ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަލީ ހަމީދު - ފޮޓޯ: ރައީސް އޮފީސް

އެކެއް ފެބުރުވަރީގެ ބޮޑު އަމުރު ޑްރާފްޓް ކުރީ ޢަލީ ހަމީދު – އަބްދުﷲ ސައީދު

މި ފަހުގެ ތާރީޚެއްގައި ނެރުނު އެންމެ އާދަޔާ ޚިލާފު ކޯޓު އަމުރު ކަމަށް 2018 ފެބުރުވަރީ 1 ވަނަ ދުވަހު ނެރުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރު ޑްރާފްޓް ކުރީ އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ކަމަށް އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ސައީދު މިހެން ވިދާޅުވިކަން ހާމަވެފައިވަނީ މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ އޯޑިއޯ ކްލިޕެއްގައެވެ.

"އެއަމުރު އެހެން މީހަކު ޑްރާފްޓް ކުރި ނަމަ ހަމައެއް ނުޖެހޭނެ" ކަމަށް ޢަބްދުﷲ ސަޢީދު ވިދާޅުވާ އަޑު ލީކުވެފައިވާ އޯޑިއޯ ކްލިޕުން އިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވީ ފެބްރުއަރީ 1 ގައި ނެރުނު އަމުރުގެ ސަބަބުން ކަމަށާއި، ނެރުނު އެއަމުރަށްފަހު ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލެއް ގެންނާނެ ފުރުސަތު ޔާމީނަށް ލިބިވަޑައި ނުގެންނެވިއިރު، ސަލާމަތް ވާނެ ގޮތެއްވެސް އެނގިވަޑއިނުގެން “ހިބަރު ވަދެއްގައި” ޖެހިވަޑައިގެންނެވީކަމަށްވެސް ލީކްވި މިއޯޑީއޯގައި ޢަބްދުﷲ ސާޢިދު ވިދާޅުވެފައިވެއެވެ.

ސޮއި ނުކޮށް ވެސް އަމުރު ނެރުނު ނޯންތޯ މީހަކު ސުވާލު ކުރުމުން، އަމުރު ނެރެން ޖެހޭ ގޮތަކީ އެއީ ކަމަށާއި، އަމުރު ނެރުމުން މެންބަރުތަކެއް އޭނާ އާއި ބައްދަލު ކުރަން ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ނަމަވެސް އެބޭފުޅުންނާއި ބައްދަލު ނުކުރެއްވީ ކަމަށް އަބްދުﷲ ސައީދު ވިދާޅުވާ އަޑުވެސް އޯޑިއޯއިން އިވެއެވެ.

ފެބްރުއަރީ 01 ގެ އަމުރާއި ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް ދެބޭފުޅުންގެ މައްޗަށް ވަނީ ބައެއް މައްސަލަތަކުގައި ޙުކުމް އިއްވާފައެވެ. އަދިވެސް އެބޭފުޅުން ގެންދަވަނީ އެޙުކުމްތައް ތަންފީޒު ކުރައްވަމުންނެވެ. ނަމަވެސް މިހާރު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ގޭބަންދުގައި ތިއްބަވައިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ