ފަންނުގެދަރިންގެ ހަރަކާތެއްގެ ތެރެއިން - ފޮޓޯ: މީސްމީޑިއާ

އެތައް ސަތޭކަ ފަންނާނުންނާއެކު "ފަންނުގެދަރިން ފެސްޓިވަލް" މާދަމާ ހުޅުމާލޭގައި

އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅެމުން އައި މި ދިވެހިރާއްޖޭގައި ޒަމާނުންސުރެ ފަންނުވެރިން އުޅުނެވެ. އަދި އެ ފަންނުވެރިންގެ ހުނަރުތައް މިފަހަކާ ޖެހެންދެންވެސް ފެންނަމުންދިޔައީ އެއްބައިވަންތަކަމުގެ ތެރެއިންނެވެ. ނަމަވެސް ޤައުމުގެ އިޖުތިމާއީ ރޫހަށް އައި ބަދަލާއެކު ފަންނުވެރިންގެ ހުނަރުވެރިކަން ފާޅުވުމުގައި ދަތުތަކެއް ކުރިމަތިވެގެންދިޔަކަމީ ހަޤީޤަތެކެވެ.

ނަމަވެސް، ފަންނުވެރިންގެ ތެރޭގައި ތިބި ހިތްވަރުގަދަ ފަންނުވެރިންގެ ހިތްވަރާއި، ދުރުވިސްނުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ފަންނުވެރިން އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ ހުނަރުވެރިކަން ދައްކާލުމެވެ. ހަމަޤައިމުވެސް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތައް ގިރާކޮށް މެކުނެއްހެން ފުންމާލުމަކީވެސް ފަންނުވެރިކަމެކެވެ.

ނަމަވެސް، މިފަހަރު މިއޮތީ "ފަންނުގެދަރިން" ގެ ވާހަކައެވެ. މީގެ ފަސް އަހަރު ކުރިން ފެށި މި ހަރަކާތް ގިނަ ދިވެހިން ދަނެއެވެ. "ފަންނުގެދަރިން"ގެ 23 ހަރަކާތް ނުވަތަ ޝޯ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ބެލުންތެރިންނަށް ފެނިފައިވާއިރު، މިފަހަރު މުޅިން ތަފާތެވެ. މާ ބޮޑަށްވެސް ޚާއްޞައެވެ.

"ފަންނުގެދަރިން ފެސްޓިވަލް - ހުޅަނގު 2019" ގެ ނަމުގައި މާދަމާ (22 ޖޫން 2019 ވާ ހޮނިހިރު ދުވަހު) މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި މިފަހަރު ތަފާތު ދާއިރާތަކުން 200 އަށްވުރެ ގިނަ ފަންނުވެރިން ބައިވެރިވާކަމަށް މި ހަރާކާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު "ފެށުން" އޮންލައިން އަށް މަޢުލޫމާތު ދެއްވިއެވެ.

"މުޅިން ތަފާތުކޮށް ބާއްވާ މިފަހަރުގެ ފެސްޓިވަލުގައި ތަފާތު ދާއިރާތަކުގެ ހުނަރުވެރިންގެ ހުށަހެޅުންތައް ފެނިގެންދާނެ. އެގޮތުން 80 އަށްވުރެ ގިނަ މިއުޒީޝަނުންނާއި، 40 އަށްވުރެ ގިނަ އާރޓްސް އެންޑް ކްރާފްޓް އާޓިސްޓުން އަދި 10 އަކަށްވުރެ ގިނަ އެފްއެންޑްބީ އާޓިސްޓުން މިފަހަރުގެ ފެސްޓިވަލުގައި ހުނަރު ދައްކާލާނެ." ފެސްޓިވަލް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލަކު ބުންޏެވެ.

FANNUGEDHARIN FESTIVAL - #HULHANGU2019 - 220+ Creatives Unite Together for half day arts and music festival • Saturday 22 June• RUH GANDU 2, Hulhumale’ [in front of swimming track]80+ musicians25+ Bands & DJs40+ Arts & Craft Stalls10+ F&B Artists Video credits: @excorpmv #Fannugedharin #FannugedharinFestival #Hulhangu2019 #ArtsAndMusicFestival #MaldivianArtists #MaldivianMusicians #MusicLovers #ArtLovers

Posted by Fannugedharin on Wednesday, 19 June 2019

ފެސްޓިވަލްގެ އިންތިޒާމް ކޮމެޓީގެ މެންބަރަކު ބުނީ ދިވެހި ފަންނުވެރިންގެ އަމިއްލަވަންތަ އެތައް ހުށަހެޅުމަށް ފެނިގެންދާނެ މިފަހަރުގެ "ފަންނުގެދަރިން" ގެ މަޤްޞަދަކީ ދިވެހި ފަންނާނުންގެ ހުނަރުތައް ވީހާވެސް ހިތްގައިމު ގޮތަކަށް، ގިނަ ބަޔަކަށް ދައްކާލާ އެ ފަރާތްތަކަށް ކުރިއަށްދާނެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ.

މާދަމާ މެންދުރުފަހު 01:50 ގައި ހުޅުމާލެ ޓްރެކް ސަރަހައްދާ ދިމާލުން "ރުއްގަނޑު-2" ގައި މި ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވަނީ، ދާދި ފަހުން ހުޅުމާލެ ބީޒް ސާފުކޮށް ދިވެހިންނަށް ނަމޫނާ ދައްކައިދިން "ޓްވިޓްސާފު" ގެ މޫދު ސާފުކުރުމުގެ ހަރަކާތަކުންނެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދަން ރާވާފައިވަނީ ވީހާވެސް ތިމާވެއްޓާ ރައްޓެހިކޮށް ކަމަށްވާތީވެ، ފެސްޓިވަލް ކުރިއަށްދާ ވަގުތުތަކުގައި ސަރަހައްދުގެ ސާފުޠާހިރުކަމަށް ވީހާވެސް ބޮޑަކަށް ސަމާލުކަން ދިނުމަށް ފެސްޓިވަލް އިންތިޒާމްކުރާ ފަރާތްތަކުން އެދިލައްވައެވެ. އަދި ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ގޮތުން ޕްލާސްޓިކް ފެންފުޅީގެ ބަދަލުގައި 3 ފެންތާނގީ (ފެން ހަން) ބެހެއްޓިފައި ހުންނާނެ ކަމަށާއި، ފެން ބުއިމަށްޓަކައި ރިފިލްކުރެވޭ ފުޅި ގެންގެވުމަށްވެސް އެފަރާތުން އިލްތިމާސް ކުރައްވައެވެ.

މާދަމާ މެންދުރުފަހު ފެށުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލުގައި ހަވީރުގެ ވަގުތު ބޮޑަށް ޚާއްޞަކުރެވިފައިވަނީ ކުޑަކުދިންނާއި އާއިލާތަކަށް ކަމަށް ފެސްޓިވަލް އިންތިޒާމްކުރާ ފަރާތްތަކުގެ ފަރާތުން މަޢުލޫމާތު ދެއްވިއެވެ. އޭގެތެރޭގައި މޫދު ކުޅިވަރުގެ ހަރަކާތްތަކާއި، ތުއްތުކުދިންގެ ވަރަށް ހިތްގައިމު ހުށަހެޅުންތައްވެސް ހިމެނޭކަމަ އައިޝަތު ލުއުލުއާ ބުންޏެވެ. މީގެ އިތުރުން ކާބޯތަކެތީގެ ސްޓޯލްތަކާއި ސްޓޭޖް ހަރަކާތްތައްވެސް ހަވީރުވެސް ކުރިއަށްދާނެއެވެ.

އެތައް ސަތޭކަ ފަންނުވެރިންނެއް ބައިވެރިވާ މި ފެސްޓިވަލުގައި މާދަމާރޭ ސްޓޭޖް ހަރަކާތްތަކަށް ބޮޑަށް ޚާއްޞަކުރެވިފައިވާއިރު، ވަރަށް ގިނަ މިއުޒީޝަނުންނާއި ބޭންޑުތަކުން އިތުރުން ޑާންސްތަކާއި ޑީޖޭގެ ހިތްގައިމު ހުށަހެޅުންތަކެއް ހުށަހައިދޭނެއެވެ. އެ ފަރާތްތަކުން މާދަމާރެއަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމީ ތަފާތު ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެންދާނެކަމުގެ ޔަޤީންކަން އިތުރުވާ ކަމެކެވެ.

މި ވަރުގަދަ ބިޔަ ފެސްޓިވަލުގައި ވަރަށްވެސް ޚާއްޞަ ހުށަހެޅުމެއް މާދަމާރޭ ފެނިގެންދާނެކަމުގެ މަޢުލޫމާތުވެސް ލިބިފައިވެއެވެ.

މިފަދަ ބޮޑު ހުނަރުވެރިންގެ ފެސްޓިވަލެއް ފެށުމަށް ވަގުތު ކޑަތަންވަމުންދާއިރު، މި ހަރަކާތް އިންތިޒާމްކުރުމުގައި ގިނަ ބައެއްގެ ވަރަށް ބޮޑެތި އެހީތެރިކަމާއި، އެއްބާރުލުން ލިބެމުންދާކަން "ފަންނުގެދަރިން" ގެ ފަރާތުން ފާހަގަކުރަނީ ޝުކުރާއެކުއެވެ.

އެތައް ދާއިރާއަކުން، ހުރިހާ އުމުރުފިރާއެއް ހިމެނޭހެން 200 އަށްވުރެ ގިނަ ހުނަރުވެރިންގެ، އާޝޯހުވާހާ ފުރިހަމަ އަދި އެހާމެ ހިތްގައިމު ހުށަހެޅުންތަކެއް މާދަމާ މެންދުރުފަހު 01:50 އިން ފެށިގެން މެންދަމު 12:00 އާ ހަމައަށް ހުޅުމާލެ "ރުއްގަނޑު-2" ސަރަހައްދުން ފެނިގެންދާނެއެވެ.

https://www.facebook.com/fannugedharin/videos/2234728723279376/

ހަވީރު ފިންޏަށް ސައިކަލާއި ކާރުގައި ބުރުޖަހައި، ތިމާވެއްޓާ ބީރަށްޓެރި އެތައް ވިހައެއް ޖައްވަށް ބޭރުކުރުމުގެ ބަދަލުގައި ހިތްފަސޭހަ އެހާމެ ހިތްގައިމު ހުށަހެޅުންތަކެއް ބައްލަވާލައްވާ ބައިވެރިވުމަށް ވަޑައިގެންދެއްވުމަށް "ފަންނުގެދަރިން" އިން ތިއެންމެ ފަރާތްތަކުން ނުހަނު ލޯތްބާއެކު ދައުވަތު އަރުވައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް