މަމްދޫހާ ޢަލީ - ފޮޓޯ: ފޭސްބުކް

އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯ އަކަށް މަމްދޫހާ އަލީ

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯ އަކަށް މަމްދޫހާ އަލީ އައްޔަން ކުރައްވައިފިއެވެ.

އޮސްޓްރޭލިއާގެ ޑީކިން ޔުނިވާސިޓީން އެމްބީއޭ ހާސިލް ކުރައްވައިފައިވާ މަމްދޫހާއަކީ، ޖެންޑާ މިނިސްޓްރީ ގައި 11 އަހަރު ވަންދެން މަސައްކަތް ކުރައްވައިފައިވާ، އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ޑިރެކްޓަރުގެ މަގާމުވެސް ފަސް އަހަރު ވަންދެން ފުރުއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ.

ރާއްޖޭގައި އަލަށް އުފެއްދި އާބިޓްރޭޝަން ސެންޓަރު ސީއީއޯ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މެއި މަހު އެވެ. އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު 35،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

އާބިޓްރޭޝަން ސެންޓަރުގެ ހުރިހާ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާ އެ ސެންޓަރުގެ ސީއީއޯގެ މަޤާމަށް ބޭފުޅުން އައްޔަންކޮށް، ވަކިކުރުމަކީ އާބިޓްރޭޝަން ސެންޓަރުގެ ބޯޑުގެ ލަފާގެ މަތިން އެ ބޯޑުގެ ޗެއާމަނުގެ ޒިންމާއެކެވެ.

އާބިޓްރޭޝަން ސެންޓަރުގެ ބޯޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިން ބޭފުޅަކު އައްޔަންކުރައްވާފައިވާއިރު، އެ ބޯޑުގެ ޗެއާމަނަކީ ވަކީލް ޝަހުދީ އަންވަރެވެ. އަދި ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ވަކީލް ހުސައިން ސިރާޖާއި ސަފާ ޝަރީފްއެވެ.

އާބިޓްރޭޝަން ސެންޓަރަކީ ރާއްޖޭގައި އާބިޓްރޭޝަން ކުރިއަރުވައި، އެކަމަށް މަގުފަހިކޮށް ދިނުމާއި އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅާ ސެންޓަރެވެ. ރާއްޖޭގައި އާބިޓްރޭޝަންގެ ގާނޫނު 2013 ގައި ތަސްދީގު ކުރިޔަސް ރާއްޖޭގައި އެ ނިޒާމް އަދި ރަނގަޅަށް ފަށައެއް ނުގަނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ