މި އަހަރު ފުރަތަމަ ރާއްޖެ އައި ފަތުރުވެރިޔާއަށް ޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިއަދު ރާއްޖެ 2022 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔަކީ އިނގިރޭސިވިލާތުގެ ޖޯޖީނާ ކެނިންގް އެވެ. ޖޯޖީނާ ރާއްޖެ އައީ އޭނަގެ ހަޔާތުގެ ބައިވެރިޔާ އާއެކު، އާ އަހަރު ފާހަގަކުރުމަށާއި، އަދި އޭނާގެ 47 ވަނަ އުފަންދުވަސް ފާހަގަކުރުމަށެވެ. މިއީ ޖޯޖީނާ އޭނަގެ ހަޔާތުގެ ބައިވެރިޔާ އާއެކު ރާއްޖެ އައި ދެވަނަ ފަހަރެވެ.
ޖޯޖީނާ ދިވެހިރާއްޖެއަށް އައިސްފައިވަނީ ގަލްފްއެއަރގެ ފްލައިޓް GF144ގައި މިއަދު ފަތިހު 6:10ގައެވެ. މި ދެމެފަރިން މިއަދު ރާއްޖެ އައުމާއެކު، ޖޯޖީނާ އަށް ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ގާ ހޫނު މަރުޙަބާ އެއް ކިޔާ، ޙާއްސަ ހަފްލާއެއް މިއަދު މިއަުދ ވަނީ ބާއްވައިފަ އެވެ.

މި ހަފްލާގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ/ވިޒިޓް މޯލްޑިވްސް)ގެ އިސްވެރިންގެ އިތުރުން، އިމިގްރޭޝަން މޯލްޑިވްސް އާއި، މޯލްޑިވްސް އެއަރޕޯޓް ކޮންޕެނީ އަދި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ފާހަގަކޮށްލެވޭ ގިނަ ފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.
2022 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާގެ ޝަރަފާއެކު ޖޯޖީނާއަށް ވަނީ ގިނަ ހަދިޔާތަކެއްވެސް ދީފައެވެ.
ރާއްޖެއަށް މިއަހަރު ޒިޔާރަތްކޮށްފައިވާ ފުރަތަމަ ފަތުރުވެރިޔާއަށް އަދާރަން ޕްރެސްޓިޖް ވާދޫ އިން 5 ރޭގެ ފުލްބޯޑް ޗުއްޓީއެއް ވަނީ ހަދިޔާ ކޮށްފައެވެ. މީގެ އިތުރުން، އެމްއެމްޕީއާރސީ, މިނިސްޓްރީ އޮފް ޓޫރިޒަމް, މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ ފަރާތުން ވަނީ މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ގިނަ ހަދިޔާތައް ދެއްވާފައެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ދިރާގު އަދި ކޮއެލް އައިވެއަރގެ ފަރާތުންވެސް ވަނީ ހާއްސަ ހަދިޔާތައް ދެއްވާފައެވެ.

އެމްއެމްޕީއާރސީގެ ޗީފް އެކްސެކިޓިވް އޮފިސަރ އަދި މެނޭޖިންގް ޑިރެކްޓަރ، ތޮއްޔިބް މުޙައްމަދު ވިދާޅުވީ ފާއިތުވި 2 އަހަރު ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކޮވިޑް-19 ގެ ސަބަބުން ގިނަ ގޮންޖެހުންތަކާ ކުރިމަތިވިކަމަށެވެ.
ނަމަވެސް މިކަންކަމުން އަރައިގަނެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާތީ އެކަމާ ހިތްހަމަޖެހުން ފާޅުކުރައްވާ ތޮއްޔިބް ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ޝާމިލްވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކުން ކުރިމަތިލާފާވަނީ ފޮނި އުންމީދުތަކާއެކު، އެންމެން އެކުގައި، އެއް އަޒުމެއްގައި ކަމުގައި އެއްވެސް ޝައްކެއްނެތްކަމަށެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވާއިރު، ސަރުކާރުގެ މި އަހަރުގެ އަމާޒަކީ ދެ މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް ޓުއުރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވީ 2021 ވަނަ އަހަރަކީ ތަފާތު ގިނަ ގޮންޖެހުންތަކާއި އެކުވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ކާމިޔާބު އަހަރެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާ އެނދުގެ އަދަދު 9.4 އިންސައްތައިން އިތުރުވެފައިވާއިރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދުވެސް ވަނީ ރިކޯޑު އަދަދަކަށް މަތިވެފައެވެ. އަދި ވިދިވިދިގެން ދެއަހަރު "ވޯލްޑް ޓްރެވަލް އެވޯޑްސް" ގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ޙާސިލުކޮށް ރާއްޖެ ވަނީ ދުނިޔޭގައި ނަމޫނާ މަންޒިލެއްގެ ގޮތުގައި ވިދާލާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު މި ކާމިޔާބީ ހޯއްދެވުމުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކާއި، ކަމާގުޅޭ ސަރުކާރުގެ މުވައްސަސާތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ އެންމެހާ ހީވާގި މުވައްޒަފުން އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކޮށް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް ހިމެނޭހެން އެންމެހާ ފަރާތްތަކަށް މިނިސްޓަރު ވަނީ ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން އެމަނިކުފާނުވަނީ ފަތުރުވެރިކަމުގެ ރަންއަހަރަށް އެންމެހާ ފަރާތްތަކަށް ތަޙުނިޔާ އާއި މަރުޙަބާ ދަންނަވާފައެވެ.
ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގާ ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮއްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފާވެއެވެ. މީގެ ތެރޭގައި 17 ފެއަރ އާއި، ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.




