ރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫންކަމަށާއި، އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމުން މިނިވަންވުމަށް ފަހު، ސަޕޯޓަރުންނާއެކު “މަރުހަބާ ރައީސް ޔާމީން”ގެ ނަމުގައި ރޭ ބޭއްވި ފުރަތަމަ ބޮޑު ޖަލްސާގައި ޔާމީން ވަނީ އިންޑިއާ ސިފައިންނަށް ރާއްޖޭގައި ޖާގައެއް ނެތް ކަމަށް ވިދާޅުވެ ވަރުގަދަ ބަހުގެ ހަމަލާތަކެއް ދިވެހި ސަރުކާރަށާއި، އިންޑިއާ ސިފައިންނަށް އަމާޒުކޮށްފަ އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، އިންޑިއާ-އައުޓް ކެމްޕެއިނަކީ މިއީ ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައީސް ޔާމީން އިސްނަންގަވައިގެން ފަށައިފައިވާ ހަރަކާތެކެވެ.
ޔާމީން ވިދާޅުވިގޮތުގައި ރާއްޖެ އިންޑިއާގެ އަވަށަކަށް ނެހެދޭނެއެވެ. އަދި ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭރުގެ އަސްކަރިއަޔާއެއް މުހިންމު ނޫންކަމަށާއި، އިންޑިއާ އަކީ ރާއްޖޭގެ އަވަށްޓެރި ގައުމަކަށް ވިޔަސް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެެއަށް ވަނުމުގެ ފުރުސަތު ނޯންނާނެކަން ރާއީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެން އިންޑިއާގެ ރަހުމަތްތެރި ރައްޔިތުންނަށް އިހުތިރާމުކުރަން. އެކަމަކު އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން މިތާކު އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭ. އެއީ މި ސަރުކާރުގެ ހިޔާނަތްތެރި ރޭވުން. އަނެއްކާވެސް އަޅުގަނޑު ޖަލަށް ގެންދަވާ. އެހެން ނަމަވެސް މިއަދު ރަސްމީކޮށް އަޅުގަނޑު މި ބުނަނީ އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތް،" ވަރަށް ޖޯޝްގައި ވާހަކަ ދައްކަވާ ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާއިން ހަދިޔާކުރި ހެލްކޮޕްޓަރުތައް ފޮނުވާލަން ރައީސް ޔާމީން ސީރިއަސްކޮށް މަސައްކަތް ކުރެއްވި ކަމަށް ބުނެ ޗީފް އޮފް ޑިފެންސް އަބްދުﷲ ޝަމާލު ދެއްކެވި ވާހަކަތަކަށް ރައްދުދެމުން ޔާމީން ވިދާޅުވީ، ވީ ހެލްކޮޕްޓަރުތައް ފޮނުވާލަން ކުރެއްވި މަސައްކަތް ޑިފެންސް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގައި ހުންނާނެ ކަމަށެވެ.
އޭރު ތިބި އިންޑިއާ އަސްކަރިއްޔާގެ މީހުންގެ ވިސާ ހަމަވުމުން ވެސް އެމީހުން ތިބި ކަމަށާއި، އެ މީހުން ތިބީ ގާނޫނާ ހިލާފަށް ކަމަށް ޔާމީން ވިދާޅުވި އެވެ.




