އީސީ ޝަރިފަކީ އަރާހުރި ޚާއިނެއް: ޔާމީން

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކަންތައްތައް ވީގޮތް ދެން އަންނަ ޕީޕީއެމްގެ ވެރިކަމެއްގައި ސާފުކޮށްދޭނެ ކަމަށާއި، އޭރުގެ އިލެކްޝަން ކޮމިޝަނުގެ ރައީސް، ހުމަދު ޝަރީފަކީ ޚާއިނުންގެ ތެރެއިންވެސް އަރާހުރި ޚާއިނެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ހޮވިވަޑައިނުގަތުމުން، އިދިކޮޅު ފަރާތްތަކުން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރެވޭ ކަމަށް ބުނެ، އީސީ ޝަރީފަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އިދިކޮޅުން ވަނީ އިންތިހާބުގެ މިނިވަންކަމާމެދު ސުވާލު އުފައްދައިފައެވެ.

"ކޮތަރު ކޮށި" ނަމުގައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި އިންތިހާބު ބަދަލުވެގެން ދިޔަގޮތް ނޭނގޭނެ އެއްވެސް މުއައްސަސާއެއްގެ އިސް މީހަކު ނުހުންނާނެ ކަމަށެވެ. އަދި ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައިި ބޮޑުކަމަށް ފާހަގަކުރަމުން ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި އެކަމުގެ ހަޤީގަތް ސާފުކޮށްދެއްވާނެ ކަމަށެވެ.

ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ނިކަމެތިކަން ގެނުވީ އަމާނާތެއް ހަވާލުކޮށް، ގާނޫނީ ހުވާތަކެއް ކޮށްގެން ތިބި ބަޔަކު، އެމީހުންގެ ޒިންމާއިން އެއްކިބާވެ ތިބެގެން އަމިއްލަ ފައިދާއަށް ކުރި މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ. 

އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން އެމަނިކުފާނު ބަލިނުކުރެވޭނެކަން ޔަގީންވި ހިސާބުން ޗަރުކޭސް ކުޅެން ފެށި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑުމެން އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރު ކުރާ ގޮތަށް. އެކަމަކު މިއީ މި ދެންނެވި މީހުންގެ ތެރޭގައި ހަމަ ހާއިނުންގެ ތެރެއިން އަރާހުރި ހާއިނެއް. އެނގޭނެ ކަންތައް ހިނގާދިޔަ ގޮތް.” ޔާމީން ވިދާޅުވިއެވެ.

އަހުމަދު ޝަރީފް އީސީގެ މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރު، ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އަދި ހަމަ އެ ދުވަހު ޝަރީފް ވަނީ އެ ކޮމިޝަނުގެ ރައީސްކަމާ ހަވާލުވެވަޑައިގެންފައެވެ. ޝަރީފް އެމަގާމުން އިސްތިއުފާދެއްވީ މި އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ