ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެ ދޫކޮށް ދާން އުޅޭ ކަމުގެ ހެކި ލިބިފައިވާ ކަމަށް ތުހުމަތުކޮށް، ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.
އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ މިިދިޔަ މަހުގެ 30ގައި ބާތިލް ކޮށްފަ އެވެ.
މި ހުކުމް ސްޕްރީމް ކޯޓުން ބާތިލުކުރުމާއެކު ޔާމީން މިނިވަންވުމާއި ގުޅިގެން، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ ޝަރީއަތް އެއްކޮށް ނިމެންދެން، ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ދައުލަތުން ވަނީ އެދިފަ އެވެ.
މިކަމާއި ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު މި މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގައި ވާހަކަ ދައްކަމުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، ޝަރީއަތް ނިމެން ދެން ޔާމީންގެ ޕާސްޕޯޓު ހިފަހައްޓައި ދިނުމުގެ އަމުރަކަށް އެދިފައި ވަނީ، ރައީސް ޔާމީނު ރާއްޖެ ދޫކޮށް ދާން އުޅޭކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި އިތުރު ސަބަބުތަކުގެ ތެރޭގައި ޔާމީނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވުމުން، ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ މާލީ ހާލަތާއި ވަސީލަތްތައް ހަމަޖެއްސޭނެ ކަމަށާއި، އަދި މައްސަލައިގެ ބާވަތުން ވެސް ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ޔާމީން ރާއްޖެ ފިއްލައިގެން ހިނގައްޖެނަމަ އަނބުރާ ގެންނަން އުނދަގޫވާނެ ކަމަށްވެސް ދައުލަތުން ވަނީ ބުނެފަ އެވެ.
މި ވާހަކަތަކާއި ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ބުނީ، އީސް ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން އެދިގެން ފުލުހުން ކޯޓުގައި އެދުނު ހިސާބުން ފެށިގެން ޕާސްޕޯޓު ހިފަހައްޓަން ކޯޓަށް ހުށަހެޅި ފޯމު ހޯދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ފޯމު ލިބުނީ މިއަދު ކޯޓަށް ހާޒިރު ވެ ތިއްބައި 9:15 އެހާކަންހާއިރު ކަމަށެވެ. އަދި ފޯމުގައި ބަޔާންކޮށްފައިވާ ކަންކަން ދިރާސާ ކުރުމަށް ދެ ހަފުތާގެ ވަގުތު ބޭނުންވާނެކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ދައުލަތުން ވަނީ ދެ ހަފުތާގެ މުއްދަތެއް ދިނުމަށް އިއުތިރާޒު ކޮށްފައެވެ. ދައުލަތުން ވިދާޅުވީ، ފޯމުގައި ހުރި ވާހަކަތަކުގެ އިތުރުން އެހެން އެއްވެސް އެއްޗެއް ދިރާސާ ކުރަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ދިފާއުން އެދުނު މުއްދަތު ދިނުން ރަނގަޅު ނޫން ކަމަށެވެ.
މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ދަމަހައްޓަން އެދުނު ފޯމުގައި އޮތީ ދެތިން ވަރަކަށް ގަނޑު ކަމަށެވެ. އެހެންކަމުން ދެ ހަފުތާގެ މުއްދަތަކީ މާ ދިގު މުއްދަތެއް ކަމަށެވެ. އެހެންކަމުން މިއަދު ހަވީރު 4:00 ގައި މިކަމަށް ގޮތެއް ނިންމެވުމަށް އަޑުއެހުމެއް ބާއްވަވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.




