ފަނަރަވަނަ އަދަދާއި ގުޅޭ
"އަނެއްކާ އީވާންގެ ހަޔާތުގަ އެހައި ޚާއްސަ ކުއްޖަކު ނެތީތަ؟ އީވާން ގަޔާވާފަދަ ކުއްޖަކާ އަދި ދިމާނުވަނީ ދޯ.." ކުޑަކޮށް ހިނިތުންވެލަމުން އީވާންގެ ކޮނޑުގައި ހައިތަމް ޖަހައިލިއެވެ. އެސުވާލުން އީވާންގެ ހިތަށް ވެރިވީ ހާސްކަމެވެ. ހިތުގެ ސިއްރު ބޭޒާރު ވެދާނެތީ އަވަސް އަވަހަށް އޭނާ އިސްޖަހައިލިއެވެ. އަދި ހައިތަމް ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދޭނެ ގޮތަކާއި މެދުގައި ވިސްނައިލިއެވެ. ކުޑަކޮށްވެސް އުއްމީދުވެސް ނުކުރާފަދަ ވާހަކަތަކެއް ހައިތަމް ދެއްކުމުން އީވާންއިނީ ހަގީގަތުގައިވެސް ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައެވެ. ހިމޭނުން އިރުކޮޅަކު އިނުމަށްފަހު އެއްޗެއް ބުނުމަށް އަނގަހުޅުވައިލި ވަގުތު ކެބިންގެ ދޮރުހުޅުވައިލަމުން އީކް ނުކުތެވެ. ދެކެވެމުންދިޔަ ވާހަކަ ހުއްޓި ވަގުތުން ދެމީހުންގެ ނަޒަރު އަމާޒުވެލީ އީކްއަށެވެ. އީވާނަށް ލިބިފައިވި ހާސްކަންފިލައި އެދެލޯ ވިދައިގަތުމާއެކު އެމަންޒަރު ބަލަންއިން ހައިތަމްއަށް ހިނިތުންވެލަމުން އިސްޖަހައިލެވުނެވެ. އޭނާއަށް ހީވާ ހީވުމަކީ ތެދެއްތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްލެވުނެވެ. އުއްމީދުން ފުރިފައިވި ބެލުމަކުން ހައިތަމްއަށް އީވާނާއި އީކްގެ މޫނަށް ވަކިވަކިން ބަލައިލެވުނީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. ހިތުގައި އުފެދިގެންއައި އައު ޚިޔާލާއިއެކު އޭނާގެ ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ.
6 މަސް ފަސް...
އަތުގައި އޮތް މާކިންގެ ފޮޓޯގަނޑަށް ބަލަހައްޓައިގެން އެނދުމަތީގައި އިނށީދެއިން އީކްގެ ސިކުނޑީގައި އެކި ޚިޔާލުތައް ދައުރުވަމުން ދިޔައެވެ. ކޮޓަރީގައި ހަމަހިމޭންކަން ރަސްކަން ކުރަމުންދިޔައިރު، އީކްގެ ދެލޯ ކުރިމަތީގައި މާޒީގެ އެކި ސޮފުހާތައް އުކެމުންދިޔައެވެ. މާކިންގެ ވަކިވުމަށްފަހު އީކް ކުރަމުންއައި ފުން ހިތާމަ ކޮންމެވެސް ވަރަކަށް ލުއިވެފައިވީ ކަހަލައެވެ. މާޔޫސްކަން އެމޫނަށް ވެރިވެފައިވިއަސް، އެދެލޮލުގައި ކަރުނައިގެ އެއްވެސް އަސަރެއް ނެތެވެ. ހަޤީގަތާއި ކުރިމަތިލައި ދިރިއުޅުމާއިގެން ކުރިއަށްދާން އޭނާ އެންމެ ފަހުން ދަސްކުރީއެވެ. ދުނިޔޭގެ އެއްވެސްކަމެއް ތާއަބަދު އެއްގޮތަކަށް ނޯންނާނެކަން އަމިއްލަ ނަފުސަށް ވިސްނައިދިނީއެވެ. ހަޔާތައް ބިންދާލާ ރާޅުގައި ކެތްތެރިވެ ހިތްވަރާއެކު ސަލާމަތުގެ އައްސޭރިއެއް ހޯދަން އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރަން ޖެހޭނެކަން ގަބޫލުކުރީއެވެ. އަދު މާކިންގެ ހަނދާންތަކުން ހިތަށް ތަދުވި ނަމަވެސް އެހަނދާންތަކާއެކު ދިރިއުޅެން އޭނާ އާދަވެއްޖެއެވެ. ފޮނިމީރު ކަމެއް ހިތަށް ގެނުވައިދޭ ކަމެއްކަމުގައި އެހަނދާންތައްވެ ނިމިއްޖެއެވެ. ދެލޮލުން އޮހޮރުވާ ވޭނީ ކަރުނައިގެ ބަދަލު ފަނޑު ހިނިތުންވުމެއް ތުންފަތަށް ގެނުވާ ސަބަބެއްކަމުގައި ލޯބިވާ ފިރިމީހާގެ ހަނދާންތައް ވެއްޖެއެވެ. އެހަނދާންތަކާއެކު ދިރިއުޅުމާއި އޭނާ ކުރިމަތިލީ އައު ފެށުމަކުން ފަށައިގަންނަން ނިންމަމުންނެވެ. ލުއި ގޮތަކަށް ހިނިތުންވެލަމުން އެ ފޮޓޯގަނޑު ގެނެސް ތުންފަތުގައި އީކް ޖައްސައިލިއެވެ.
އިވްލީން ގާތުން ފަރުވާ ހޯދަން ފެށިތާ ހަމަސްވެފައި ވާއިރު އީކްގެ ފަރާތުން ފެންނަމުންދިޔައީ އެއްވެސް މީހަކު އުއްމީދުވެސް ނުކުރާފަދަ ކުރިއެރުމެކެވެ. ދެދުވަހުން އެއްދުވަހު ދެމުންދިޔަ ސެޝަންތައް ހަފުތާއަކު ދެދުވަހަށް ވަނީ މަދުކޮށްލައިފައެވެ. އީކްގެ ހާލަތު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އައި އިރު އެކަމުން އެންމެ ބޮޑު އުފަލެއް ލިބުނީ ހައިތަމްއާއި އީވާނަށެވެ. އެކަނިވެރިކަމާ ހަމަހިމޭންކަމާއެކު ގިނަވަގުތުތައް އީކް ހޭދަ ކުރިއެއްކަމަކު، އެހެން މީހުންގެ ތެރޭގައި މަދުމަދުން ނަމަވެސް ހިނިތުންވެލައި އުޅެން އީކް ދަސްކޮށްފިއެވެ. އިވްލީންގެ އިތުރުން ހައިތަމްއާއި އޭނާއަށް ހެޔޮއެދޭ އެހެން ހުރިހައި މީހުންގެ ނަސޭހަތުގައި އީކް ހިފިއެވެ. އަމިއްލައަށްވެސް އެހިތާމަތަކުން އަރައިގަންނަން އެހައި ހިތްވަރު އޭނާ ކުރީ އެހެންވެއެވެ.
އަތުގައި އޮތް ފޮޓޮއަށް އަދިވެސް އެއްފަހަރު ބަލައިލަމުން އިންތަނުން އީކް ތެދުވިއެވެ. އަދި ލަސްހިނގުމެއްގައި އައިސް އެނދުގެ އެއްފަރާތުގައި ހުރި ސައިޑް ޓޭބަލްގެ ވަތްގަނޑު ދަމައިލަމުން އޭގެ ތެރޭގައި އޮތް އަލްބަމް ނަގައި ފޮޓޯ އޭގެތެރެއަށް ލިއެވެ. ވަތްގަނޑުގައި އަލްބަމް ބާއްވައިލަމުން ލޯބިން ފުރިފައިވި ގޮތަކަށް އޭގައި އީކް ފިރުމައިލިއެވެ. ފަނޑު ހިނިތުންވުމެއްގެ އަސަރު އެތުންފަތުގައި ވިއެވެ. "އޯލްވޭސް އިން މައި ހާރޓް..." އަމިއްލަ ހިތަށް އެހެން އެރުމާއެކު އީކްގެ ހިނިތުންވުން ފުންވެލިއެވެ. ދިރިއުޅުމާއިގެން ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްވަރެއްކަމުގައި އަދު އެލޯބިވެތި ހަނދާންތައް ވެއްޖެއެވެ.
* * * * *
ޑޮކްޓަރުގެ ކޮޓަރީގައި އިން ހައިތަމްގެ މޫނު މަތީގައިވީ ހާސްކަމާއި ކަންބޮޑުވުމެވެ. އަރުތެރެ ހިކިފައިވުމުން ވާހަކަދެއްކުމަށް އޭނާއަށް ދަތިވެފައި ވިއެވެ. ހިތްނުތަނަވަސްވެފައި ކުރިމަތީގައި އިނދެ އޭނާގެ ޓެސްޓްތަކުގެ ނަތީޖާ ބަލަމުންދިޔަ ޑޮކްޓަރަށް ބަލަހައްޓައިގެން ހައިތަމް އިނެވެ. އޭނާގެ ހާލަތު އިހުނަށްވުރެ ދަށްވެފައިވާކަން ޚުދު އަމިއްލައަށްވެސް ގަބޫލުކުރެވެއެވެ. ދެން މާ ގިނަ ދުވަހަކު އެކަން އީކްއަށް ސިއްރުކޮށްގެން ނޫޅެވޭނެކަން އޭނާއަށް އެނގެއެވެ. އެހެނަސް އަދިވެސް ހަގީގަތް ހާމަކުރަން އޭނާ އިންތިހާއަށް ޖެހިލުންވަނީއެވެ. އޭގެ ނަތީޖާ ނުކުމެދާނެ ގޮތަކާއި މެދުގައި ހިތް ބިރުގަންނަނީއެވެ. ކަމުންދިޔަ ބޭސްތަކުންނާއި ހޯދަމުންދިޔަ އެހެނިހެން ފަރުވާތަކުންވެސް މިހާރު މާބޮޑު އަސަރެއް ނުކުރާކަން އޭނާއަށް ފާހަގަވެއްޖެއެވެ. ލިބެން އުޅޭ ޚަބަރާއި މެދުގައި ކޮންމެވެސް ވަރަކަށް އޭނާއަށް ވިސްނެމުންދިޔައީ އެހެންވެކަން ޔަގީނެވެ. ހަށިގަނޑު ނިކަމެތިވެފައިވި މިންވަރު އޭނާއަށް އިހުސާސުކުރެވެއެވެ. ލޯބިވާ ދަރިފުޅު ކުރިމަތީގައި ހިތްވަރުކުރަން ބޭނުންވިއަސް، މަޑުމަޑުން އެހިތްވަރު ނެތި މީހާ ބަލިކަށިވަމުން އަންނަކަން އަމިއްލަ ޟަމީރު ބުނެލިއެވެ.
ފުންނޭވާއެއް ދޫކޮށްލަމުން އަތުގައިއޮތް ފައިލު ޑޮކްޓަރު ލައްޕައިލިއެވެ. އަދި ފުންނަޒަރަކުން ހައިތަމްގެ މިލާފައިވި މޫނަށް ބަލައިލިއެވެ. އެމޫނުގައި އެއްވެސް ތާޒާކަމެއް ނެތެވެ. ކުރިއަށްވުރެ ހަށިގަނޑު ހިކިއަނަރޫފަވެފައި ވިއެވެ. އިރުކޮޅަކު ހައިތަމަށް ބަލަން އިނުމަށްފަހު އަނެއްކާވެސް އޭނާ ހަށިފުރައި ނޭވާއެއްލިއެވެ. ދަށްކަން ހުރި ވާހަކަތައް ފެށުމަށް އަމިއްލަ ނަފުސު ތައްޔާރުކޮށްލީ ކަހަލައެވެ.
"ހައިތަމް.. އާއިލާއަށް މިޚަބަރު ދީފިންތޯ.." މޭޒުމަތީގައި އޮތް ދެއަތްތިލަ ޖޯޑުކޮށްލަމުން މަޑުމައިތިރި ރާގަކަށް ޑޮކްޓަރ މައިކަލް އަހައިލިއެވެ. ލަސްލަހުން ދެފަރާތަށް ހައިތަމް ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
"ދެވޭ އެއްވެސް ފަރުވާއަކުން މާބޮޑު ކުރިއެރުމެއް ނުފެނޭ.. އެކަމަކު އަދިވެސް މިގޮތުގަ މަސައްކަތް ކުރެވިދާނެ.. ލަސްނުކޮށް މިހުރިހައި ވާހަކައެއް އާއިލާއާ ހިއްސާކުރަން އަޅުގަނޑަށް ފެންނަނީ.. ފަހަރެއްގަ މީ..." އެހިސާބަށް ބުނުމަށްފަހު މައިކަލް ވާހަކަ މެދުކަނޑައިލީ ދޭންއޮތް ޚަބަރުގެ ހިތިކަމުންނެވެ.
"ކިހައި ދުވަހެއްތޯ އަޅުގަނޑަށް ބާކީ އޮތީ؟.." މާކުރިންވެސް ވާނީ އެހެންކަން ހީވެފައި އޮތުމުން މައިކަލް ބުނަން އުޅުނު ވާހަކަ ހައިތަމް ދެނެގަތެވެ. ހިތުގައި ބުރުޖަހަމުންދިޔަ ސުވާލުތަކުން ހައިތަމް ބޭނުންވީ ހަމައެކަނި އެސުވާލުގެ ޖަވާބެވެ. ހައިރާންކަން މައިކަލްގެ މޫނުން ފައުޅުވެލިއަސް ނިކަން އަވަހަށް އެއަސަރުތައް ފިލައި ދިޔައެވެ. ހަމްދަރުދީގެ ނަޒަރަކުން ހައިތަމްއަށް ބަލައިލިއެވެ. "ލަފާކުރެވޭ ގޮތުގަ.. އަށް ވަރަކަށް މަސް..." ސީދާ ހައިތަމްގެ މޫނަށް ބަލައިލަމުން މައިކަލް މަޑުމަޑުން ބުނެލިއެވެ. އެއާއެކު ހިންދިރުވައިލަމުން ހައިތަމްއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އުއްމީދު ކުރިވަރަށް ވުރެވެސް ވަގުތު ކުޑަތަންވެފައި ހުރިކަން ވިސްނުމުން ހިތަށް ތަދުވެލިއެވެ. އިތުރަށް ދެން އެންމެ ދުވަހެއްވެސް ލަސްކުރެވޭކަށް އޭނާއަކަށް ނެތެވެ. އީކް އަށް ހުރިހައި ހަގީގަތެއް އަންގަންވީ ވަގުތު އައިސް ޖެހުނީއެވެ. ލިބިފައިވި މަދު ވަގުތުކޮޅުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން އޭނާ ބޭނުންވެއެވެ.
"އައި އެމް ވެރީ ސޮރީ.." ހައިތަމްގެ މޫނަށް އަރައި ފައިބަމުންދިޔަ ކުލަތަކަށް ބަލަން އިނދެ މައިކަލް ބުނެލިއެވެ. އިތުރު އެއްޗެއް ބުނާނެ ހިތްވަރެއް ހައިތަމް އަކަށް ނުލިބުނެވެ. މަޑުމަޑުން ބޯޖައިލަމުން އޭނާ އިސްޖަހައިލީ ހިތަށް ކުރަމުންދިޔަ އަސަރުތައް ފޮރުވުމުގެ ގޮތުންނެވެ.
* * * * *
އީކްގެ ސެޝަން ނިންމައިލުމަށްފަހު އީވާނާއި ވަކިން ބައްދަލުކޮށްލަން ބޭނުންކަމުގައި އިވްލީން ބުނެލިއެވެ. އީކް ކެބިންއިން ނުކުތުމާއެކު ގޮނޑިބަރީގައި މަޑުކޮށްލުމަށްބުނެ ދޮރުގައި ޓަކި ޖަހައިލަމުން އީވާން އެތެރަށް ވަނެވެ. ހިނިތުންވެލަމުން ކުރިމަތީގައިހުރި ގޮނޑިއަށް އިވްލީން އިޝާރާތް ކޮށްލިއެވެ.
"ހުރިހައި ކަމެއް ރަނގަޅުތޯ.." ގޮނޑީގައި އިނށީދެ ހަމަޖެހިލެވުމާއެކު ހިސްއަވަސްވެފައި އީވާން ސުވާލުކޮށްލިއެވެ.
"ކަންބޮޑުވާންވީ އެއްވެސް ކަމެއް ﷲ އިރާދަފުޅާއެކު ނެތް.. އީކްގެ ހާލު ވަރަށް ބޮޑުތަން ރަނގަޅުކަމުގައި އަޅުގަނޑަށް ފާހަގަކުރެވޭ.. ހީކުރިވަރަށްވުރެ އީކްގެ ޕްރޮގްރެސް މާބޮޑަށްވެސް އިތުރު..." ހިތްހެޔޮކަމާއެކު އީވާންގެ ސުވާލަށް އިވްލީން ޖަވާބު ދިނެވެ.
"ހަގީގަތުގަ އަޅުގަނޑު ބައްދަލުކޮށްލަން ބޭނުންވީ މުޅިން އެހެން ވާހަކައެއް ދައްކައިލަން ބޭނުންވެގެން... ލިބުނު ޝޮކުގަ އީކް ވާހަކަދައްކަން ނުކުޅެދިފައިވިއަސް އެކަމަކީ އިރާދަފުޅުން ރަނގަޅު ކުރެވޭނެކަމެއް.. އަޅުގަނޑަށް ވިސްނޭ، އޭރު އީކްގެ ހާލަތު އެހައި ގޯސްވީމަކަން އެންމެ ފުރަތަމަ އަޅުގަނޑުފަދަ ޑޮކްޓަރެއްގެ އެހީ ބޭނުންވީ.. އެކަމަކު މިހާރު.. ޝީޒް ރެޑީ ޓް ކޮންސަލްޓް އަ ސްޕީޗް ތެރަޕިސްޓް.. އިތުރަށް ލަސްނުކޮށް ސްޕީޗް ތެރަޕިސްޓެއްގެ އެހީ ހޯދަނިކޮށް އިރާދަފުޅުން އެކަންވެސް ރަނގަޅު ވެދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ.. އެހެންވެ މިވާހަކަ ހިއްސާކޮށްލަން ބޭނުންވީ.." ހިނިތުންވެލަމުން އިވްލީން ބުންޏެވެ. އޭނާގެ ވާހަކަތަކާމެދު އީވާން ވެސް އެއްބަސްވެއެވެ. އަވަސް އަވަހަށް ބޯޖަހައިލަމުން އެންމެ ރަނގަޅު ކަމުގައި އީވާން ބުނެލިއެވެ. އިރުކޮޅަކު ވާހަކަ ދައްކައިލުމަށްފަހު ދިއުމުގެ ހުއްދަ އިވްލީން ދިނުމުން އޭނާއަށް ޝުކުރު އަދާކުރުމަށްފަހު އެކެބިންއިން ނުކުންނަން އީވާން ހިނގައިގަތީ ހިތްހަމަޖެހިފައި ހުރެއެވެ.
ފާއިތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި އޭނާއާ އީކްގެ ގުޅުން ވަނީ ކުރިއަށްވުރެ އެތައް ތަނެއް ބަދަހިވެފައެވެ. ދެމެދުގައި އޮތް ގުޅުމުގައި އެކުވެރިކަމުގެ ކުލަޖެހި އެގުޅުން ވަރުގަދަވަމުން އަންނަކަމުގެ އިހުސާސު އީވާނަށް ކުރެވެއެވެ. ވާހަކަތަކެއް ނުދެކެވުނަސް ކުރިއަށްވުރެ ގިނަ ވަގުތު އޭނާއާ އެކުގައި އީކް ހޭދަކުރެއެވެ. އެކުގައި އެހިސާބުގައިހުރި އެކި ތަންތަން ބެލުމުގައި ދެމީހުން ހޭދަކުރާ ވަގުތުތައް މަދެއް ނޫނެވެ. ކޮލެޖް ނިންމައިފައި އައިސް އޭނާއަށް ލިބޭ ހުސްވަގުތުތައް އޭނާ ހުސްކޮށްލަނީ އީކްއަށްޓަކައެވެ. އީކް ހިތްހަމަޖެހި ގަޔާވާނެފަދަ ކަންކަން ކުރުމަށް އީވާން އިސްކަން ދެއެވެ. އީކްގެ ހިތުގައި އީވާންގެ މައްޗަށް އުފެދިފައި އޮތް ޤަދަރާއި އިހުތިރާމު އެއިން ކޮންމެ ކަމަކުން އައީ އިތުރުވަމުންނެވެ. އީވާނާއި މެދުގައި ވިސްނުން ހިންގޭ ވަގުތުތައްވެސް ވަކި މަދެއް ނޫނެވެ. މާކިންގެ ޚިޔާލުތަކާ ވިދިގެން އީވާންގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވަނީ ކީއްވެކަން ޚުދު އީކްއަށް ވެސް ނޭނގެއެވެ. އެނގޭހައިވެސް ކަމަކީ އީވާންގެ ކުދިކުދި ކަންކަމަށްވެސް އޭނާއަށް ސަމާލުކަން ދެވެން ފެށިއްޖެކަމެވެ.
* * * * *
ހޮސްޕިޓަލުން ނުކުމެ އެކަނިމައި އެކަނި އެތައް އިރެއްވަންދެން ހާމަތަނެއްގައި ހައިތަމް އިނެވެ. އެކި ކަންކަމާއި މެދުގައި އޭނާ ވިސްނުން ހިންގަމުން ދިޔައެވެ. އަމިއްލަ ހާލަށްވުރެ ބޮޑަށް ހައިތަމްއަށް ވިސްނެމުންދިޔައީ އީކްއާ މެދުގައެވެ. ބޭނުން ނުވިއަސް ދެލޮލަށް ކަރުނަތައް ޖަމާވެގަތީ އަމިއްލަ އިޚުތިޔާރުން ބޭރުއެވެ. އަވަސް އަވަހަށް ދެލޯ ފުހެލަމުން ހައިތަމް އުޑާ ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. ހިތުގައި ފުނިޖެހެމުންއައި ޝަކުވާތައް އެއްފަރާތްކުރުމުގައި އޭނާ ކުރި ހޯދިއެވެ.
އަތުގައި އޮތް ގަޑިއަށް ބަލައިލަމުން އީކް ގެއަށް އަންނާނެހައި އިރުކޮށްފައި އެތަނުން ދިއުމަށް ހައިތަމް ތެދުވިއެވެ. ލަސްފިޔަވަޅުތަކެއްގައި އޭނާ ދިޔައިރު އެހިތުގައި ޓަކިދެމުންއައި ނުތަނަވަސްކަންވީ އިންތިހާއަށް އިތުރުވެފައެވެ. އީކްއާ އެވާހަކަ ދައްކާނެ ގޮތަކާއި މެދުގައި ހައިތަމް ވިސްނުން ހިންގަމުން ދިޔައެވެ. އެހެންމީހެއްގެ ފަރާތުން އެޚަބަރު ލިބުމަށްވުރެ ހައިތަމް ބޭނުންވަނީ އޭނާގެ ދުލުން ދަރިފުޅަށް ހަގީގަތް ހާމަކުރާށެވެ. ހިތަށް ކިތަންމެ ތަދުވިނަމަ ވެހެވެ.
އީކްގެ އިންތިޒާރުގައި ބޮޑުކޮޓަރީގެ ސޯފާއެއްގައި މަޑުކޮށްލައިގެން ހައިތަމް އިނެވެ. ގޭގައި އެކަކުވެސް ނެތުމުން ގޭތެރެއަށް ވެރިވެފައިވީ ފަޅުކަމެވެ. އޮފީހުގެ ކަމެއްގައި ނާއިފް ވެސް ވީ ބޭރަށް ގޮހެވެ. ދެއަތްތިލަ މުށްކަވައިލައިގެން ހައިތަމް އިނީ ހިތް އަވަސްވެފައެވެ. އޭނާގެ އިންތިޒާރަށް ނިމުން އައީ އެކުގައި ގެއަށް ވަދެގެން އައި އީވާނާއި އީކް ފެނުމުންނެވެ. އިންތަނުން ތެދުވަމުން އީކްގެ ނަމުން ލޯބިން ހައިތަމް ގޮވައިލިއެވެ. ހިނިތުންވެލަމުން އީކް އައިސް ހައިތަމް ގާތުގައި ހުއްޓުނެވެ.
"ހިނގާބަލަ ދަރިފުޅުގެ ކޮޓަރިއަށް.. ބައްޕަ ދައްކަން ބޭނުން ވާހަކައެއް އެބައޮތް..." އީކްގެ މޫނުގައި މަޑުމަޑުން ފިރުމައިލަމުން ހައިތަމް އެދުނެވެ. ބޯޖަހައިލަމުން ހައިތަމްގެ ފަހަތުން އީކް ހިނގައިގަތެވެ. އެމަންޒަރު ބަލަން އީވާން ހުރީ ސުވާލުއުފެދިފައެވެ. ހައިތަމްގެ މޫނުން ވޭނެއްގެ އަސަރު އީވާން ދުށްޓެވެ. އެއްގޮތަކަށްވެސް އެކަމުގެ ސަބަބު ނޭނގުނަސް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެހެން އޭނާއަށް ހީވާން ފެށިއެވެ.
އެނދުގައި އިނށީދެ ހަމަޖެހިލަމުން އޭނާއާ ކުރިމަތިވާނޭހެން އިނށީނުމަށް ހައިތަމް އީކް ގާތުން އެދުނެވެ. އޭނާގެ އަމަލުތައް ހުރިގޮތުން އީކް ވެސް ހިސާބަކަށް ކަންބޮޑުވާގޮތް ވިއެވެ. ވެގެން އުޅޭގޮތެއް ނޭނގި އޭނާ ވެސް އިނީ ސުވާލު އުފެދިފައެވެ. އެއްޗެއް ބުނުމަށް ހައިތަމް އަނގަ ހުޅުވައިލި ވަގުތު ބަނޑުގައި ގަދަ ރިހުމެއް އުފެދުނެވެ. އެހިސާބުގައި އަތް ޖައްސައިލަމުން ހައިތަމްއަށް ދަތްޕިލަ ޖައްސައި ބާރުކޮށްލެވުނެވެ. އަޅަމުންދިޔަ ވޭނަށް ކެތްކުރުން އޭނާއަށްވީ ދަތި ކަމަކަށެވެ. ހައިތަމްއަށް ވަމުންދިޔަ ގޮތްފެނި އީކްގެ ހާސްކަން އިތުރުވިއެވެ. އިންތަނުން ތެދުވަމުން ހައިތަމްގެ އަތުގައި އީކް ހިފައިލީ ކަންބޮޑުވެފައި ހުރެއެވެ. އޯކަށް ދެމިގަތުމާއެކު ކުއްލިއަކަށް އިންތަނުން ތެދުވަމުން ފާޚާނާއާ ދިމާއަށް ހައިތަމް ދުއްވައިގަތެވެ. ކަންބޮޑުވެ ހާސްވެފައިހުރެ އީކް ވެސް ހައިތަމް ފަހަތުން ދުއްވައިގަތެވެ. އޭރު ނޭނގޭ ބާރު މިނެއްގައި އެހިތް ތެޅެމުންދިޔައެވެ. ދެލޮލަށް ކަރުނަ ބޮނޑިވެފައި ހުރިކަންވެސް އޭނާއަށް އިހުސާސުނުވިއެވެ. ފާޚާނާތައްޓާއި ދިމާއަށް ގުދުވެއޮތް ހައިތަމް އޯކަށް ދެމިލުމާއެކު ހޮޑުލެވުނެވެ. އޭނާ ހޮޑުލަމުން ދިޔައިރު ދޮރުމަތީގައި ހުއްޓި ދެލޯ ބޮޑުވެފައި އީކް ހުރީ ހުއްޓުން އަރައިފައިހުރި މީހަކު ފަދައިންނެވެ. ހޮޑާއެކުވެ އަންނަމުންދިޔަ ލޭތައް ފެނުމާއެކު އީކްގެ ހެޔަށްވެސް ގޮތްވިހެން ހީވިއެވެ. ފެންނަމުންދިޔަ މަންޒަރާމެދު ޔަގީން ނުވެފައި އީކްއަށް ބަލަން ހުރެވުނީ ހަދާނެގޮތެއް ނޭނގިފައެވެ. ހޮޑުލައި ނިންމައިލަމުން ހިންދެމިލި ވަގުތު މޫނު މައްޗަށް އަނދިރިވެ ހައިތަމް އަރިއަޅައިލާ ގޮތްވިއެވެ. ދެލޯބޮޑުކޮށްލަމުން އީކްއަށް އެދިމާއަށް ދުއްވައިގަނެވުނީ ބޭއިޚުތިޔާރުގައެވެ. އޭރު އެދެލޮލުގައި ވިދަމުންދިޔަ ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތް މައްޗަށް ފައިބަމުންދިޔައެވެ.
(ނުނިމޭ)