ދިވެހިރާއްޖޭގެ އެއްވެސް ފަޅުރަށެއް ދިވެހި ރައްޔިތުންނާ ސިއްރިއްޔާތުގައި ވަކި ފަރާތަކަށް ދިން އަޑު މި ސަރުކާރުގައި ނީވޭނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގައި ދާދި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ، ކުރިން ވަޢުދުވެވަޑައިގަތް ގޮތަށް ރާއްޖޭގެ ރަށްތަށް ފަތުރުވެރިކަމަށް ދޫކުރައްވާނީ ހުޅުވާލެވިފައިވާ ބީލަމުގެ އުޞޫލުގެ ތެރެއިން ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ އެއްވެސް ރަށެއް ކުއްލިއަކަށް ވަކި ފަރާތަކަށް ދިން އަޑު އިވިގެން ސިއްސައިގެންދާން ޖެހޭނެފަދަ ގޮތަކަށް އެމަނިކުފާނު މިނިސްޓަރުކަމުގައި ހުންނަނިކޮށް ކަންކަން ނުހިނގާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް އަލަށް ހުޅުވާލަން ހުރިހާ މިނިސްޓްރީތަކަކަށް އެއްބަސްވުމަކަށް އާދެވުނު ރަށްތަކުގެ ލިސްޓެއް ރައީސް ޞޯލިޙަށް އަރުވާފައިވާނެ ކަމަށާއި، ނަމަވެސް ތަރުރުވެރިކަން ތަރައްޤީކުރަން ދޫކުރައްވާނެ ރަށްތައް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާނެ ނިންމެވުމެއް ކަމަށް އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތް އަމާޒު ހިފާފައިވަނީ މައްޗަށް ކަމަށާއި، ރަށްތައް ފަތުރުވެރިކަމަށް ދޫކުރުމުގައި ގޮތް ނިންމަވާނީ ޤައުމާއި، ތިމާވެއްޓާއި ރައްޔިތުންގެ ވިންދަށް ބެއްލެވުމަށްފަހުގައި ކަމަށެވެ.
ހަމައެއާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުންވެދާނެ އެއްވެސް ކަމެއް ނުކުރުމަށްވެސް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.