ދިވެހި ފިލްމް އިންޑްސްޓްރީގައި މިވަގުތު އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި ޑާކް ރެއިންގެ ކުރިއަށް އޮތް ފިލްމް “ނޮވެމްބަރ”ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފިއެވެ.
މިއީ މި އަހަރު ޑާކްރެއިނުން ސިނަމާތަކަށް ގެނެސްދިނުމަށް މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. މި ފިލްމް ކުރިން އަޅުވާ ގޮތަށް އޮތީ މިއަހަރުގެ ޖުލަައި މަހުގެ ތެރޭގައެވެ. ނަމަވެސް ފިލްމް ރިލީޒްކުރުން މި އަންނަ އަހަރަށް ފަސްކޮށްފައިވާކަން ޑާކްރެއިނުން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކޮށްފައިވަނީ ޕޯސްޓެއްގައެވެ.
ފިލްމް ރިލީޒްކުރުން ފަސްކޮށްފައިވަނީ ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ޙާލަތުގައި އާއްމުންގެ ސަލާމަތަށް ވިސްނާ، ކަންކަން އާއްމު ޙާލަތަކަށްގޮސް، ސިނަމާތަކަށް ގޮސްގެން ފިލްމް ބެލޭނެފަދަ ރައްކާތެރި މާޙައުލެއް ކަށަވަރުވުމުން ނޫނީ ފިލްމު އަޅުވަން ބޭނުންނުވާތީކަމަަށް ޑާކްރެއިނުން ބުނެއެވެ. ފިލްމް ރިލީޒްކުރާނެ ސީދާ ވަކި ތާރީޚެއް ހާމަކޮށްފައިނުވިނަމަވެސް މި ފިލްމް ރިލީޒްކުރާނީ 2021 ވަނަ އަހަރުގެ ކުރީކޮޅުގައިކަމަށް ޑާކްރެއިންގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މިފިލްމްގެ ލީޑުން ޑާކް ރެއިންގެ އެންމެ މަޤުބޫލު ދެ ޖޯޑުކަމުގައިވާ ޖުމައްޔިލު ނިމާލު، އަދި މަޖުދާ ފެނިގެންދާއިރު، ފިލްމްގެ އިތުރު މުހިއްމު ތަރިންގެ ތެރޭގައި، ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމް “މާމުއި” އިން މިދާއިރާއަށް ތައާރަފްވި އައިޝަތު ޔާދާ އަދި ކުރީގެ މަޤުބޫލު އެކްޓަރު އިސްމާއިލް ވަޖީހުވެސް ފެނިގެންދާނެއެވެ. އަދި މީގެއިތުރުން ފިލްމުގެ ޚާއްސަ ފެނިލުމަކުން މަޝްހޫރު ޕްރެޒެންޓަރ މުސާ ވަސީމާއި މަޝްހޫރު ލަވަ ކިޔުންތެރިޔާ މޭނާ ހައްސާނުވެސް ފެނިގެންދާނެއެވެ.
މި ފިލްމް ޑައިރެކްޓްކުރަނީ، ޑާކް ރެއިންގެ ކާމިޔާބު ގިނަ ފިލްމްތަކެއް ޑައިރެކްޓްކޮށްދީފައިވާ އަދި ގައުމީ އެވޯޑު ހާސިލްކޮށްފައިވާ އަލީ ޝިފާއު(ޗިއްޕެ) އެވެ. އަދި ފިލްމް ޕްރޮޑިއުސަރުންނަކީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވާ މުޙައްމަދު ޢަލީ (މޮގާ) އާއި އައިޝަތު ފުއާދެވެ.




