އަންނަ ހުކުރު ދުވަހުގެ ރޭ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން، "ކޮތަރު ކޮށި" ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިއްމާފައިވާ ޖަލްސާ ބާއްވަން ނިންމާފައި ވަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި، ހުއްދަ ނެތި އެއްވެސް ހަރަކާތެއް ހުޅުމާލޭގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެޗްޑީސީން ބަޔާނެއް ނެރުމާއި ގުޅިގެން، އެ ކޯޕަރޭޝަނާއި، މާލެ ސިޓީ ކައުންސިލާއި ދެމެދު އުފެދުނު ބޮޑު މައްސަލައަށް ނިމުމެއް ނައިސް، އަދިވެސް އަންނަނީ ހޫނުވަމުންނެވެ.
އެޗްޑީސީން މީގެ ދެ ދުވަސް ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ކަހަލަ ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށް ފަހު ކަމަށެވެ. އަދި އިދިކޮޅުގެ އެ ހަރަކާތަކީ، އެގޮތަށް ހުއްދަ ނަގައިގެން ބާއްވާ ހަރަކާތެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެޗްޑީސީން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން މިކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމުގައި ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ހުޅުމާލެ ފޭސް-2 ގައި @ProgressPartyMV އިން ބާއްވަން އުޅޭ -ކޮތަރުކޮށި- ޖަލްސާ ތައްޔާރު ކުރުމަށް ޖެހި ދިދަތައް މިރޭ އުފުރުމުގައި @MDPSecretariat ގައުމީ މަޖިލިސް (މާފަންނު ދެކުނު ދާއިރާގެ ރައީސް)@iad_t ހަރަކާތްތެރި ވަނީ.މިއީ ވަރަށް ހުތުރު މަންޒަރެއް.@MDPSecretariat ލަދުނުގަނޭތޯ؟ pic.twitter.com/kEm5iiNDcV
— Ibrahim Shujau (@IbrahimShujaau) December 8, 2021
މި މައްސަލައިގައި، އިއްޔެ ބޭއްވި ސިޓީ ކައުންސިލްގެ އާންމު ޖަލްސާގައި މާލެ ސިޓީ ކައުންސިލުން އެޗް.ޑީ.ސީއަށް ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ކައުންސިލަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.
މި ނިންމުމާއި ގުޅިގެން، މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށާއި، އެކަމުގެ ސަބަބުން ހައުސިން ޑިވެލޮޕަމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން ކައުސިލްގެ މައްޗަށް ދައުވާ އުފުލާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައިއޮންނަ ސަރަޙައްދެއްގައި ސިޔާސީޕާޓީއަކުން ޖަލްސާއެއްބާއްވަން އެދުމުން،އެކަމަށް ކައުންސިލުން ދީފައިވާހުއްދަ ތަންފީޒުކުރުމަށް @PoliceMv އިން ހުރަސްއަޅުއްވަމުންދާތަން ފެންނަމުންދާތީ އެކަމުގައި ޕޮލިސް ޤާނޫނީގޮތުން ޖަވާބުދާރީކުރުވާނެކަމުގައި ދަންނަވަނ
— Dr Mohamed Muizzu (@MMuizzu) December 8, 2021
ހިޔާ ފްލެޓް ސަރަހައްދުގައި ޖަލްސާ ބާއްވުމަށް އެތަން ތައްޔާރުކުރުމުގެ މަސައްކަތް އިދިކޮޅުން އިއްޔެ ވަނީ ފަށައިފަ އެވެ. ނަމަވެސް "ކޮތަރު ކޮށި" ޖަލްސާ، ހުއްދަ ނުހޯދާ ބާއްވަން އުޅޭތީ ފުލުހުން ވަނީ އިއްޔެ ނިކުމެ އެކަން ހުއްޓުވާފައެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން އުޅޭތީ، އެކަމަށް ފިޔަވަޅު އަޅައިދިނުމަށް އެޗްޑީސީން އެދުނު ކަމަށެވެ.
ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ އަމިއްލަ ބިމެއް ގޮތަށް ރަޖިސްޓްރީކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެންނެވެ. މާލެ ސިޓީ ކައުންސިލާއި އެޗްޑީސީ އާއި ދެމެދު ބޮޑު ހަމަނުޖެހުންތަކެއް ފުރަތަމަ ހިނގައިފައި ވަނީ، މިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭ މުނިސިޕަލް ހިދުމަތް މާލެ ސިޓީ ކައުންސިލުގެ ދަށަށް ގެންނަން ސަރުކާރުން ވައުދުވެ، ނަމަވެސް ޕީޕީއެމްއިން ކައުންސިލުގެ މެޖޯރިޓީ ނެގުމުން، އެ މަސައްކަތް އަދިވެސް ކުރެވިފައި ނުވާތީއެވެ.




