ނޮޅިވަރަމްގެ ބަނދަރުމަތީ ހުންނަ ކެފޭއެއްގައި ރޯވެފައި-- ފޮޓޯ: ނޮޅިވަރަމް ކައުންސިލް

ނޮޅިވަރަމްގެ ކެފޭއެއްގައި ރޯވެ އަނދާ ހުލިވެއްޖެ، ބައިލައްކަ ރުފިޔާގެ ބޮޑު ގެއްލުމެއް!

ހދ. ނޮޅިވަރަމްގައި އަމިއްލަ ފަރާތަކުން ހިންގާ ކެފޭއެއްގައި ރޯވެ، ބައިލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިއްޖެއެވެ.

މި ކެފޭ އަކީ އެ ރަށުގެ ބަނދަރު މަތީ ހުންނަ، ގާޑީއާ ސްޓައިލަށް ހިންގާ ކެފޭއެކެވެ. ރޭ އެތަނުގައި އަލިފާން ރޯވެ ހިނގި ހާދިސާގައި، ކެފޭ ވަނީ އެއްކޮށް އަނދާ ހުލިވެ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއްނުވެ އެވެ.

ނޮޅިވަރަމް ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ، މުހައްމަދު މުސްތަފާ، "ފެށުން" ނޫހަށް މައުލޫމާތު ދެމުން ބުނީ، އެ ކެފޭގައި އަލިފާން ރޯވެފައިވާ ކަން އެނގުނީ ރޭ ފަތިހު 4:30 ހާއިރު، ބަނދަރުމައްޗަށް ފުރަން ދިޔަ ދެ ކުއްޖަކަށް އެތަން ފެނިގެން، ކެފޭގެ ވެރިފަރާތައް އެންގުމުން ކަމަށެވެ.

ނޮޅިވަރަމްގެ ބަނދަރުމަތީ ހުންނަ ކެފޭއެއްގައި ރޯވެފައި-- ފޮޓޯ: ނޮޅިވަރަމް ކައުންސިލް

މުސްތަފާ ކިޔައިދިން ގޮތުގައި، އެ ކެފޭއިން ރޭ އެންމެ ފަހުން ކަސްޓަމަރުން ހިދުމަތް ހޯދައިފައި ވަނީ ރޭ 12:30 ހާއިރު އެވެ. އަދި ކެފޭ މަސައްކަތް އެއްކޮށް ނިއްމާލުމަށްފަހު، ކެފޭ ބަންދުކުރި ކަމަށް ބެލެވެނީ 01:00 ގައި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެތަނުގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އަނދާ ހުލިވެފައި ވަނިކޮށް، އެ މައުލޫމާތު ލިބުނީ ރޭ ފަތިހުއެވެ.

މި ކެފޭއަކީ އެ ރަށު ކައުންސިލުން ދޫކޮށްފައިވާ ބިމުގައި ގާޑިއާ އުސޫލަށް ހިންގާ ދެ ކެފޭގެ ތެރެއިން އެއް ކެފޭއެވެ. މުސްތަފާ ބުނި ގޮތުގައި، މި އަލިފާނުގެ ހާދިސާގެ ސަބަބުން އެތަނުގައި ގެންގުޅޭ ހުރިހާ ސާމާނެއް ވަނީ އަނދާ ހުލިވެފައެވެ. އަދި އިމާރާތައް ލިބުނު ގެއްލުމާއެކު، 75،000 އެއްހާ ރުފިޔާގެ ގެއްލުން އެތަނަށް ލިބޭނެ ކަމަށް އޭނާ ލަފާކުރެ އެވެ.

ނޮޅިވަރަމްގެ ބަނދަރުމަތީ ހުންނަ ކެފޭއެއްގައި ރޯވެފައި-- ފޮޓޯ: ނޮޅިވަރަމް ކައުންސިލް

އެ ކެފޭގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ފުލުހުން މިހާރު އަންނަނީ ތަހުޤީގުކުރަމުންނެވެ. ބެލެވޭ ގޮތުގައި މިއީ ގަސްދުގައި މީހަކު ކޮށްފައިވާ ކަމެއް ކަމަށް ބެލެެވެއެވެ.

ނޮޅިވަރަމް ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރ މުސްތަފާވެސް ބުނީ، އެ ކެފޭގައި އަލިފާން ރޯވެފައި ވަނީ ކަރަންޓު ޝޯޓެއް ވެގެން، ނުވަތަ ކަރަންޓުގެ ހާދިސާއެއް ހިނގައިގެން ކަމަށް ޤަބޫލުކުރަން ދައްޗެވެ. ނަމަވެސް އަލިފާން ރޯވާން މެދުވެރިވި ސަބަބު ބޮޑަށް ދެނެގަނެވޭނީ ފުލުހުންގެ ތަހުޤީގަށް ފަހުގައި ކަމަށް މުސްތަފާ ބުންޏެވެ.

މުސްތަފާ ބުނީ، ފަހުގެ ތާރީޙެއްގައި ނޮޅިވަރަމްގައި މިފަދަ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފައި ނުވާ ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުންނަކީ ވަރަށް ގުޅިގެން އުޅޭ ބައެއް ކަމަށާއި، ރަށު ކައުންސިލާއި ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުންވެސް ވަރަށް ރަނގަޅު ކަމަށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ