މ. ދިއްގަރަށް އައި ފުރަތަމަ ހޯމްސްޓޭ ޓުއުރިސްޓުންނާއެކު، ހޯމްސްޓޭ ޓުއުރިޒަމް ރަސްމީކޮށް ރާއްޖެއަށް ތައާރަފްވެއްޖެ އެވެ.
އިއްޔެ އިން ފެށިގެން ފެށިގެން ރާއްޖޭގައި ހޯމްސްޓޭ ޓުއުރިޒަމް ރަސްމީކޮށް ފަށައިފައިވާއިރު، ދިއްގަރުގައި އެ ވިޔަފާރި ފަށާ އެ ރަށަށް ދިޔަ ފުރަތަމަ ފަސް ފަތުރުވެރިންނަށް އިއްޔެ ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. ފުރަތަމަ ޓޫރިސްޓުގެ ގްރޫޕްގައި ބޭރުގެ ދެމަފިރިއަކާއި އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތުރިން ހެސްވެލް ވެސް ހިމެނިވަޑައިގަތެވެ.
ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ދިއްގަރުގެ ގިނަ ރައްޔިތުން ބަނދަރު ސަރަހައްދަށް އިއްޔެ ވަނީ ގޮސްފައެވެ. އަދި ފަތުރުވެރިން ރަށަށް ފޭބުމުން ސަގާފީ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ދިއްގަރުގައި ރަސްމީކޮށް ހޯމްސްޓޭގެ ވިޔަފާރި ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދާއި މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ބައިވެރިވެވަޑައިގެންނެވި އެވެ.
ހޯމް ސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައި ވަނީ މ. ދިއްގަރުގެ "މޫރިތި" ގެ އެވެ. އެ ގޭގެ ތިން ކޮޓަރީގައި ޓޫރިސްޓުން ބޭތިއްބުމުގެ ލައިސެންސް، ޑރ. މައުސޫމް ވަނީ އެ ގޭގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.




