މާލޭ ސިޓީ ކައުންސިލުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ހުޅުމާލެ ފޭސް އެކެއް އަދި ދެއެއް ސިޓީ ކައުންސިލުގެ ބާރުގެ ދަށަށް ގެންނަން ފާސްކޮށްފި އެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ، މިއަދު ބޭއްވި ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ކައުންސިލަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ކަމަށެވެ.
މި ނިންމުން ނިއްމާފައި މިވަނީ، މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ދެމެދު ބޮޑު ހަމަނުޖެހުންތަކެއް ހިނގައިފައި ވަނިކޮށެވެ. އެއީ ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލުގެ ދަށަށް ގެންނަން ސަރުކާރުން ވައުދުވެ، ނަމަވެސް ޕީޕީއެމްއިން ކައުންސިލުގެ މެޖޯރިޓީ ނެގުމުން، އެ މަސައްކަތް އަދިވެސް ކުރެވިފައި ނުވާތީއެވެ.
އެއާއެކު އަންނަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން، "ކޮތަރު ކޮށި" ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިއްމާފައިވާ ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި، ހުއްދަ ނެތި އެއްވެސް ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެޗްޑީސީން ބަޔާނެއް ނެރުމާއެކު މައްސަލަ އިތުރަށް ހޫނުވިއެވެ.

އެއާއެކު މިއަދު ކައުންސިލުން ކުރިއަށް ގެންދިޔަ އާންމު މަޖިލިސް ޖަލްސާގައި މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ހުށަހެޅީ ޅި ޑެޕިޔުޓީ މޭޔަރު އަހުމަދު ނަރީޝެެވެ. އަދި މި ހުށަހެޅުން ފާސްކުރީ ޖަލްސަގައި ބައިވެރިވި މެންބަރުންގެ ތެރެއިން 12 ކަައުންސިލަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ. އޭގެ ތެރޭގައި އި އެމްޑީޕީގެ ދެ ކައުންސިލަރަކު ވެސް ހިމެނެ އެވެ.
މި ހުށަހެޅުމުގައި ނަރީޝް ވިދާޅުވީ، ހުޅުމާލެ އަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން، ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ތަނެއް ކަމަށާއި، ނަމަވެސް ރައްޔިތުން އެދޭ ކަމެއް ކުރުމުގެ ޖާގަ ސިޓީ ކައުންސިލަށް ނުލިބޭ ކަމަށެވެ. އަދި ރައްޔިތުންގެ ފަރާތުން އެކަމުގެ ޝަކުވާ ލިބެމުންދާކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.
މި ޝަކުވާތަކާއި ގުޅިގެން، ހުޅުމާލޭގެ މުނިސިޕަލް ސާވިސްތައް ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށާއި ރައްޔިތުންގެ މަޖިލީހަށް ވެސް ސިޓީ ފޮނުވާފައިވާނެ ކަމަށް ނަރީޝް ވިދާޅުވި އެވެ. ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށް ނަރީޝް ފާހަގަކުރިއެވެ.

"އެހެންވީމަ އަޅުގަނޑު ހުށަހަޅަން އަޅުގަނޑުމެން ހަދާފައިވާ ރަޖިސްޓްރީ އަޅުގަނޑުމެން ބާތިލްކުރަން. ހުޅުމާލެއަށް ހަދައިދީފައިވާ ރަޖިސްޓްރީ ބާތިލްކޮށް، އެއީ ކައުންސިލްގެ ބިމެއްގެ ގޮތުގައި ނިންމަން،" ނަރީޝް ވިދާޅުވި އެވެ.
ނަރީޝްގެ މި ހުށަހެޅުމަށް ތާއިދު ލިބި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އަގުލަބިއްޔަތުން، އެޗްޑީސީއަށް ރަޖިސްޓަރީ ކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ހުޅުމާލެ ފޭސް އެކެއް އަދި ދެއެއް ސިޓީ ކައުންސިލުގެ ބާރުގެ ދަށަށް ގެންނަން ފާސްކުރިއެވެ.




