ކިހިލިފަތް ދަށުން ނުބައިވަސް ދޮވަނީތަ؟ މިކަންކަން ކޮށްލާ!

ދާހިއްލުމަކީ ޠަބީޢީގޮތުން އިންސާނުންގެ ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ލައްވަވާފައިވާ ނިޒާމެކެވެ. ނަމަވެސް މާބޮޑަށް ދާހިއްލުން ނުވަތަ އާދަޔާ ޚިލާފަށް ދާހިއްލުމުގެ ސަބަބުން ކިހިލިފަތްދަށުން ނުބައިވަސް ދޮވުމަކީ ވަރަށް ގިނަ މީހުންނަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ދާހިއްލުމުގެ ސަބަބުން ކިހިލިފަތް ދޮށުން އެ ދުވާ ނުބައިވަސް ހައްލުކުރާނީ ކިހިނެއް ހެއްޔެވެ؟

ކިހިއްލިފަތްދަށުން ނުބައިވަސް ދުވުމަށް މެދުވެރިވަނީ ދާހިއްލުމުގެ ސަބަބުން ކަމަށްވާތީވެ، އެންޓިޕާސްޕިރަންޓް އެއް ބޭނުންކުރުމުން ކިހިލފަތް ދަށުން ދުވާ ނުބައިވަސް ކޮންޓްރޯލުކުރެވޭނެއެވެ. އެންޓިޕާސްޕިރަންޓް ބޭނުންކުރުމުން ކިހިލިފަތްދަށުގައި ދާ އުފައްދައިދޭ ގްލޭންޑްތައް ވަގުތީ ގޮތުން ބަންދުކޮށް ދާހިއްލުން މަދުކޮށްލައެވެ. އަދި ޑިއޯޑޮރަންޓް ބޭނުންކުރުމުން ކިހިލިފަތް ދަށުގައި ނުބައިވަސް ދުވާ ބެކްޓީރިއާތައް މަދުކޮށް، ނުބައި ވަސް ކަނޑުވާދެއެވެ.

ކިހިލިފަތް ދަށުގައި އުފެދޭ އިސްތަށިތައް ބޭލުން ނުވަތަ އުފުރުމަކީވެސް ކިހިލިފަތް ދަށުން ދޮވާ ނުބައިވަސް ކަނޑުވަދޭނެކަމެކެވެ. ސަބަބަކީ ދާހިއްލުމުން، ދާތައް ކިހިލިފަތް ދަށުގައި ފަޅާފައި ހުންނަ އިސްތަށިތަކުގައި ހަރުލާފައި ހުރުމުން އިތުރަށް ބެކްޓީރިއާ އުފެދި ނުބައިވަސް ދުވުމަށް މެދުވެރިވާތީއެވެ. އެހެންކަމުން ކިހިލިފަތް ދަށުން އަބަދުވެސް އިސްތަށި ބާލާފައި ހުރުމުން ނުބައި ވަސް ދުވުމާއި، ދާހިތްލުމުން ދުރުކޮށްދޭނެއެވެ.

ގުދުރަތީ "ފައިބަރ" ފަހާފައިހުންނަ އަންނައުނު ނުވަތަ ހެދުން ލުމަކީވެސް ކިހިލިފަތް ދަށުން ނުބައިވަސް ދޮވުން ހުއްޓުމަށް އެހީވެދޭނެކަމެކެވެ. އެގޮތުން ކޮޓަން، ވޫލް އަދި ސިލްކް ފޮތިން ފަހާފާ ހުންނަ ހެދުން ލާން އާދަކުރާށެވެ. މިފަދަ ފޮތީގެ ހެދުން ލުމުން ހަށިގަނޑު ބޮޑަށް ބަންދުވުމުން ދުރުކޮށްދީ ދާތައް އަވަހަށް ވަޔަށް އަރައިގެން ދިއުމަށް އެހީވެދެއެވެ.

ކައިބޮއެ އުޅޭ ތަކެތީގެ ސަބަބުންވެސް ކިހިލިފަތް ދަށުން ދުވާ ވަސް ނުބައިވަހަށް ބަދަލުވުމަށް މެދުވެރިވެއެވެ. ހާއްސަކޮށް ކުޅި އެއްޗެހި ކެއުމުން ކިހިލިފަތް ދަށުން ވަސް އުފައްދާދައިދޭ ގްލޭންޑަށް އަސަރު ފޯރައެވެ. އެހެންކަމުން މިރުސް، އިނގުރު ފަދަ ވަސް ގަދަ އެއްޗެހި ކެއުން މަދުކޮށްލާށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް