ފޮޓޯ: އިބްރާހީމް ޝަމްވީލް/ ދެން

ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 24،000 އަށް

ރާއްޖެއިން ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒު ޖެހި މީހުންގެ އަދަދު 24000އަށް އަރައިފި އެވެ.

ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި މި ވަގުތު ރާއްޖޭގައި ޖަހާނީ ފައިޒާ ވެކްސިން އެކަންޏެވެ. ބޫސްޓާ ޑޯޒް ޖަހަން ރާއްޖޭގައި ފަށައިފައި ވަނީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ފަހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި، އިއްޔެ އާއި ހަމައަށް ރާއްޖެއިން ބޫސްޓާ ޑޯޒު ޖެހި މީހުންގެ އަދަދަކީ 24،201 އެވެ. ދެވަނަ ޑޯޒު ޖެހައިފައި ވަނީ 366،892 މީހުންނެވެ. އަދި ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދަކީ 396،570 މީހުންނެވެ.

ރާއްޖޭގައި ފައިޒާ ވެކްސިންގެ ތިންވަނަ ޑޯޒެއް ދޭން ފަށައިފައިވަނީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. މި ވެކްސިންގެ ބޫސްޓާ ޑޯޒު ރާއްޖޭގައި ފުރަތަމަ ދީފައި ވަނީ 60 އަހަރުން މަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންގެ އިތުރުން ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުންނަށް އެކަންޏެވެ.

ނަމަވެސް މިހާރު 50 އަހަރުން މަތީގެ މީހުންނަށް ތިންވަނަ ޑޯޒު ޖަހަން ވަނީ ފަށައިފައެވެ.

ދެކުނު އެފްރިކާއިން ފެނިގެން އުޅޭ  ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޮންއާ ގުޅިގެން ރާއްޖޭގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ، ޑިސެމްބަރު މަހުގެ މެދު ތެރޭގައި ރާއްޖޭގެ އާންމު ރައްޔިތުންނަށް ބޫސްޓާ ޕްރޮގްރާމް ފެށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެ ކުރިން ހާމަކުރައްވައިފަ އެވެ.

ބޫސްޓާ ޑޯޒު ޖެހުން އާންމުކޮށް ހުޅުވާލުމަށް ކޮވެކްސް ފެސިލިޓީން ރާއްޖެއަށް ހަދިޔާކުރި 100،620 ޑޯޒުގެ ފައިޒާ ވެކްސިންގެ ޝިޕްމެންޓް މި މަހުގެ 18 ވަނަ ދުވަހު ވަނީ ރާއްޖެ ގެެނެސްފައެވެ.

އެޗްއީއޯސީން ބުނީ، ފައިޒާގެ އާ ޝިޕްމެންޓް ލިބުމާއެކު ބޫސްޓާ ޑޯޒު ޖެހުމުގެ ޕްރޮގްރާމް ފެށުމަށް އެންމެ ފަހުންގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ނަމަވެސް ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖްގެ ގްލޯބަލް ޝޯޓޭޖެއް އުޅޭތީވެ، އެ ޝިޕްމެންޓް ލިބުމުގައި ލަސްތަކެއް އުޅޭކަމަށް އެޗްއީއޯސީން ބުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ