ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީއަށް ފުލުހުން ކުރާ ބޮޑެތި ތުހުމަތުތަކަށް ޖަވާބުދާރީވާން ފަސް ދުވަހުގެ ފުރުޞަތެއް ދެއްވުމަށްފަހު ޖޭއެސްސީގެ ތަޙްޤީޤުގެ ފުރަތަމަ އަޑުއެހުން ނިންމާލައިފިއެވެ.
ޖަވާބުދާރީވުމަށް ފަސް ދުވަހުގެ ފުރުޞަތެއް ފަނޑިޔާރަށް އަރުވާފައިވަނީ ކުރެވޭ ތުހުމަތުގެ ލިޔުންތައް ހަވާލުކޮށްފައިވަނީ މިއަދު ތަޙްޤީޤަށް ހާޒިރުވުމުން ކަމަށްބުނެ ފަނޑިޔާރުގެ ފަރާތުން އެ ފުރުޞަތަށް އެދިވަޑައިގަތުމުންނެވެ.
ޖޭއެސްސީ އިން މައްސަލައިގެ ބައެއް ލިޔުންތައް ކުރިން ހަވާލުކުރި ނަމަވސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރާ ތުހުމަތުގެ ސިޓީ ހަވާލުކޮށްފައިވަނީ މިއަދުގެ ތަޙްޤީޤު މާލަމަށް ވަޑައިގެންފައެވެ.
ޖޭއެސްސީން އާއްމުންނަށް ހުޅުވާލައިގެން އަދި ޓީވީތަކުން ލައިވްކޮށް ބްރޯޑްކާސްޓް ކުރަމުންދާ ތަޙްޤީޤުގައި ޖޭއެސްސީގެ ފަރާތުން ބައިވެރިވެވަޑައި ގަންނަވަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މެންބަރު މަސްތޫރު ހުސްނީއާއި، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކަނޑައަޅުއްވާފައިވާ މެންބަރު ހިސާން ހުސައިން އާއި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތް އަދި ފަނޑިޔާރު މުޙައްމަދު އިސާފުޅުގެ އިތުރުން ޑރ.ޢަލީ ޝަމީމްއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދޫ ދީދީގެ ވަކީލުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ، ޑރ.މުޙައްމަދު ޖަމީލް އަޙްމަދު، ލޯޔަރު އާދަމް އާސިފް އާއި މުޙައްމަދު ސަލީމް (ރޭނިޝް ޝަލީމް)، އަދި އާދަމް ޝަމީމްވެސް ހިމެނިވަޑައިގަންނަވައެވެ.
ރިޔާސަތު ބެލެހެއްޓެވި މަސްތޫރު ހުސްނީ ވިދާޅުވީ، ފަނޑިޔާރަށް ތުހުމަތުވާ ކަންކަމާއި ކުރި ސުވާލުތަކަށް ލިޔުމުން ޖަވާބު ދިނުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާ ކަމަށާއި، ޖޭއެސްސީއިން ފަނޑިޔާރާ މެދު އެކުލަވާލާ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ފަނޑިޔާރަށް 30 ދުވަސް ދެއްވާނެ ކަމަށެވެ.
ފަސް ދުވަސް ފަހުން އަލުން އަޑުއެހުމއް ބާއްވަން ޖޭއެސްސީގެ ތަޙްޤީޤު ކޮމިޓީއަށް ފެނިއްޖެ ހިނދެއްގައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށްވެސް މިއަދު ވަނީ އިއުލާން ކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ރާއްޖޭގެ ތާރީޚްގައި ހިނގާފައިވާ އެންމެ ބޮޑު އެއް ވަންކަން ކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނަންގަވާފައި ވުމާއި، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖާއިޒު މަންފާ ހޯއްދަވާފައިވާ ކަމުގެ ތުހުމަތެވެ.
ނަމަވެސް ފުލުހުން ކުރާ ތުހުމަތުތަކަށް ފަނޑިޔާރު ޢަބްދުﷲ ދީދީ ވަނީ އިންކާރު ކުރައްވާފައެވެ.
ފަނޑިޔާރުގެ ތަޙްޤީޤު އަޑުއެހުން ހުޅުވާލައިގެން ބޭއްވިއިރު، މާލަމުގައި އަޑުގަދަކޮށް ނިމާމާ ޚިލާފު ކަންކަން ކުރެއްވި ފަރާތްތައް ވަނީ މާލަމުން ބޭރުކޮށްފައެވެ.




