓްރޯލްގެއްލި ބެހިގެންދާފަދަ އިހުސާސެއް އީވާނަށް ކުރެވުނެވެ. މޫނުމައްޗަސް ހާސްކަން ވެރިވުމާއެކު އީކް އަވަސް އަވަހަށް އީވާންގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އެދެލޮލުން ފައުޅުވަމުންދިޔަ ޝުއޫރުތައް ދެނެގަތުމަށް އީކް ނުކުޅެދުނެވެ. ހިތުގެ ހިނގުން އަވަސްވެގެން އައިހެން ހީވެ އޭނާ ހިތްބިރުގަންނަ ގޮތްވިއެވެ. ޖެހިލުންވީވަރުން އީވާނަށްވެސް ބެލުމެއްނެތި ހަރަކާތް އަވަސްކޮށްލުމަށްފަހު ކާރުގެ ދޮރުހުޅުވައިލަމުން ނުކުމެ އީކް ދުއްވައިގަތެވެ. ހަމަބިމަށް އީވާނަށް އާދެވުނީ ދެނެވެ. ކުރެވުނު ކަންތައް އިހުސާސުވެ އޭނާގެ ނިތަށް ރޫއަރައިގެންދިޔައެވެ. އިވެމުންދިޔަ ލަވަ ނިއްވައިލައި، އަތުން ހުންގާނު ބުރުގައި ޖަހައިލަމުން ސީޓުގައި ލެގިލުމަށްފަހު އިސްތަށިގަނޑު ތެރޭގައި އަތްހިންގައިލިއެވެ.

"ޑޭމް އިޓް" ހިތްހަމަނުޖެހުމުގެ އަޑެއް ކަރުބުޑުން ލައްވައިލަމުން އީވާނަށް ބުނެލެވުނެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ