މާލޭ މަގުމަތީ ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި ސައިކަލު ދުއްވަނިކޮށް، އެކަން ހުއްޓުވަން އުޅުނު ފުލުހަކަށް ހަމަލާދިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އިއްޔެ ވުނީ، މާލޭގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ ހަތަރު މީހަކު، މި މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި މަޖީދީމަގާއި ދިލްބަހާރުމަގު ގުޅުނު ހިސާބުގައި ދެ ސައިކަލެއްގައި ދުއްވަމުން ދިޔަ ކަމަށެވެ.
އަދި އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އަޅައި އެ ފުލުސްމީހާއަށް ހަމަލާދީ މާރާމާރީ ހިންގައި ބިރުދައްކައި އިންޒާރުދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި މި މަހުގެ 23 ވަނަ ދުވަހު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ވީނަސްވިލާ، މުޙައްމަދު ވިޢާމް (27އ) އާއި ސ. ހިތަދޫ، ފާނަފިލާގެ، ޙަސަން ޢަލީމް (22އ) އަދި ކ. މާލެ، ދަފްތަރު ނަންބަރު ދރ2841، ޝާން ޢަބްދުﷲ (20އ) އެވެ.
ފުލުހުން ބުނީ، މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، 7 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައި ކަމަށެވެ. މި އެންމެންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ގްރޫޕް ހަދައިގެން މިފަދަ އަމަލުތައް ހިންގާ މީހުންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ފުލުހުން ކުރަމުން ގެންދާނެ ކަމަށް އެ އިދާރާއިން ބުންނެވެ.



