ޓުއުރިޒަމް މިނިސްޓްރީން މިއަހަރަށް ކަނޑައެޅި އަމާޒުކަމުގައިވާ 1.3 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުވެއްޖެ އެވެ.
1.3 މިލިއަން ވަނަ ޓޫރިސްޓަށް އިއްޔެ ރާއްޖެއިން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ. އިއްޔެ ހަވީރު ގަލިވް އެއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 1.3 މިލިއަން ވަނަ ފަތުރުވެރިޔަކީ ރުމެނީއާގެ ރައްޔިތެއް ކަމަށްވާ ކޮންސްޓެންޓައިން ސްޓޭލިއަން އެމިލް އެވެ.
އެމިލްާ ރާއްޖެއައީ އާއިލާއާއެކު ބަންޑޮސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށެވެ. މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރެވެ. މީގެ ފަސް އަހަރު ކުރިން އޭނާ ރާއްޖެއައީ ހަނީމޫނު ދަތުރަށެވެ. އެ މީހުން އޭރު ހަނީމޫން ހޭދަކޮށްފައި ވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ.

އިއްޔެ އެމިލް އާއި އޭނަގެ އާއިލާއަށް ވެލާނާ އެއާޕޯޓުން މަރުހަބާ ކިިޔާފައިވަނީ ޓުއުރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އެވެ. އަދި އެމަލް އަށް މަރުހަބާ ކިޔުމަށް ސަގާފީ ހަރަކާތްތައްވެސް އެއާޕޯޓުގައި ކުރިއަށް ދިޔައެވެ.
މި އަހަރު ރާއްޖެއިން ކަނޑައެޅި އެއް މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުވީ މިދިޔަ އޮކްޓޯބަރު މަހުއެވެ. އަދި އެއަށްފަހު މިއަހަރު ނިމުމުގެ ކުރީން 1.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ޓުއުރިޒަމް މިނިސްޓްރީން އަމާޒު ހިފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިދިޔަ އަހަރުގެ މާޗު 27 ގައި ބޯޑަރު ބަންދު ކުރުމަށް ފަހު ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން އެދުވަހެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް ފަތުރުވެރިން އައި ދުވަހަކީ މި މަހުގެ 26 ވަނަ ދުވަހެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، އެދުވަހު ޖުމްލަ 7،098 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.
އެއް ދުވަހެއްގެ ރެކޯޑުތައް:
- 26 ޑިސެމްބަރު -7،098 ފަތުރުވެރިން
- 18 ޑިސެމްބަރު -6،955 ފަތުރުވެރިން
- 19 ޑިސެމްބަރު - 6،715 ފަތުރުވެރިން
މިއަހަރަށް ބަލާއިރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އުޅެނީ 5،000 ގައެވެ. މިދުވަސްކޮޅަކީ ކްރިސްމަސް ޗުއްޓީއަށް ވުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ އެއާޕޯޓުވެސް ވަނީ ތޮއްޖެހިފައެވެ. އެއާއެކު ރަންވޭ ހުޅުވާ ވަގުތު މިހާރު ވަނީ އިތުރުކޮށްފި އެވެ. އެގޮތުން ކުރިން ހެނދުނު 6:00 ގައި ހުޅުވާ ރަންވޭ މިދުވަސްވަރު ހުޅުވަނީ ފަތިހު 5:00ގަ އެވެ.
މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރި ގޮތުގެ ތަފާސްހިސާބު
- ޖެނުއަރީ - 92،103 ފަތުރުވެރިން
- ފެބްރުއަރީ - 96،882 ފަތުރުވެރިން
- މާޗް - 109،585 ފަތުރުވެރިން
- އޭޕްރީލް - 91،200 ފަތުރުވެރިން
- މެއި - 64،613 ފަތުރުވެރިން
- ޖުލައި - 101،818 ފަތުރުވެރިން
- އޮގަސްޓް - 143،599 ފަތުރުވެރިން
- ސެޕްޓެމްބަރު - 114،896 ފަތުރުވެރިން
- އޮކްޓޯބަރު - 142،066 ފަތުރުވެރިން
- ނޮވެމްބަރު - 144،725 ފަތުރުވެރިން
ސަރުކާރުގެ އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.




