ލަންކާއިން އީރާނަށް ދަރަނި ދައްކާނީ ފައިސާގެ ބަދަލުގައި ސައިފަތުން

މީގެ ކުރިން ސްރީލަންކާއަށް އީރާނުން އެތެރެކުރި ތެލުގެ ދަރަންޏެއް ދެއްކުމަށް، ފައިސާގެ ބަދަލުގައި އީރާނަށް ސައިފަތް އެކްސްޕޯޓް ކޮށްދިނުމަށް ނިންމައިފައިވާކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.

ލަންކާގެ ޕްލާންޓޭޝަން މިނިސްޓަރު ރަމޭޝް ޕަތިރާނާ އާ ހަވާލާދީ، ބީބީސީ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނަށް ދައްކަން ޖެހޭ 251 މިލިއަން ޑޮލަރުގެ ތެލުގެ ދަރަނި ދެއްކުމަށް، ލަންކާއިން ކޮންމެ މަހަކު 5 މިލިއަން ޑޮލަރަށް ވާ ސައިފަތް އީރާނަށް އެކްސްޕޯޓުކޮށްދޭނެ އެވެ.

ދެ ގައުމުން އެއްބަސްވެގެން އެގޮތަށް ނިންމީ، ލަންކާ ދައުލުގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިފައިވާ ދަނޑިވަޅެއްގައި އަދި ފޮރިން އެކްސްޗޭންޗް ގެ ދަތިތަކެއްވެސް ކުރިމަތިވެފައިވަނިކޮށް، ކޮވިޑް-19 ގެ ޕެންޑެމިކާއި ގުޅިގެން ޓުއުރިޒަމް ހުއްޓުމަކަށް އައިސް، ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެންނެވެ.

ލަންކާ ސައިފަތް ބޯޑު ބުނެފައިވާ ގޮތުގައި، އެހެން ގައުމަކަށް ދަރަންޏެއް ދެއްކުމަށް ލަންކާއިން ސައިފަތް އެކްސްޕޯޓު ކޮށްދިނުމަށް އެއްބަސްވެވުނު މިއީ ފުރަތަމަ ފަހަރެވެ.

މިނިސްޓަރު ރަމޭޝް ޕަތިރާނާ ބުނިގޮތުގައި، މި ސްކީމްގެ ދަށުން ދަރަނި ދެއްކުމަކުން އެމެރިކާ އާއި އދ. އިން އަޅާފައިވާ އެއްވެސް ފިޔަވަޅަކާ ހިލާފެއް ނުވާނެވެ. ސަބަބަކީ، ސައިފަތަކީ ކާބޯތަކެތީގެ ތެރޭގައި ހިމަނާފައިވާ އެއްޗަކަށް ވެފައި، އަދި މިކަމުގައި އިރާނުގެ ބްލެކް ލިސްޓެއްގެ އެއްވެސް ބޭންކެއް ބައިވެރިނުކޮށް ކުރިއަށްދާތީ ކަމަށެވެ. މީގެ އިތުރުން ރަމޭޝް ބުނީ، މި ސްކީމުގެ ދަށުން އީރާނަށް ދަރަނި ދެއްކުމުން ގައުމަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ކުޑަވާނެ ކަމެއް ކަމަށެވެ.

ފާއިތުވި 5 އަހަރު އީރާނުން އެތެރެކުރި ތެލަށްވާ 251 މިލިއަން ޑޮލަރުގެ ދަރަނި، ލަންކާއިން އީރާނަށް ދައްކާނީ އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު 5 މިލިއަން ޑޮލަރުގެ ސައިފަތް ފޮނުވައިގެންނެވެ.

ލަންކާ އަކީ ދުނިޔޭގައި އެންމެ ފުޅާކޮށް ސައިފަތް ހައްދާ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެގައުމުން އަހަރެއްގެ މައްޗަށް 340 މިލިއަން ކިލޯ ގްރާގެ ސައިފަތް އުފައްދަ އެވެ. އަދި މިދިޔަ އަހަރު އެގައުމުން 265.5 މިލިއަން ކިލޯ ގްރާމްގެ ސައިފަތް އެކްސްޕޯޓްކޮށް، 1.24 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ސައިފަތުން ހޯދައިފައިވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ